30 Dec 2014, 10:40
ގދ. ރަތަފަންދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން ބަޔަކާ ހަވާލުކުރުމުގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ ކައުންސިލްގެ ރައީސް އަހްމަދު ފައުޒީ އާއި އިތުރު ތިން ބޭފުޅެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ފައުޒީގެ އިތުރުން އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައި ވަނީ ކުރީގެ ދެ ކައުންސިލަރުން ކަމަށްވާ ފަތުހުﷲ އަހްމަދާއި ފަތުހުﷲ ބަޝީރުގެ އިތުރުން މުނިސިޕަލްސާވިސް އޮފިސަރު އައްބާސް ހަނީފްގެ މައްޗަށް ކަމަށެވެ.
އޭސީސީން މިއަދު އާންމުކުރި ބަޔާނެއްގައި ވަނީ ރަތަފަންދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކުރި އިއުލާނާ ގުޅިގެން ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި އިވެލުއޭޝަން ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ފަތުހުﷲ އަހްމަދާއި ފަތުހުﷲ ބަޝީރު އަދި އައްބާސް ހަނީފް މާކްސްދީފައި ވަނީ ކަނޑައަޅާފައިވާ ކްރައިޓީރިއާއާ ޚިލާފަށް ކަމަށެވެ.
ކަނޑައަޅާފައިވާ ކްރައިޓީރިއާއާ ޚިލާފަށް މާކްސްދީފައިވާއިރު އެއީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަން ތަހުގީގަށް ލިބިފައިވާ ލިޔުންތަކާއި ބަޔާންތަކުން އެނގެން އޮންނަ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީގެ ބަޔާނުގައި ވަނީ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ހަވާލުކޮށްފައި ވަނީ ކައުންސިލްގެ ރައީސް ފައުޒީ ބަލަންވާވަރަށް ނުބަލައިކަން އޭނާގެ އިއުތިރާފުން ތަހުގީގަށް ސާބިތުވާ ކަމަށެވެ.