ރާމަﷲ (ޑިސެމްބަރު30): އިސްރާއީލުން ފަލަސްތީނުގެ ބިންތައް އިސްތިއްމާރުކޮށްގެން އޮންނަ އޮތުން ނިމުމަކަށް ގެނަސް އެބިންތައް މިނިވަން ކުރުމަށް ގޮވާލާ ގަރާރުގެ ދެލިކޮޕީއަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ވޯޓަށް އަހާނެ ތާރީޚެއް އަދި ކަނޑަނާޅާ ކަމަށް ފަލަސްތީނުން ބުނެފި އެވެ.

ފަލަސްތީނުގެ މަސްއޫލުވެރިއަކު ވިދާޅުވީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލުގެ އިސްތިޢްމާރު ނިމުމަކަށް ގެނައުމުގެ ގަރާރުގެ ދެލިކޮޕީއަށް ގެނަސްފައިވާ އެންމެ ފަހުގެ އިސްލާޙްތަކާ އެކު އެ ދެލިކޮޕީ އަރަބި ގައުމުތަކުގެ ސަރުކާރުތަކުން ތަސްދީގު ކޮށްފައިވާ ކަމުގަ އެވެ. އދ.ގައި ތިއްބަވާ އަރަބި ގައުމުތަކުގެ ސަފީރުންވަނީ މިކަމަށްޓަކައި އދ.ގެ މައިމަރުކަޒުގައި އިއްޔެ ބައްދަލުކުރައްވާފަ އެވެ.

ފަލަސްތީނާއި އަރަބި އެހެން ގައުމުތައް ގުޅިގެން އެކުލަވާލާފައިވާ މި ގަރާރުގެ ފުރަތަމަ ދެލިކޮޕީ މިމަހުގެ 17 ވަނަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައި ވަނީ އެމަޖިލީހުގެ މެންބަރެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވަމުންދާ އަރަބި ގައުމެއް ކަމަށްވާ އުރުދުން އިންނެވެ.

އދ. ގައި ހުންނަވާ އުރުދުންގެ ސަފީރާ ދީނާ ގަޢްވާރު ވިދާޅުވީ ފަލަސްތީނާއި އަރަބި އެހެން ގައުމުތައް އެދޭގޮތުގެ މަތިން މިދެލިކޮޕީ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށްފަހު އެދެލިކޮޕީއަށް ބައެއް އިސްލާޙްތައް ގެނަސް އޭގެ އެންމެފަހުގެ ކޮޕީ އިއްޔެ ސަލާމަތީ މަޖިލީހުގެ ސެކްރެޓޭރިއަޓް އަށް ހުށަހަޅާފައިވާނެ ކަމުގަ އެވެ. އަދި މިގަރާރަށް ވޯޓަށް އެހުމުގެ ކަންތައްވެސް ފަލަސްތީން އެދޭގޮތުގެ މަތިން ކުރިޔަށްގެންދާނެ ކަމަށް ދީނާ ވިދާޅުވި އެވެ.

މި ދެލިކޮޕީއަށް ސަލާމަތީ މަޖިލީހުގައި ވޯޓަށް އެހުން އަވަސްކުރުމަކީ ޑިޕްލޮމެޓިކް ގޮތުން އެންމެ ބުއްދިވެރިގޮތް ނޫންކަމަށާ މިދެލިކޮޕީއަށް ސަލާމަތީ މަޖިލީހުގެ މެންބަރު ހުރިހާ ގައުމުތަކެއްގެ ތާއީދު ހޯދުމަށް އިތުރު މަސައްކަތް ކުރަން ޖެހޭ ކަމަށާ އެކަމަށް ވަގުތުވެސް ބޭނުންވާކަމަށް ދީނާ ވިދާޅުވި އެވެ. ފަލަސްތީނުންވަނީ އެމެރިކާ ދެކޮޅު ހެދިނަމަވެސް މިދެލިކޮޕީއަށް ވޯޓަށް އެހުމުގެ ކަންތައް ކަންތައް ކުރިޔަށް ގެންދާނެކަން އެމެރިކާއަށް އަންގާފަ އެވެ. ފަލަސްތީނުން ބުނިގޮތުގައި މިމަޝްރޫޢާގެން ކުރިޔަންދާނެކަން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީއަށް އަންގަވާފައިވަނީ ފަލަސްތީނުގެ ރައީސް މަޙްމޫދް އައްބާސް އެވެ.

