ޝޯން ޕޯލްގެ ޝޯ ބޭއްވުމާ ދެކޮޅު ހައްދަވާ ކަމަށް ކުރިން ވިދާޅުވެފައި ވަނިކޮށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ޓުވީޓާ އެކައުންޓް ހެކްކޮށްފި އެވެ.

ވައިބާގައި މިނިސްޓަރު ޝަހީމް ކޮށްފައިވާ މެސެޖެއްގައި ވިދާޅުވެފައި ވަނީ ރޭ 11:00ގެ ފަހުން އެމަނިކުފާނުގެ ޓުވިޓާ އެކައުންޓް ހެކްކޮށްފައިވާ ކަމަށާއި ހެކްކުރިފަހުން ޓުވީޓާ އެކައުންޓަށް ނުވަދެވޭ ކަމަށެވެ.

"އޭގެ ފަހުން މިވަގުތާ ހަމައަށް ކޮށްފައިވާ ޓުވީޓް އެއީ އަޅުގަނޑުގެ ޓުވީޓެއްނޫން،" ޝަހީމް ވައިބާގައި ވިދާޅުވި އެވެ.

ޝަހީމްގެ ޓުވިޓާ އެކައުންޓު ހެކްކުރުމަށް ފަހު ކޮށްފައިވާ ޓުވީޓުގައި ބުނެފައި ވަނީ "ތަކުރާރުކޮށް ބުނަން ޝޯން ޕޯލްގެ އާ އަހަރު ފާހަގަ ކުރާ ޝޯ އަށް އަޅުގަނޑާއި އަޅުގަނޑުގެ އަޚުން ދެކޮޅު ހަދާ ކަމަށް، ހުރިހާ ދިވެހި އަޚުންނަށް އަންގަން،" ކަމަށެވެ.

އާ އަހަރު ފެށޭ ދުވަހުގެ ރޭ ބާއްވާ ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގައި ބައިވެރިވެވެން ނެތް ކަމަށް މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ބުނެފައިވާކަމަށް ޖެމައިކާގެ އޮންލައިން ނޫހަކުން ވަނީ ބުނެފައެވެ.