29 Dec 2014, 23:51
ދެހާސްސާދަ ވަނަ އަހަރަކީ ތައުލީމީ ދާއިރާއިން ކުރިއެރުންތަކެއް ހޯދި އަހަރެކެވެ. ރާއްޖޭގެ 212 ސްކޫލެއްގައި 62،300 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ އަޒުމާއެކުގަ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ ހުރިހާ ސްކޫލެއްގައި އަރަބި ބަސް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށުމުގެ އުފާވެރިކަމާ ހަބަރާއެކުގަ އެވެ. ނަމަވެސް ފެބްރުއަރީ މަހުގެ ތެރޭގައި ރަސްމީކޮށް ފެށި އެ ޕްރޮގްރާމްގެ ދަށުން އަރަބި ބަސް ކިޔަވައި ދެނީ ރާއްޖޭގެ 13 ސްކޫލެއްގަ އެވެ. އެ ސްކޫލްތަކުގެ ގްރޭޑް އެކަކުން ހަތަކަށް 500 ދަރިވަރުން އަރަބި ބަސް އުނގެނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުން އައްޑޫ ސިޓީގެ ނޫރާނީ ސްކޫލުގައި 2015 ވަނަ އަހަރުގެ މެދުތެރޭގައި އަރަބި ބަސް ކިޔަވައިދޭން ފަށާނެ އެވެ.
ދަރިވަރުންނަކީ ސިއްހީ ގޮތުން ދުޅަހެޔޮ ދަރިވަރުންނަށް ހެދުމަށް ހެލްތު ސްކްރީނިން ޕްރޮގްރާމެއް ވެސް ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ. މާލެ އާއި އަތޮޅުތެރޭގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ދަރިވަރުން ހެލްތް ސްކްރީން ކުރުމަށް ހެލްތް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ އެ މެޑިކަލް ސްކްރީނިން ޕްރޮގްރާމުގެ ދަށުން 6331 ދަރިވަރުން ސްކްރީންކޮށްފައިވެ އެވެ. ސާނަވީ ދަރިވަރުންނަށް އަމާޒުކޮށްގެން ހެލްތު ސްކްރީނިން ޕްރޮގްރާމެއް މުޅި ރާއްޖޭގައި 2015 ވަނަ އަހަރު ފަށާނެ ކަަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ އިއުލާން ކުރައްވާފަ އެވެ.
ސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުން ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. ވަޒީފާ ނެތް ޒުވާނުން މަދުކުރުން ކަމަށް ވައުދުވެފައިވެ އެވެ. އެ އަމާޒުގެ ދަށުން ސްކޫލް ނިންމައިގެން ނުކުންނަ ކުދިން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުމުގެ ގޮތުން ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ތިން ޕްރޮގްރާމެއް ފަށައި ކާމިޔާބު ކަމާއެކު ދަނީ ކުރިއަށް ގެންދަމުންނެވެ. ދަސްްވާރު ޕްރޮގްރާމާއި ބޯޓެކްގެ ކޯސްތަކުގެ އިތުރުން ޕޮލިޓެކްނިކްގެ ކޯސްތަކުން 700 އަށްވުރެ ދަރިވަރުން ވަނީ ހުނަރު ހޯދާފަ އެވެ.
ޓީޗަރުންގެ ކުރިއެރުމަށް ކަންތައްތަކެއް ކޮށްދިނުމަކީ ކޮންމެ ސަރުކާރެއްގެ ޒިންމާއެކެވެ. އެބައެއްގެ އަގު ވަޒަންކުރަންޖެހެ އެވެ. އެގޮތުން، ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ރަނގަޅު ކުރުމަށް ޓީޗަރުންގެ ތެދުވުމަކީ ވެސް މިއަހަރުތެރޭ ފާހަގަކޮށްލެވުނު ކަމެކެވެ.
ޓީޗަރުންނަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ޓީޗަރުން ކަޅު ހެދުމުގައި ދެ ފަހަރު ސްކޫލްތަކަށް ނުކުމެ، "ފަހު ތަޅާލުން" ގަނޑާހަމައަށް ދިޔައެވެ. ނަމަވެސް، ޓީޗަރުންގެ އެސޯސިއޭޝަނާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ވަނީ ޓީޗަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މަގުޗާޓެއް އެކުލަވާލާފަ އެވެ.
