ގާނޫނު އަސާސީގެ އެންމެހާ ހަމަތަކާއި ގާނޫނާއި އެންމެހާ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ގޮތުން ވަކި މަގްސަދެއް ހާސިލްކުރުމަށްޓަކައި ކަމަށްވިޔަސް އަދި އެ ނޫން މަގްސަދެއް ހާސިލްކުރުމަށް ވިޔަސް ދައްކާ ވާހަކަތަކާއި އާންމުކޮށް ފާޅުކުރެވޭ ލިޔުންތަކާއި ކުރާ ކަންކަމުގައި ދިވެހި މުޖުތަމައުގެ ހަމަޖެހުމާއި އޮމާންކަން ގެއްލިގެން ހިނގާދާނެ ފަދަ ގޮތަކަށް އަމަލުކުރުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ހަގީގަތެއް ނެތް ތުހުމަތުތަކާއި އާންމުންގެ މެދުގައި ނަފްރަތާއި ބިރުވެރިކަމާއި ހަމަނުޖެހުން އުފެދޭ ފަދަ ވާހަކަތައް ފެތުރުމާއި އެފަދަ އަމަލުތައް ހިންގުމަކީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީން އެންމެހާ ފަރުދުންނާއި އަދި މުޅި މުޖުތަމައުއަށް ކަށަވަރުކޮށްދީފައިވާ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތަކާއި ހިލާފަށް ކުރެވޭ ކަމެއް ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

އަދި ސިޔާސީ ދީނީ ނުވަތަ އިޖްތިމާއީ ހައިސިއްޔަތެއް އޮތް ފަރާތަކުން ވިޔަސް ކުރާ ކަންކަމުގައި ރާއްޖޭގެ އާންމު މަސްލަހަތަށް ގެއްލުންވެދާނެ ފަދަ އަމަލުތަކާއި އާންމު ފަރުދުންގެ ނަމާއި އަބުރަށް އިހާނެތިވާނެ ކަންކަމާއި މުޖުތަމައުގެ ހަމަޖެހުމަށް ބުރޫއަރާފަދަ ކަންކަން ނުކުރުމަށް ބަޔާނުގައި ގޮވާލާފައި ވެ އެވެ.

ޕީޖީ އޮފީހުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އަންނަ ބުދަ ދުވަހުގެ ރޭ ބާއްވާ ޓޫރިސްޓް އެރަވައިލް ޝޯގައި ޕާފޯމް ކުރާ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލަށް ބަޔަކު މަރުގެ އިންޒާރު ދީފައި ވަނިކޮށެވެ.

މިކަމާއި ގުޅޭގޮތުން ސަލާމަތީ ބާރުތަކުން ވަނީ ރާއްޖޭގެ ހަމަޖެހުން ގާއިމް ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށާއި ރާއްޖޭގެ އަމާންކަން ނަގާލައި ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލޭ ކަންތައްތަކަށް ހުއްޓުވާނެ ކަމުގެ އިންޒާރުދީ ސްޓޭޓްމަންޓެއް ނެރެފައި އެވެ.

ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ހަވީރު އާންމު ކުރި ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ރާއްޖެއަށް އިންވެސްޓް ކުރުމަށް އަންނަ މީހުންނާއި ބޮޑެތި ބައްދަލުވުންތަކަށް އަންނަ މީހުންނާއި އެކިއެކި ހަރަކާތްތަކަށް ރާއްޖެ އަންނަ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަކީ ސަލާމަތީ ބާރުތަކުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.