30 Dec 2014, 10:10
އާ އަހަރު ފުރޭ ދުވަހުގެ ރޭ ބާއްވާ ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގައި ބައިވެރިވެވެން ނެތް ކަމަށް މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ބުނެފައިވީނަމަވެސް އެޝޯ ކުރިއަށްދާނެ ކަމަށް އެޝޯ އިންތިޒާމް ކުރާ ޗޮޕްއާޓުން ބުނެފި އެވެ.
ޗޮޕްއާޓުގެ ފޭސް ބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ސެކިއުރިޓީ މައްސަަތަކެއްގެ ސަބަބުން ޝޯން ފޯލް ރާއްޖެ ނާންނާނެ ކަމަށް ނިންމާފައިވީ ނަމަވެސް އެޝޯ ކުރިއަށްދާނެ ކަމަށާއި ތަފްސީލް ފަހުން އާންމުކުރެވޭނެ ކަމަށެވެ.
ޝޯން ޕޯލް ގެންނަން ނިންމައި އިންތިޒާމް ކުރި އެޝޯގައި ދެން ޕާފޯމްކުރާނީ ކޮން ފަންނާނުންތޯ ބެލުމަށާއި ޝޯގެ ތަފްސީލް ހޯދާލުމަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބް ނުދެއްވާތީ ތަފްސީލް ވަނީ ލިބޭގޮތްނުވެފަ އެވެ.
ޝޯން ޕޯލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ރޭ މެންދަމު އާންމު ކުރި ލިޔުމެއްގައި ބުނެފައި ވަނީ ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގައި އޭނާ އަށް ބައިވެރިވެވެން ނެތީ އޭނާ އާއި އޭނާގެ ދަތުރުގެ ބައިވެރިންގެ ސަލަމާތަކަށް ޓަކައި ކަމަށެވެ. ޝޯން ޕޯލަށް މަރުގެ އިންޒާރުދީ ޔޫޑިއުބްގައި އާންމު ކުރި ވީޑިއޯއަށް އިޝާރާތްކޮށް ޝޯން ޕޯލް ބުނެފައި ވަނީ އިންޓަނެޓް މެދުވެރިކޮށްދޭ އިންޒާރުތަކުގެ އަސަރު ހަގީގީ ދިރިއުޅުމަށް ކުރާ ކަމަށާއި ޝޯގައި ބައިވެރިވެވެން ނެތް ކަން ހާމަ ކުރަން ޖެހޭނީ ހިތާމަޔާއެކުގައި ކަމަށެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ ޖަބުހަތުއް ނުސްރާއާ އެކު ހަނގުރާމަކުރަމުން އަންނަ ދިވެހިންތަކެއް ހިންގާ ކަމަށް ބެލެވޭ ބިލާދުއް ޝާމް މީޑިއާގެ ލޯގޯ އާއެކު ޔޫޓިއުބުގައި އަޕްލޯޑްކުރި ވީޑިއޯގައި ބުނެފައި ވަނީ، ޝޯން ޕޯލް ރާއްޖެ އަތުވެއްޖެނަމަ ދެން ފެނިގެންދާނީ އޭނާގެ "ފުރާނަ ނެތް، ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު" ކަމަށެވެ. ނަމަވެސް ޝޯން ޕޯލްއަށް މަރުގެ އިންޒާރުދީ އާއްމުކޮށްފައިވާ އެ ވީޑިއޯ އަކީ ސޫރިޔާގައި ތިބި ދިވެހި ހަނގުރާމަވެރިން ކުރި ކަމެއް ނޫން ކަމަށް އެމީހުން ފަހުން ވަނީ ބުނެފަ އެވެ.
އެޝޯ ބޭއްވުމަށް ގައުމީ ފުޓްބޯޅަ ދަނޑު ވަނީ ވަރަށް ބޮޑަށް ތައްޔާރުކޮށްފަ އެވެ.