އދ.ގައި ތިއްބަވާ ވިލާތުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމޭޓުން ވަނީ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށް ގޮވާލާ މިގަރާރުގެ ދެލިކޮޕީ ފާސްކުރުމަށްޓަކައި ސަލާމަތީ މަޖިލީހުގައި ވޯޓަށް އެހުމުގެ ކަންތައް އަވަސް ނުކުރުމަށް ފަލަސްތީނަށާއި އަރަބި އެހެން ގައުމުތަކަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި އިސްރާއީލުގެ ފަހަތުގައިވާ ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށްވާ އެމެރިކާ ރުހުން ހޯދުމަށް ޓަކައި މިގަރާރުގެ ދެލިކޮޕީ އަށް އަދިވެސް ބައެއް ބަދަލުތައް ގެނައުމަށް ވިލާތުގެ ޑިޕްލޮމޭޓުން ފަލަސްތީނަށް ގޮވާލެއްވި އެވެ. މިދެލިކޮޕީއަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ވޯޓަށް އަހާނެ ތާރީޚެއް އަދި ކަނޑަނާޅާ ކަމަށް ފަލަސްތީނުން ބުނީ ވިލާތުގެ އިލްތިމާސްތަކާ ގުޅިގެން ކަމަށް ވަނީ ބެލެވިފަ އެވެ.
މިގަރާރު ގެ ދެލިކޮޕީ އިސްރާއީލަށް ގޮވާލަނީ 1967ގެ ހަނގުރާމައިގާ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުން 2017 ވަނައަހަރު ނިމުމުގެ ކުރިން ފޭބުމަށެވެ. މިކަމަށް މަގުފަހި ކުރުމަށްޓަކައި ސީރިޔަސްކަމާއެކު ފަލަސްތީނާ ސުލްހައިގެ ވާހަކަތައް ދައްކައިގެން މިމުއްދަތުގެ ތެރޭގައި ފަލަސްތީނާ އެކު ސުލްޙައިގެ މުއާހަދާއެއްގައި ސޮއިކޮށް މިބިންތަކުން އިސްރާއީލުގެ އިސްތިޢްމާރީ ސިފައިން ބޭލުމަށް މިގަރާރުގެ ދެލިކޮޕީ އިސްރާއީލަށް ގޮވާލަ އެވެ.

އިސްރާއީލާއި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރަށް ވާގިވެރިވާ އެމެރިކާ ވަނީ މިގަރާރުގެ ދެލިކޮޕީއަށް ކަނޑައެޅިގެން ދެކޮޅު ހަދާފަ އެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ މިއީ އިސްރާއީލުގެ އަމަނާއި ސަލާމަތްތެރިކަން ހިމާޔަތްކޮށްދޭ ދެލިކޮޕީއެއް ނޫންކަމަށް ސިފަކޮށްފަ އެވެ. އެހެންކަމުން މިގަރާރާ ދެކޮޅަށް އެމެރިކާއިން ވީޓޯކޮށްފާނެކަމުގެ ބިރުވަނީ ހީވެފަ އެވެ. އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފޭބުމަށް ގޮވާލާ މިގަރާރުގެ ދެލިކޮޕީ ސަލާމަތީ މަޖިލީހަށް ހުށަހެޅުމުގެ ފުރްސަތު ދޭތީ އދ. އަށްވެސް ފާޑުވިދާޅުވެފަ އެވެ. (އަލްޖަޒީރާ)