30 Dec 2014, 12:01
ގްރެމީ އެވޯޑު ހާސިލްކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯން ޕޯލްއަށް މަރުގެ އިންޒާރުދީ އިންޓަނެޓުގައި ވީޑިއޯ އާންމުކުރި މައްސަލައިގެ ތަހުގީގުގައި ގެއެއް ބަލައި ފާސްކޮށް ދެ މޯބައިލް ފޯނާއި ލެޕްޓޮޕެއް ފުލުހުން ގެންގޮސްފި އެވެ.
ފުލުހުން އިއްޔެ ބަލައި ފާސްކޮށްފައި ވަނީ ރާއްޖެ ޓީވީގައި ގްރެފިކްސް ޑިޒައިނަރުގެ ވަޒީފާ ކުރިން އަދާކޮށްފައިވާ މޫސާ ޝިފާޒުގެ ގެއެވެ.
ސަން އަށް މައުލޫމާތު ދެމުން ޝިފާޒު ބުނީ ގައުމީ ފުޓުބޯޅަ ދަނޑު ކައިރީ ހުންނަ އެ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރީ އިއްޔެގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ބުނީ ކޯޓު އަމުރެއްގެ ދަށުން ގެ ބަލައި ފާސްކުރުމަށްފަހު އޭނާގެ ދެ މޯބައިލް ފޯނާއި ލެޕްޓޮޕް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ގެންގޮސްފައި ވަނީ އައިފޯސް6 ޕްލަސް އަކާއި ސޮނީ އެކްސްޕީރިއާ އަކައި އައިމެކް އަކެކެވެ.
އެ ތަކެތި ގެންގޮސްފައި ވަނީ ކޯޓު އަމުރުން ފުލުހުންނަށް ބާރު ލިބިފައިވާތީ ކަމަށާއި އެތަކެތި ގެންދިޔުމަށް އޭނާ އިއުތިރާޒު ނުކުރާ ކަމަށް ވެސް ޝިފާޒު ބުންޏެވެ.
"އަޅުގަނޑު ބުނިން ބޭނުން އެއްޗެއް ގެންދާށޭ،" ޝިފާޒު ބުންޏެވެ.
އޭނާ ބުނީ ގެބަލައި ފާސްކުރުމަށްފަހު ޗިޓެއް ހަވާލުކޮށް ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން އޭނާ އަށް އެންގި ކަމަށެވެ. އަދި އެ ޗިޓުގައިވާ ގަޑިއަށް ފުލުސް އޮފީހަށް ހާޒިރުކުރުމުން އޭނައާ ދެތިން ސުވާލު ކުރި ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑާ ދެތިން ސުވާލު ކުރީ. ކުރިން ވަޒީފާ އަދާކުރީ ކޮންތާކޮތޯ؟ އާއި ވީޑިއޯ ތައްޔާރުކުރަން އެނގޭތޯ. އަޅުގަނޑަކީ އެ ފިލްޑުގައި މަސައްކަތް ކުރާ މީހެއް ކަމުގައިވާތީ އަޅުގަނޑު ބުނިން އަޅުގަނޑަށް އެނގެޔޭ. އެހެންނަމަވެސް ވީޑިއޯގެ މަސައްކަތް އަޅުގަނޑު ނުކުރާތާ ވަރަށް ގިނަ ދުވަސް ވެދާނެ،" ޝިފާޒު ބުންޏެވެ.
ޝިފާޒު ބުނިގޮތުގައި ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ އިންޒާރުގެ ވީޑިއޯ ތައްޔާރުކުރުމަށް ބަޔަކަށް އެހީތެރިވެދިން ކަމުގެ ތުހުމަތެވެ. ފުލުހުން އޭނާގެ މައްޗަށް އެ ތުހުމަތުކޮށްފައި ވަނީ ބަޔަކު ކުރި ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެއީ "ގޯސް ރިޕޯޓެއް" ކަމަށް ޝިފާޒު ބުންޏެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލާ ސުވާލުކުރުމުން ވިދާޅުވީ އެ މައްސަލައާ ގުޅޭގޮތުން އެއްވެސް އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.