30 Dec 2014, 10:32
މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެވެ. ވެރިރަށް މާލެއަށް ބަލާއިރު މަސްވެރިކަން ދައްކުވައިދޭ ތަނަކަށްވެފައި ވަނީ މަސް މާރުކޭޓެވެ. އެތަނަކީ ދެ ކަމެއް ހާސިލް ކުރުމަށް އެތައް ބަޔަކު ގޮސް އުޅޭ ތަނެކެވެ. އެއް ބަޔަކު ދަނީ ކެއިންބުއިމަށް މަސް ހޯދުމަށެވެ. ދެން އެތަނަށް އެންމެ ގިނައިންދާ ބަޔަކަށް ވެފައިވަނީ ޓޫރިސްޓުންނެވެ. ގިނަ އަދަދެއްގެ ޓޫރިސްޓުން އެތަނަށް ގޮސް އުޅެނީ ދިވެހިންގެ ޒަމާންވީ މަސައްކަތް ބަލައިލުމަށެވެ. ނަމަވެސް އެމާރުކޭޓް ވެފައިވަނީ އެތަނުގެ ގޮނޑުކަމާއި ވީރާވުމުގެ އަސަރުތައް ގިނަ ތަނަކަށެވެ.
ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ގޮސް އުޅޭ މަސްމާރުކޭޓަށް ބަލާއިރު އެއިމާރާތަށް އެތައް ގެއްލުންތަކެއް ލިބިފައިވާތަން ފެންނަން އެބަހުއްޓެވެ. ހަމަ އެހެންމެ އެ އިމާރާތް މަރާމާތު ނުކުރެވުމުގެ ސަބަބުން "ރޫޅިފައިވާ" ސަރަހައްދުތައް ވެސް ގިނަ އެވެ. ކުލަ ލާފައިވަނީ ވެސް ނަމަކަށެވެ. ކުލަ ޖެހުނު ތާކު ޖެހުނީ އެވެ. ނުޖެހޭ ތާކު ނުޖެހެނީ އެވެ. ތަނެއް ރީތި ކުރަން ކޮށްފައިވާ ތަނެއް ކަމެއް ނުފެނެ އެވެ. މޯޓަރު ފަދަ ތަކެތި ހަރުކޮށްފައިވާ ސަރަހައްދުތަކަކީ ވެސް އެހާ ގޮނޑު ދަބަރުން ފުރިފައިވާ ހިސާބެކެވެ. ފެން ވައިރުކުރުމަށް އިމާރާތުގައި އަޅާފައިވާ ހޮޅިތައް ވެސް ހުރީ އެހެން މިހެންނެވެ. ފެންނަ ފެނުމަށް އެ އިމާރާތަކީ ފޮޅާ ސާފު ކުރާތަނެއްހެން ނުފެނެ އެވެ. ހާއްސަކޮށް އިމާރާތް ބޭރު ފެންނަނީ "ދަމިލަ" ވެފައިވާ ތަނެވެ. ބޭރު ފާރުތަކަކީ ނޯޓިސް ބޯޑެއް ފަދަ ތަނެކެވެ. ސާފް ކުރާތަނެއް ނުފެ އެވެ.

މާރުކޭޓުގެ އެތެރެއަށް ބަލާއިރު ވެސް އެހާ ގޮނޑެވެ. މަސް ބަހައްޓަން އަށިތަކުގައި ބައެއް ފަހަރު މަހަށް ވުރެ ސިނގިރޭޓު ފިލްޓަރާއި އެހެނިހެން ކުނިބުނި ގިނަ އެވެ. ފެން ހިންދާ ނިޒާމްގެ ސާފްތާހިރުކަން ވެސް ކުޑަ އެވެ. އެއް ލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅޭ މި މާލެ އަށް މަސް ވިއްކާ އެމާރުކޭޓުގައި ވިއްކާ މަސް އަތުރާފައި އެހުންނަނީ މީހުން ހިންގާ ތަޅުންމަތީގަ އެވެ. އެގޮތުން އަށިތައް ހުހަށް ހުންނައިރު މަސްތައް ހުންނަނީ މީހުން ހިނގާ ތަޅުންގަނޑުމަތިގައި އަތުރާފަ އެވެ. އެކަމުގެ ސަބަބުން ފައިވާންތަކުގައި ހުންނަ ހިރަފުހާއި ތަޅުންގަނޑުގައި ހުންނަ ފެނާއި އެއްވެ "ކިލާފެން" އުފެދި އެފެންތައް މަހަށް އަސަރު ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

"ހަގީގަތުގައި ދެން ގޮތެއް ނެތިގެން ނޫނީ މަ މިތާކަށް ނާންނާނަން، ހިނގެނީއެއް ނޫން، ދެން މަސް ގެންގުޅޭ ތަނަކަށް މިއަށް ވުރެ ތާހިރު ކުރެވޭނެ ދޯ، މިތާ ވިއްކާ މަސް ނުވާނެ ތޯއްޗެ ކާންވެސް،" މަސް ގަތުމަށް ގޮސްހުރި ޒުވާނަކު ބުންޏެެވެ.
އެހުރިހާ ކަމެއް އެގޮތަށް ހުރެ މުޅި އިމާރާތް އިންދިރާސް ވަމުންދާ އިރު ވެސް އެކަން ބަލައި ފިޔަވަޅުތައް އަޅައި އިސްލާހު ކުރާނެ ފަރާތެއް ނެތް ކަން މިއީ ހަގީގަތެވެ. އެހެން ނޫން ނަމަ މިހުރިހާ ދުވަސްވީ އިރު ހައްލުކުރެވެންވާނެތާ އެވެ. އެތައް ޓޫރިސްޓުންނެއް އެތަން ބަލަން ޝައުގުވެރިވިޔަސް އެތަނުގެ ހަޑިކަމާއި މެދު ގިނަ ޝަކުވާތަކެއް ކުރެ އެވެ.