މީގެ އިތުރުން، މުސާރަ އާއި އެއްވަރުގެ އެލެވެންސެއް ލިބޭ ގޮތަށް ރާއްޖޭގެ 85 ސްކޫލަކުން 101 ޓީޗަރަކަށް ފުރުސަތު 2014ގައި ދީފައިވާއިރު އަންނަ އަހަރު ވެސް އެ ފުރުސަތު ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި ޓީޗަރުންގެ އިތުރުގަޑީގެ ފައިސާ ފަސް ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކުރުން ނިންމި ނިންމުން ވެސް ފާހަގަކޮށްލެވެ އެވެ.
މާލެ އާއި އަތޮޅުތަކުގައި ސަރުކާރުން ހިންގާ ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ މަގާމު ބަދަލު ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ނިންމަން އުޅުމުން އެ މައްސަލަވެސް ފެންމަތިވި އެވެ. ނަމަވެސް ކޮލިފައިޑް އަދި ތައުލީމު ހާސިލްކުރައްވައިގެން ތިއްބެވި ޑެޕިއުޓީ ޕްރިންސިޕަލްސް ސިސްޓަމް ތެރޭގައި ބޭއްތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުﷲ ގައްޔޫމު ނިންމެވުމުން، ޑެޕިއުޓީ ޕްރިންސިޕަލުން ވަޒީފާއިން ވަކިނުކުރުމަށް އެޑިއުކޭޝަން ފަހުން ވަނީ ނިންމާފަ އެވެ.
އިމާދުއްދީން ސްކޫލުގެ ގްރޭޑް ތިނެއްގެ ދަރިވަރަކަށް އެހެން ދަރިވަރުންތަކެއް ދިމާކޮށް، އެ މައްސަލަ ސްކޫލަށް ހުށަހެޅުމުން އެ ދަރިވަރާ ދިމާއަށް ހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ބުނާ ޓީޗަރެއްގެ މައްސަލަ ހޫނުވެގެން އައީ ވެސް 2014 ގަ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅިއިރު، މައްސަލަ ތަހުގީގު ކުރުމަށްޓަކާ "ބުލީ" ކުރި ކަމަށް ބުނާ ޓީޗަރު ވަނީ ސަސްޕެންޑް ކުރި އެވެ. ނަަމަވެސް، ފަހުން އެ މުދައްރިސު ވަނީ ކިޔަވައިދޭން ސްކޫލަށް ނުކުމެފަ އެވެ.
މިދިޔަ އަހަރުގެ ތެރެއިން ކޮލެޖެއްގެ ގޮތުގައި ހިންގަމުން އަންނަ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ، ޔުނިވާސިޓީ އަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ (އައިއައިޔޫއެމް)ގެ ފަންނީ އެހީތެރިކަން ހޯދަން ފެށި އެވެ. ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެކުލަވާލި މަތީ ފެންވަރުގެ ހާއްސަ ކޮމެޓީން ކުއްލިއްޔާ ޔުނިވާސިޓީ އަކަށް ހެދުމަށް ތައްޔާރުކުރަން ޖެހޭ ލިޔުންތައް ރައީސްއަށް ހުށަހެޅި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެކަން ކުރުމުގެ ބަދަލުގައި، ގާނޫނެއްގެ ތެރެއިން އެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ފަހު ދައުރު ނިންމާލި އިރުވެސް، އެ ބިލް މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.
ތައުލީމީ އަހަރެއް ނިމި އާ އުއްމީދުތަކާއެކު ތައުލީމީ އާ އަހަރަކާ ކުރިމަތިލާއިރު، 2015 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި އަލަށް ތަންފީޒު ކުރާ ގައުމީ އާ މަންހަޖުން ބަދަލުތަކެއް އަންނާނެ އެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ތިނަކާ ހަމައަށް ތަންފީޒު ކުރަން ފަށާ އާ މަންހަޖުގެ ދަށުން ދަރިވަރުން ސްކޫލުގައި ހޭދަ ކުރާ ވަގުތާއި ކިޔަވައިދޭ ތަކެއްޗާއި ކިޔަވައިދޭ ގޮތްތަކަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ.