30 Dec 2014, 09:36
ޒުވާނުން ކުރިއަރުވައި ކުޅިވަރު ތަރައްގީ ކުރަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރައްވާ މަސައްކަތް ފާހަގަކޮށް ރެޑްލައިން ކްލަބު (އާރްއެލްސީ) އިން އެ މަނިކުފާނަށް ޚާއްސަ ހަނދާނީ ފިލައެއް ދެއްވައިފި އެވެ.
އާރްއެލްސީގެ ފަރާތުން އެ ހަނދާނީ ފިލާ ރައީސް ޔާމީނާ ހަވާލުކޮށްދެއްވީ ރޭ ނަސަންދުރާ ޕެލެސް ހޮޓަލްގައި ކުރިއަށް ގެންދިޔަ އެ ކްލަބްގެ އެވޯޑުނައިޓުގަ އެވެ. 'ރެޑް ނައިޓް' އެވޯޑްގެ ނަމުގައި ބޭއްވި އެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާރްއެލްސީގެ ކުޅުންތެރިންނާއި އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ރޭ ނަސަންދުރާ ޕެލެސް ހޮޓަލްގައި ކުރިއަށް ގެންދިޔަ އެ ކްލަބްގެ އެވޯޑުނައިޓުގެ ތެރެއިން --- ފޮޓޯ/ ޔޫސުފް ސޮފްވާން
އެ ހަފްލާގައި 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު އެ ކްލަބުން ފާހަގަ ކޮށްލެވޭ ކުޅުމެއް ދެއްކި ކުޅުންތެރިންނަށް ވަނީ އިނާމް ދީފައެވެ. އަދި އެ ކްލަބަށް ޚިދުމަތްކޮށްދިން ފަރާތްތަކަށްވެސް ވަނީ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް ދީފައެވެ.އާރްއެލްސީގެ 2013 ވަނަ އަހަރުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ މަގާމް ހާސިލްކުރީ އަހުމަދު އައިމަން އާއި މުހައްމަދު ނިޝާން އާއި އަލީ ފަޒްލީ އާއި މުއްޒަންމިލް މުހައްމަދު އަދި އަހުމަދު ނަޖީލް އެވެ. އަދި 2013 ވަނަ އަހަރުގެ އެންމެ މޮޅު އޮފެންސިވް ޕްލޭޔަރަކަށް މުހައްމަދު ޒިލާލް ހޮވިފައި ވާއިރު، އެ އަހަރުގެ އެންމެ މޮޅު ޑިފެންސިވް ޕްލޭޔަރަކަށް ހޮވުނީ އަހުމަދު އަފްޝަން އެވެ. އޭގެ އިތުރުން އަފްޝަން ވަނީ 2013 ވަނަ އަހަރު އާރްއެލްސީގެ މޯސްޓް ވެލިއުއަބަލް ޕްލޭޔާގެ މަގާމްވެސް ހޯދާފައެވެ.
އާރްއެލްސީގެ 2013 ވަނަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުސައިން ހަލީމް އެވެ. އަދި އާރްއެލްސީގެ 2014 ވަނަ އަހަރުގެ މޯސްޓް ވެލިއުއަބަލް ޕްލޭޔާގެ މަގާމް ހޯދީ އަހުމަދު ފިރާޝް އެވެ.

އާރްއެލްސީގެ 2014 ވަނަ އަހަރުގެ މޯސްޓް ވެލިއުއަބަލް ޕްލޭޔާގެ މަގާމް ހޯދީ އަހުމަދު ފިރާޝަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ --- ސަންފޮޓޯ/ޔޫސުފް ސޮފްވާން
އެ ހަފްލާގައި އާރްއެލްސީއަށް ޚިދުމަތް ކޮށްދިން ފަރާތްތަކުގެ ޚިދުމަތު އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި އެވޯޑް ހާސިލްކުރި ފަރާތްތަކަކީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބް އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު އާއި މުހައްމަދު ޝުހެއިލް އާއި އަބްދުﷲ މައުމޫން (މާނު) އާއި އިބްރާހިމް މުހައްމަދު (އިއްބެ) އާއި އިލިޔާސް އިބްރާހިމް (އިއްލެ) އާއި އަހުމަދު ފަޔާޒް (ފަޔާ) އަދި އެ ޓީމްގެ މެއިން ސްޕޮންސާ އެސްޓީއޯ އެވެ.
އާރްއެލްސީއަށް ކޮށްދެއްވި ޚިދުމަތު އަގު ވަޒަން ކުރުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ --- ސަންފޮޓޯ/ޔޫސުފް ސޮފްވާން
އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ އާރްއެލްސީގެ ކުޅުންތެރިން ކުޅިވަރުގައި ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރައްވައި، އެ ކްލަބަށް މަރުހަބާ ކިޔާފައެވެ. އަދި އޭނާގެ ވާހަކަފުޅުގައި ރައީސް ޔާމީން ރާއްޖޭގެ ޒުވާނުން ހިމަނައިން ގައުމު ކުރިއަރުވަން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، އެކަމުގައި އެމަނިކުފަނުގެ ގެންގުޅުއްވާ އިހުލާސްތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ.