އާ އަހަރާ ދިމާކޮށް ސަރުކާރުން ބާއްވާ ޓޫރިޒަމް ކައުންޓް ޑައުން ޝޯ އަށް ހުރަސްއެޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާދަމާ ރޭ ގައުމީ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެއްސި އެ ޝޯގައި ސަލާމަތީ ސަބަބުތަކަކަށް ޓަކައި ބައިވެރިނުވާނެ ކަމަށް ޝޯން ޕޯލް ވަނީ ބުނެފަ އެވެ. ނަމަވެސް އޭނާ ބައިވެރި ނުވިއަސް، އެ ޝޯ ކުރިއަށްދާނެ ޝޯ އިންތިޒާމް ކުރާ ޗޮޕްއާޓުން ވަނީ ބުނެފަ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "މި ސަރުކާރުގެ މުނާފިގުކަން ބޮޑު ކަމަށާއި އެހެން ނަމަވެސް އާ އަހަރު ފާހަގަކުރުމަށް މި ސަރުކާރުން އިންތިޒާމް ކުރި މިއުޒިކް ޝޯ އަށް ހުރަސް އެޅުމަކުން ރާއްޖެ ރަނގަޅެއް ނުލިބޭނެ،" ކަމަށެވެ.

"ޓޫރިސްޓް އެރައިވަލް ކައުންޓް ޑައުން"ގެ ނަމުގައި ސަރުކާރުން ބާއްވަން ހަމަޖެއްސި އެ ޝޯގައި ބައިވެރިނުވުމަށް ޝޯން ޕޯލް ނިންމީ އޭނާ އަށް މަރުގެ އިންޒާރުދީ ސޫރިޔާގައި ހަރަކާތްތެރިވާ ޖަބުހަތުއް ނުސްރާއާ އެކު ހަނގުރާމަކުރަމުން އަންނަ ދިވެހިންތަކެއް ހިންގާ ކަމަށް ބެލެވޭ ބިލާދުއް ޝާމް މީޑިއާގެ ލޯގޯ އާއެކު ޔޫޓިއުބުގައި އަޕްލޯޑްކުރި ވީޑިއޯއަކާ ގުޅިގެންނެވެ.

އެ ވީޑިއޯގައި ބުނެފައި ވަނީ، ޝޯން ޕޯލް ރާއްޖެ އައިސްފި ނަމަ ދެން ފެނިގެންދާނީ އޭނާގެ "ފުރާނަ ނެތް، ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު" ކަމަށެވެ. ނަމަވެސް ޝޯން ޕޯލްއަށް މަރުގެ އިންޒާރުދީ އާއްމުކޮށްފައިވާ އެ ވީޑިއޯ އަކީ ސޫރިޔާގައި ތިބި ދިވެހި ހަނގުރާމަވެރިން ކުރި ކަމެއް ނޫން ކަމަށް އެމީހުން ފަހުން ވަނީ ބުނެފަ އެވެ.

ޝޯން ޕޯލް އަށް އިންޒާރު ދިން އެ މައްސަލައާ ގުޅިގެން ވެސް ނަޝީދު ވަނީ އެ ވީޑިއޯ ހެދި ބަޔަކު ހޯދައި ފިޔަވަޅު ނާޅައިފި ނަމަ ރާއްޖޭގެ ޓޫރިޒަމަށް އިތުރު އަސަރު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ސޯން ޕޯލްގެ އެ ޝޯ ނުބޭއްވުމަށާއި އެފަދަ ކަންކަމަށް ސަރުކާރުން އެއްބާރުލުން ނުދިނުމަށް ރާއްޖޭގެ ދީނީ ބައެއް އިލްމުވެރިންް ވެސް ވަނީ ގޮވާލައްވައިފަ އެވެ. އަދި އެ ޝޯ ރާއްޖޭގައި ބޭއްވި ދާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ވެސް ވަނީ ޓުވީޓާގައި ވިދާޅުވެފަ އެވެ.