ޓުއާ ގައިޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝިޔާމު ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ޓޫރިސްޓުން ދިއުމަށް ބޭނުންވާ އެމާރުކޭޓުގައި "ނޯ ދަމާލަން ނުކުރޭ" ކަމަށާއި އަދި މުޅި ސަރަހައްދުގައި މަސް އަތުރާފައި ވާތީ ޓޫރިސްޓުން އެތަން ބަލާލަން ހިންގާލެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.
"މުޅި އެމާރުކޭޓް އެވަނީ ލެއިން ތަތްތެޅިފައި، ދެން ޝަކުވާ ކުރާނެތާ، އެތަން ވަރަށް މުޑުދާރު ވިއްޔަ،" ޝިހާމް ވިދާޅުވި އެވެ.
މާރުކޭޓުގެ ހާލަތު މިހާ ދަށަށް ދިއުމަށް މެދުވެރިވާ ސަބަބެއް ކަމަށް ބެލެވެނީ އެތަން ބަލަހައްޓާނެ ޒިންމާދާރު ފަރާތެއް ނެތުމެވެ. ހަގީގަތުގައި އެއީ ކޮންމެ މީހަކު ވެސް ފަސޭހަކަމާ އެކު ގޮސް އުޅެވޭ ކަހަލަ ތަނަކަށް ވާންޖެހޭނެ އެވެ. ސަބަބަކަށް ވަނީ އެއީ ދިވެހިންގެ ބޮޑު ޝަރަފެއް ދައްކުވައިދޭ ތަނަކަށް ވުމެވެ. ނަމަވެސް އަޅާނުލެވި އެތަނަށް އެތައް ޒަމާނެއް ވުމުން މިއަދު މިވަނީ އިންދިރާސް ވެފަ އެވެ.
މިހުރިހާ ކަމެއް މިހެން ހުރިއިރު ކަމެއް ހައްލުކުރާނެ ފަރާތެއް ނެތީބާ އެވެ؟ މުޑުދާރު މަސް މާރުކޭޓުގައި ވިއްކާކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ނޭނގެނީކީ ނޫނެވެ. ފުޑް އެންޑް ޑުރަގް އޮތޯރިޓީގެ ސައިންޓިފިކް އޮފިސާ ސާޖިދާ މުހައްމަދު ވިދާޅުވީ މާލޭގެ މަސް މާރުކޭޓްގައި ސިއްހަތަށް ރަނގަޅު ނޫން ގޮތަށް މަސް ވިއްކާކަމީ "ހިނގަމުންދާ ކަމެއް" ކަމަށެވެ. އަދި އެފަދަ މައްސަލަތައް ފާހަގަ ކުރެވި ހައްލުކުރަން އެތައް ފަހަރެއްގެ މަތިން ސިޓީ ކައުންސިލްއަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ އަހަރަކު އަޅުގަނޑުމެން ރިޕޯޓްތައްޔާރީ ކުރަން. ރިޕޯޓް ތައްޔާރީކޮށް ސިޓީ ކައުންސިލަށް ހިއްސާކޮށްފައިވާނެ ރަނގަޅު ކުރަންޖެހޭކަންކަން. އޭރު ވެސް ފާހަގަކުރެވޭ އައިސް ކެނޑުނީމާ އައިސްކޮށް ގެން މަސް ވިއްކާކަން،" ސާޖިދާ ވިދާޅުވި އެވެ.

އިމާރާތުގެ މަރާމާތާއި ގުޅޭ ގޮތުން ސުވާލުކުރުމުން މާލޭ ސިޓީ ކައުންސިލް މޭޔަރު މުހައްމަދު ޝިހާބް އެއީ ބަޔަކާއި ހަވާލުކުރެވިފައިވާ ތަނެއް ކަމަށާއި މަރާމާތައް އެދި ސިޓީ ކައުންސިލްއަށް ހުށައަޅާފައި ނުވާ ކަމަށެވެ. އެކަމާ ގުޅިގެން މިއަދު ސަން އަށް ވިދާޅުވީ މަސް މާރުކޭޓު ބެލެހެއްޓުން ވަނީ ބަޔަކާއި ހަވާލު ކުރެވިފައި ކަމަށާއި އެފަރާތުން އެމަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މާރުކޭޓު މަތީ ބުރިއަކީ ހޮޓާ ހިންގުމަށް ބަޔަކަށް ދެވިފައިވާ ތަނަކަށްވެފައިރު އެފަރާތުން އެތަންތަން މަރާމާތު ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ކަމާ ހަވާލުވާނެ ފަރާތެއް ނުފެނެ އެވެ. ކޮންމެ ފަރާތަކުންވެ ސް އަނެއް ފަރާތައް އެންގި ކަމަށް ބުނަނީ އެވެ. ހަގީގަތަކީ މިއީ ޓޫރިޒަމް ފުޅާވެފައިވާ އަދި ސާފުތާހިރު ބައެއް އުޅޭ ކަަށް ނަން މަޝްހޫރުވެފައިވާ ރާއްޖެ އަކުން ފެންނަން ފާނެ މަންޒަރެއް ނޫނެކަމެވެ. މަސައްކަތްތެރިކަން ދައްކުވައިދޭ މާރުކޭޓު މިވަނީ އިންދިރާސް ވެފަ އެވެ.