ލަންޑަން (ޑިސެމްބަރު30): ވާޖިން އެޓްލާންޓިކް އެއަ ލައިންސްގެ މަތިންދާބޯޓެއް ކުއްލި ހާލަތުގައި ލަންޑަންގެ ގެޓްވިކް އެއަރޕޯޓަށް ޖައްސައިފި އެވެ.

ހަތަރު ސަތޭކަ ސާޅީސް ހަތް ފަސިންޖަރުންނާ އެކު ދަތުރުކުރަމުންދިޔަ ވާޖިން އެޓްލާންޓިކްގެ ބޮއިންގް ހަތެއް ހަތަރެއް ހަތެއް މަރުކާގެ ޖެޓް މަތިންދާބޯޓު ކުއްލި ހާލަތުގައި ގެޓްވިކް އެއަރޕޯޓަށް ޖެއްސީ އޭގެ ލޭންޑިން ގިޔަރަށް ފަންނީ މައްސަލައެއް ދިމާވެގެން ކަމަށް އެއަރޕޯޓުގެ މަސްއޫލުވެރިއަކު ވިދާޅުވި އެވެ.

މިހާދިސާގައި އެއްވެސް މީހަކަށްވެސް އަދި އެބޯޓަށްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާ ކުއްލި ޙާލަތުގައި ޖެއްސުމަށް ފަހު އެބޯޓުން ފަސިންޖަރުން ފާބައިފައިވަނީ އާދައިގެ ހާލަތެއްގައި ކަމަށް ގެޓްވިކް އެއަރޕޯޓުން ބުނެ އެވެ. މިހާދިސާއާ ގުޅިގެން ގެޓްވިކް އެއަރޕޯޓްގެ ރަންވޭ ހަތަރު ގަޑީއިރަށް ބަންދުކުރަން ޖެހުމުގެ ސަބަބުން އެތައް ފްލައިޓެއް ލަސްވެ އަނެއްބައި ފްލައިޓްތައް އެހެން އެއަޕޯޓްތަކަށް ޑައިވާޓްކޮށްފައިވެ އެވެ. އެއަރޕޯޓްގެ ރަންވޭ ހަތަރު ގަޑީއިރަށް ބަންދުކުރަން ޖެހުނީ އެބޯޓު ރަންވޭއިން ދުރަށް ގެންދިޔުމަށާއި ރަންވޭއަށް އެޅިފައިވާ ތެޔޮތައް ސާފުކުރުމަށް ކަމަށްވެ އެވެ.

ވާޖިން އެޓްލާންޓިކް އެއަ ލައިންއިންސްގެ ވީއެސް 43 މިފްލައިޓަކީ ގެޓްވިކް އެއަރޕޯޓުން ފުރައިގެން އެމެރިކާގެ ލެސްވިގަސް އަށް ދިޔުމަށް ދަތުރުކުރި ފްލައިޓެކެވެ. ލޭންޑިން ގިޔަރުގެ މައްސަލަ އެބޯޓަށް ކުރިމަތިވެގެން ކުއްލި ޙާލަތަކަށް ބޯޓު ގެނަސްފައި ވަނީ އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދުން އެބޯޓު ނުކުތުމުގެ ކުރިންނެވެ. ގެޓްވިކް އެއަރޕޯޓަކީ އިނގިރޭސިވިލާތުގެ ދެވަނައަށް އެންމެ ބޮޑު އެއަރޕޯޓެވެ. އެގައުުމުގެ އެންމެ ބޮޑު އަދި އެންމެ ބާރުބޮޑު އެއަރޕޯޓަކީ ހީތްރޯ އެއަރޕޯޓެވެ. (ބީބީސީ)