29 Dec 2014, 22:03
ދުނިޔެއަކީ އެއް އިރެއްގައި ވެސް މާ ސުލްހަވެރި ތަނެއް ނޫނެވެ. މީހުންގެ އަމިއްލަ އެދުން ބޮޑުކަމުން ދުނިޔޭގައި އަބަދުވެސް ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ. ނަމަވެސް 21 ވަނަ ގަރުނު ފެށުނު ފަހުން އަދި އެންމެ ހަމަ ނުޖެހުން ބޮޑު އެއް އަހަރު ކަމުގައި 2014 ވަނަ އަހަރު ވާނެ އެވެ. އެތައް ބައެއްގެ ލޭ އޮރިގެން ދިޔަ ބޮޑެތި ހަމަނުޖެހުންތައް މިއަހަރާ އެކު ނިމުނީއެއް ނޫނެވެ. މަންޒަރުތައް ފެންނަ ގޮތުން ކުރިއަށް އޮތީ އަދި މިއަށް ވުރެ ބޮޑެތި ލޭ އޮހޮރުވުންތަކެވެ. މިއަހަރު ދުނިޔެއިން ފާހަގަ ކޮށްލެވުނު ބޮޑެތި ބައެއް ކަންތައްތަކަށް ބަލައިލަމާ ހިނގާށެވެ.
* ޔުކްރޭނުގެ އަހުލީ ހަނގުރާމަ

ޔޫރަޕިއަން ޔޫނިއަންއާ ގުޅުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަމުން ދިޔަ ތައްޔާރީތައް، ރަޝާއަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށްވާ ޔުކްރޭނުގެ ކުރީގެ ރައީސް ވިކްޓަރ ޔަނުކޮވިޗް ހުއްޓަވައިލެއްވުމުން 2013 ވަނަ އަހަރު އެގައުމުގެ އިދިކޮޅު މީހުން ސަރުކާރާ ދެކޮޅަށް ނުކުތެވެ. ޔުކްރޭންގެ ހަމަނުޖެހުންތަކުގެ ފެށުމަކީ އެއީއެވެ. އެއްވުންތައް ހަމަނުޖެހުމަށް ބަދަލުވެ، ޔުކްރޭންގެ ވެރިކަން އިންގިލާބު ކޮށްލުމުން ވިކްޓަރ ފިއްލަވައިގެން ރަޝާއަށް ވަޑައިގެންނެވީ މިއަހަރު އެވެ. އެހަމަނުޖެހުން އިތުރަށް ހޫނުވީ ރަޝާއަށް ތާއީދުކުރާ ބަޔަކު ކްރިމިއަން ޕެނިންސިއުލާ ކޮންޓްރޯލް ކުރަން ފެށުމުންނެވެ. ޔުކްރޭންގައި އަދިވެސް މުޅިން ނުނިމި އޮތް ހަމަނުޖެހުމުގައި މިހާތަނަށް 3600 އަށް ވުރެ ގިނަމީހުން ވަނީ މަރުވެފަ އެވެ.
* އިރާގާއި ސޫރިޔާގެ ހަނގުރާމަ

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ގަދަބާރުން ދިފާއު ކުރައްވަން ފެށްޓެވި ހަނގުރާމައަށް ތިން އަހަރު ވެފައިވާ ހަނގުރާމަ އޭގެ އިންތިހާއަށް ދިޔައީ 2014 ވަނަ އަހަރު އެވެ. އެއީ އިރާގުގައި އޮތް އަނިޔާވެރި ޝިޔައީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ އިސްލާމިކް ސްޓޭޓް އޮފް އިރާޤު ( އައިއެސްއައި) އިން ސޫރިޔާއަށް ހަނގުރާމަ ފުޅާކޮށް، އެ ދެގައުމުން ބޮޑު ބައެއް ކޮންޓްރޯލް ކޮށް އިސްލާމިކް ސްޓޭޓް ( އައިއެސް)ގެ ނަމުގައި ދައުލަތެއް އިއުލާން ކުރުމުންނެވެ. މީގެ އިތުރުން ސޫރިޔާ ހަނގުރާމަ ކުރަމުން ދިޔަ ޖަބުހަތުއް ނުސްރާ (އަލްގައިދާ އިން ދަ ލޭވެންޓް) އިން ބޮޑު ބައެއް ކޮންޓްރޯލް ކުރަން ފެށުމަކީ ވެސް ހަނގުރާމަ ވަރުގަދަވި ކަމެކެވެ. އެހިސާބުން އެމެރިކާ އިސްވެ އޮވެ، އެކުލަވައިލި އިއްތިހާދާއި ބައްޝާރުލް އަސަދުގެ އަމާޒު އެކައްޗަކަށްވެ، އެގައުމުގައި ބޮޑެތި ލޭ އޮހޮރުވުންތައް ދަނީ ކުރިއަށެވެ. އަނެއް ކޮޅުން އައި އެސް އިން ދަނީ އިރާގުގެ އަންބާރު ޕްރޮވިންސްގައި ވަރުގަދަ ހަނގުރާމައެއް ކޮށް، ރަށްތައް ހިފަމުންނެވެ.
ސޫރިޔާ ހަނގުރާމައިގައި މިއަހަރުގެ މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ ގާތްގަނޑަކަށް 40،000 އަށް އަރާފަ އެވެ. ސޫރިއާގެ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ޖަމާއަތްތަކުން ބުނެފައި ވަނީ މަރުވިމީހުންގެ ތެރެއިން 32،000 އަށް ވުރެ ގިނަ މީހުން މަރުވީ އަސަދަށް ތާއީދުކުރާ މީހުންގެ ހަމަމަލާތަކުގައި ކަމަށެވެ. އަދި އެ 32،000 މީހުންގެ ތެރޭގައި 24،430 އާމުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އިރާގުގައި ހިނގަމުންދާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު އެހާ ރަނގަޅަށް ބެލެހެއްޓިފައި ނެތް ނަމަވެސް 10،000 އަށް ވުރެ ގިނަ މީހުން މަރުވިކަމަށް ވަނީ ލަފާކޮށްފަ އެވެ.
* ޣައްޒާގެ ގަތުލު އާއްމު

