30 Dec 2014, 04:06
އާ އަހަރު ފުރޭ ދުވަހުގެ ރޭ ބާއްވާ ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގައި ބައިވެރިވެވެން ނެތް ކަމަށް މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ބުނެފި އެވެ.
ޝޯން ޕޯލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިރޭ މެންދަމު އާންމު ކުރި ލިޔުމެއްގައި ބުނެފައި ވަނީ ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގައި އޭނާ އަށް ބައިވެރިވެވެން ނެތީ އޭނާ އާއި އޭނާގެ ދަތުރުގެ ބައިވެރިންގެ ސަލަމާތަކަށް ޓަކައި ކަމަށެވެ. ޝޯން ޕޯލަށް މަރުގެ އިންޒާރުދީ ޔޫޑިއުބްގައި އާންމު ކުރި ވީޑިއޯއަށް އިޝާރާތްކޮށް ޝޯން ޕޯލް ބުނެފައި ވަނީ އިންޓަނެޓް މެދުވެރިކޮށްދޭ އިންޒާރުތަކުގެ އަސަރު ހަގީގީ ދިރިއުޅުމަށް ކުރާ ކަމަށާއި ޝޯގައި ބައިވެރިވެވެން ނެތް ކަން ހާމަ ކުރަން ޖެހޭނީ ހިތާމަޔާއެކުގައި ކަމަށެވެ.
ގްރެމީ އެވޯޑް ހާސިލް ކޮށްފައިވާ ޖެމެއިކާގެ ލަވަކިޔުންތެރިޔާ ޝޯން ޕޯލް ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގައި ބައިވެރިނުވާން ނިންމިއިރު، ގަލޮޅު ދަނޑުގައި ބާއްވަން ތައްޔާރު ކުރި ޝޯގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރާނެ ކަމަށް ސަލާމަތީ ބާރުތަކުން ވަނީ އިއުލާންކޮށްފަ އެވެ. އަދި ޝޯ އަށް ވަދެވޭނީ ސްކްރީން ކުރެވިގެން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ ވިދާޅުވެފަ އެވެ.
ޝޯން ޕޯލަށް މަރުގެ އިންޒާރު ދީ ޔޫޑިއުބްގައި އާންމު ކުރި ވީޑިއޯއާ އެކު އޭނާ ރާއްޖެ ނާންނާނެ ކަމަށް ޖެމެއިކާގެ ނޫސްތަކުން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ޝޯ އިންތިޒާމް ކުރާ ޗޮޕް އާޓުން ބުނީ އޭނާ ޝޯގައި ބައިވެރިނުވާނެ ކަން އަންގާފައި ނުވާ ކަމަށެވެ.
ބަޑިބޭހުގެ ކުޅިވަރުތަކާއެކު އާ އަހަރު ފުރޭ ދުވަހުގެ ރޭ ބާއްވާ ޝޯގައި ޝޯން ޕޯލް ބައިވެރި ނުވާނެކަން އިއުލާން ކުރުމުން، އެ ޝޯ ކެންސަލް ކުރާނެކަން އަދި ހާމަކޮށްފައެއް ނުވެ އެވެ. މިދިއަ އަަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ވެސް ވަނީ ޓޫރިސްޓް އެރައިވަލް ކައުންޓްޑައުންގެ ނަމުގައި ކާނިވަލުގައި ޝޯއެއް ބާއްވާފަ އެވެ. އެ ޝޯ ނިންމާލީ ހަވާ އެރުވުމުގެ ހަރަކާތްތަކަކާއެކު އެވެ.