04 Feb 2011, 18:37
ރާއްޖޭގެ ތާރީހުގައި ބޭއްވާ އެންމެ ބޮޑު އިންތިހާބު، އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން މިއަދު 6:00 ޖެހުމާއެކު ނިންމާލައިފި އެވެ.
ޒަމާނުއްސުރެ މާލެއަށް ޖަމާވެފައިވާ ބާރުތައް ލޯކަލް ކައުންސިލްތަކަށް ދީ ރައްޔިތުން ބާރުވެރި ކުރުވުމަށް އުފައްދާ ލޯކަލް ކައުންސިލް އިންތިހާބު އައްޑޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި މާދަމާ ހެނދުނު 8:00 ޖަހާއިރު ފަށާއިރު ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުން ކެމްޕެއިން ކުރުމަށް ސިޔާސީ ޕާޓީތަކާއި ކެޑިޑޭޓުންނަށް ދީފައިވާ ފުރުސަތު މިއަދު އިރުއޮއްސި 6:00 ޖެހުމާއެކު ވަނީ ހަމަވެފަ އެވެ. އެ ވަގުތާ ޖެހެންދެން ވެސް ރަށްރަށާއި މާލޭގައި ދިޔައީ ހުއްޓުމެއް ނެތި ގަދަ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.
ވެރިކަން ކުރާ ޕާޓީ އެމްޑީޕީން "އަނެއް ދިވެހިރާއްޖެ ރަށަށް" އެ ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ވަނީ އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ހާއްސަ ޖަލްސާއަކުން ނިންމާލާފަ އެވެ. ނަމަވެސް އެ ޕާޓީގެ ވަކިވަކި ކެންޑިޑޭޓުންގެ ކެމްޕޭންތައް ވެރިރަށް މާލެއާއި ރަށްރަށުގައި ކެމްޕޭން ކުރުން މަނާވާ ގަޑި މިއަދު ޖެހެންދެން ކުރިޔަށް ދިޔައެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރްޕީން އެ ޕާޓީގެ ކެމްޕެއިން ނިންމާލީ މިއަދު ހަވީރު މަޖިދީ މަގުގެ އެއްކޮޅުން އަނެއް ކޮޅަށް ބޭއްވި ހިނގާލުމަކުންނެވެ.
ކެމްޕެއިން ނިންމުމުގެ ސުންގަޑި ކައިރިވެގެން އައިރު ސިޔާސީ ޕާޓީތަކުންނާއި ވަކިވަކި ކެނޑިޑޭޓުން އައީ ތާއީދު ހޯދުމަށް ތަފާތު މަސައްކަތްތައް ކުރަމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނު ބުނާގޮތުން އިންތިހާބުގެ ވޯޓު ނަގާ ދުވަހުގެ ކުރީ ދުވަހު ހަވީރު 6:00 ން ފެށިގެން ވޯޓުނަގައި ނިމެންދެން އެއްވެސް ސިފައެއްގައި ކެމްޕޭނު ކުރުމަކީ މަނާކަމެކެވެ. އެގޮތުން ޕޯސްޓަރު ހިއްޕުމާއި މަގުތަކުގައި ދިދަ ދެމުމާއި ތާއީދު ހޯދުމުގެ ލަވަ ޖެހުމަކީވެސް މަނާކަމެކެވެ.
ފުލުހުން ބުނީ ކެމްޕޭނުކުރުމުގެ މަނާ ވަގުތުގައި ކެމްޕޭން ކުރޭތޯ ބަލަމުން އަންނަ ކަމަށާއި މިއަދުގެ ހަޔަކުން ފެށިގެން އެއްވެސް ފަރާތަކުން ކެމްޕޭނު ކުރާނަމަ އެބަޔަކާއި ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
އިންތިހާބުގެ ވޯޓް ނަގަން 48 އަށްގަޑިއިރާއި ގާތްވެފައި ވާއިރު އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ސިޔާސީ ޕާޓީތަކުންނާއި އެންމެހާ ރައްޔިތުންވެސް އިންތިހާބުގެ ގާނޫނާއި އެއްގޮތަށް އަމަލުކުރުމަށް ގޮވާލައްވާފަ އެވެ.