އިސްރާއީލާއި މިސްރުގެ ސިފައިން ގުޅިގެން އެތައް އަހަރެއް ވަންދެން ހިޞާރުކޮށްފައި އޮތް ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ފެށީ މި އަހަރުގެ އޮގަސްޓް މަހު އެވެ. އެ ހަނގުރާމަ ޖުލައިމަހު ހުއްޓައިލި އިރު ޣައްޒާއިން ޖުމްލަ 2143 މީހުން މަރާލާފައި ވެއެވެ. އޭގެ ތެރޭގައި 1500 އާއްމުން ހިމެނެ އެވެ.
* ނައިޖީރިއާގެ ހަމަނުޖެހުން
ނައިޖީރިއާގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ބޮކޯ ހަރާމް އިން މި އަހަރު އެގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި އެވެ. ބޮން ގޮއްވުމާއި މީހުން މެރުމުގެ އިތުރުން އެމީހުން މިއަހަރު ކުރި އެންމެ ބޮޑު ކަމަކީ 200 ވަރަކަށް އަންހެން ދަރިވަރުން ވަގަށް ނެގުމެވެ. އަހަރު ނިމުނު އިރުވެސް އެއިން ކުއްޖަކު އަދި މިނިވަން ކުރެވިފައެއްނުވެ އެވެ.
ބޮކޯހަރާމް އިން ހިންގި ހަމަނުޖެހުންތަކުގައި އެގައުމުން މަރުވި މީހުންގެ އަދަދު 2014 ވަނަ އަހަރު ވަނީ ގާތްގަނޑަކަށް 2،000 އަށް އަރާފަ އެވެ.
ސޯމާލިޔާގައި އެފްރިކަން ޔޫނިއަން އިން ގާއިމްކޮށްފައިވާ ގޮނޑިކޮށްކޮ ސަރުކާރު ވައްޓައިލުމަށް އައް ޝަބާބު ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ވެސް މިއަހަރު ވަނީ ވަރުގަދަ ކޮށްފަ އެވެ. ސުލްހަ ބެލެހެއްޓުމުގެ ނަމުގައި ސޯމާލިޔާގައި ތިބޭ އެފްރިކަން ޔޫނިއަންގެ ސިފައިން އެގައުމުގެ އަންހެނުން ރޭޕް ކުރަމުން ދިޔަކަން ވެސް ފަޅާ އެރީ މިއަހަރު އެވެ. ސޯމާލިއާގެ ހަނގުރާމައާއި ހައިހޫނުކަމުގެ ސަބަބުން މަރުވިމީހުންގެ ރަނގަޅު އަދަދެއް ދުނިޔޭގެ ކަމާ ބެހޭ ޖަމާއަތްތަކުން ބަލަހައްޓައި އާއްމު ކޮށްފައެއް ނުވެ އެވެ.
ދުނިޔޭގައި ހިނގި ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އިތުރުން ހިތާމަވެރި ބޮޑެތި އެތައް ހާދިސާއެއް ވެސް މިއަހަރު ހިނގި އެވެ. އެފަދަ ބައެއް ހާދިސާތަކަކީ:
* އެމްއެޗް 370 ގެއްލުން

މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓް އެމްއެޗް 370 އެގައުމުގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ތައިލެންޑަށް ދަތުރުކުރަނިކޮށް، ވީނުވީއެއް ނޭނގި ގެއްލުމަކީ މިއަހަރު ހިނގި އެންމެ ހައިރާން ކުރުވަނިވި، އަދި ހިތާމަވެރި އެއް ހާދިސާއެވެ. 239 މީހުންނާއި އެކު ގެއްލުނު އެބޯޓުގެ އެއްވެސް ނިޝާނެއް އަހަރު ނިމުނު އިރުވެސް ފެނިފައެއް ނުވެ އެވެ.
* އެބޯލާ

ހުޅަނގު އެފްރިކާގެ ގައުމުތަކުގައި މި އަހަރު އަނެއްކާ ވެސް އެބޯލާ ބަލި ފެތުރެން ފެށުން ވީ އެފްރިކާގެ އިތުރުން މުޅި ދުނިޔެއަށް ވެސް ބޮޑު ބިރުވެރިކަމެއް ގެނުވި ކަމެކެވެ. މިހާތަނަށް އެއްވެސް ވެކްސިނެއް އަދި ފަރުވާއެއް ވެސް ހޯދިފައި ނުވާ މަރުބަލީގައި މިއަހަރު ނިމުނު އިރު 7،693 މީހުން ވަނީ މަރުވެފަ އެވެ.
* ތުރުކީގެ މައިނެއްގައި ހިނގި އެކްސިޑެންޓް
ތުރުކީގެ އިރުމަތީ ރަށެއް ކަމަށްވާ ސޯމާގެ ކޯލް މައިނެއްގައި ޕަވަރް ޑިސްޓްރިބިއުޝަން ޔުނިޓެއް ގޮވުމުގެ ސަބަބުން ޖުމްލަ 274 މީހުން މަރުވީ މިއަހަރުގެ މޭމަހު އެވެ. އެހާދިސާއާ ގުޅިގެން ތުރުކީގެ ގިނަ އަދަދެއްގެ އާއްމުން ވަނީ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފަ އެވެ.
* އެމްއެޗް17 ވައްޓައިލުން

އަހުލީ ހަނގުރާމަ ހިނގަމުން ދިޔަ ޔުކްރޭންގެ ވައިގެ ސަރަހައްދުން އުދުހެނިކޮށް މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓް އެމްއެޗް 17 ވައްޓައިލީ ޖުލައިމަހުގެ 17 ވަނަ ދުވަހު އެވެ. އެހާދިސާގައި އެބޯޓުން ދަތުރުކުރި 298 މީހުން މަރުވި އެވެ. އެއީ ރަޝާއަށް ތާއީދުކުރާ ޔުކްރޭންގެ ހަނގުރާމަވެރިން ކުރި ކަމެއް ކަމަށް ހުޅަނގުން ތުހުމަތު ކުރެ އެވެ.
* ދެކުނު ކޮރެއާގެ ފެރީ ބަންޑުން ޖަހައިލުން

ގިނަ އަދަދެއްގެ ކިޔަވާކުދިންނާއިގެން ދަތުރުކުރި ދެކުނުކޮރެއާގެ ފެރީއެއް ބަންޑުން ޖަހައިލި ހާދިސާއަކީ ވެސް މި އަހަރު ހިނގި ހިތާމަވެރި އެއް ހާދިސާ އެވެ. އެހާދިސާގައި މަރުވި މީހުންގެ އަދަދަކީ ގެއްލުނު މީހުންނާއި އެކު 300 އެވެ.
* އެއާއޭޝިއާ ކިއުޒެޑް 8501 ގެއްލުން
އެއާ އޭޝިއާގެ މަތިންދާބޯޓް ކިއުޒެޑް 8501 ގެއްލުމުގެ ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ އަހަރު ނިމެން ތިން ދުވަހަށް ވެފައި ވަނިކޮށެވެ. އެހާދިސާ ވީ އެމްއެޗް 370 އާއި އެމްއެޗް17ގެ ހިތާމައިގައި ތިބި މެލޭޝިއާގެ ރައްޔިތުންނަށް ލިބުނު އިތުރު ހިތާމައަކަށެވެ. ސަތޭކެ ސާޅީސް ނުވަ ފަސިންޖަރުންނާ އެކު އެބޯޓް ގެއްލުނީ އިންޑޮނޭޝިއާއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަނިކޮށެވެ.
މިއަހަރު ދުނިޔޭގައި ހިނގި ބޮޑެތި ހަމަނުޖެހުންތަކާއި ހިތާމަވެރި ހާދިސާތައް ފަނޑުކޮށްލާ ވަރު އުފާވެރި މާ ގިނަ ކަންތައްތަކެއް ފާހަގަ ވާކަށް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެހާވެސް ގިނައިން ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފަ އެވެ. މިހާރު ހިނގަމުންދާ ހަނގުރާމަތަކުގެ އޮއިވަރު ހުރި ގޮތުން، އަހަރު ނިމިގެން މިދަނީ އަންނަ އަހަރަކީ ބިރުވެރި އަހަރަކަށް ވާނެ ކަމުގެ އިންޒާރާ ވެސް އެކުގަ އެވެ.