29 Dec 2014, 21:55
ޓެކްނޮލޮޖީގެ ގޮތުން ކޮންމެ ދުވަހަކުވެސް އާ ހަބަރުތަކެއް އިވިއިވި ހުރެ އެވެ. ފަންނުވެރިން އެވެރިންގެ ފަންނުތަކުން ގިނަ ކުރިއެރުންތަކެއް ހޯދަމުން ދެ އެވެ. އާންމުންގެ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމަށެވެ. ނަމަވެސް ޓެކްނޮލޮޖީގެ ކުރިއެރުމަށް ބޮޑެތި އިންގިލާބުތަކެއް ގެނެސްދީ ކާމިޔާބީގެ އައު ހަރުފަތަކަށް އަރަނީ މަދު ހޯދުންތަކަކުންނެވެ. ޓެކްނޮލޮޖީގެ ކުރިއެރުމަށް 2014 ވަނަ އަހަރަކީ ބޮޑެތި އިންގިލާބުތަކެއް ގެނެސްދިން އަހަރެކެވެ.
ސައިންސުވެރިން އެތައް އަހަރުތަކެއް ވަންދެން ޖަވާބެއް ނުލިބި އޮތް ސުވާލެއްގެ ޖަވާބު މި އަހަރު ތިން ނިއުރޯސައިންޓިސްޓުން ވަނީ ހޯދާފަ އެވެ. ސިކުނޑީގެ ޖީޕީއެސް ހޯދުމާ އެކު ސައިންސުވެރިންގެ އެތައް ދުވަސްތަކެއްގެ މަސައްކަތުން ޖަވާބެއް ހޯދިފައި ނުވާ ސުވާލަށް ޖަވާބު ލިބުނެވެ.
އެބޭފުޅުންގެ ރިސާޗާ އެކު ސިކުނޑި މަސައްކަތް ކުރާގޮތް ސާފުކޮށް ހޯދި އެވެ. ރިސާޗުން އެނގިގެން ދިޔައީ ސިކުނޑިން ސަރަހައްދު މެޕް ކުރުމަށާއި ސަރަހައްދުގައި ދަތުރު ކުރުމަށް ބޭނުން ކުރަނީ ތަފާތު ސެލްތަކެއް ކަމެވެ. އަދި އެ ސެލްތައް ފެނިފައިވަނީ އަލްޒައިމާސް ބަލި ޖެހޭ ސެލްތައް ހުންނަތަނުން ކަމަށް އެބޭފުޅުން ވިދާޅުވެފައިވެ އެވެ. އެބޭފުޅުންގެ މަސައްކަތަށް މެޑިސިން އަދި ފިޒިއޯލޮޖީގެ ދާއިރާ ނޯބަލް އިނާމް މިއަހަރު ލިބިފައިވެ އެވެ.
ޖެނެޓިކް އެންޖިނިއަރިންގެ ވައްތަރެއް ކަމުގައިވާ ޖީނޯމް އެޑިޓިން ޓޫލް ނުވަތަ ޖީނޯމް އެޑިޓިން ވިތު އެންޖިނިއާޑް ނިއުކްލިއަސް (ޖީއީއީއެން) އަކީ އާޓިފިޝަލްކޮށް އުފައްދާފައިވާ ނިއުކްލިއަސް (މޮލެކިއުލާ ކަތުރު) ބޭނުންކޮށްގެން ދިރޭ އެއްޗެއްގެ ޖެނެޓިކް މެޓީރިއަލް (ޖީނޯމް) ޑީއެންއޭ ލެއްވުން، ނެގުން ނުވަތަ ބަދަލުކުރުމެވެ. ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުއިންމިންގްގެ ޖީނޯމް ރިސާޗް ފެސިލިޓީގައި މިއަހަރު ވަނީ އެ އުކުޅު ބޭނުންކޮށްގެން ސައިންސުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދީފަ އެވެ. ޖީނޯމް ޓޫލްގެ އެހީގައި ޖެނެޓިކް މޮޑިފައިކޮށްގެން ދެ ރާމާ މަކުނު އުފައްދާފައިވެ އެވެ. ނަމަވެސް އޭގައި ދެ ރާމާ މަކުނެއް އުފެއްދުމަކީ މޮޅު ކަމެއް ނޫނެވެ. އޭގެ މޮޅު ކަމަކީ އެ ހޯދުމާ އެކު އަމާޒުކޮށްފައިވާ ވަކި ޖީން އަކަށް ބަދަލު ގެނެވޭނެ ކަށަވަރުވެގެން ދިއުމެވެ. އެއީ އިންސާނާއަށް ޖެހޭ ބަލިތައް އިތުރަށް ދެނެގަތުމުގައި މުސްތަގުބަލުގައި މުހިއްމު ރޯލެއް ކުޅޭނެ އުކުޅެކެވެ.
ތްރީ-ޑީ ޕްރިންޓިންގެ ވާހަކަ ގިނަ މީހުން އަޑުއަހާނެ އެވެ. ގިނަ ދުވަސްތަކެއް ވަންދެން އާންމުން އޭގެ ބޭނުން ފުރިހަމަގޮތުގައި ކުރަމުން އަންނަމުންގޮސް މައިކްރޯސްކޭލް ތްރީ-ޑީ ޕްރިންޓިން 2014 ވަނަ އަހަރު އީޖާދުކުރި އެވެ. ޕްރިންޓިންގެ މި އުކުޅާ އެކު މިހާރު ބަޔޮލޮޖިކަލް ޓިޝޫ އާއި ނާރު ފަދަ އެއްޗެހި އުފެއްދެ އެވެ. މައިކްރޯ ސްކޭލަށް ތްރީ-ޑީ ޕްރިންޓް ކުރަން ފެށުމަކީ އެތެރެހަށީގެ އާޓިފިޝަލް ގުނަވަންތައް އުފެއްމަށް ހުޅުވިގެން ދާނެ ދޮރުތަކެކެވެ.
ދަނޑުވެރިކަން ކުރާމީހަކަށް އެތަން ބެލެހެއްޓުމަކީ ފަސޭހަ ކަމެއް ނޫންކަން އެނގޭނެ އެވެ. އެކަންތަކަށް ވިސްނާފައި ދުނިޔޭގެ ދަނޑުތަކުގައި މިހާރު ޑްރޯން ބޭނުން ކުރަންފަށައިފި އެވެ.ޑްރޯން މެޝިންތަކަކީ ހަތަރުފިޔަ ލާފައިވާ ކެމެރާ ހަރުކުރެވިފައި ހުންނަ ކްއޮޑްކޮޕްޓާ އެވެ. އޭގެ އެހީއާއެކު ދަނޑުގައި ހައްދާ ތަކެއްޗަށް އުނދަގުލަކާ ނުލާ އަބަދުވެސް ބެލޭނެ އެވެ.
ރޮބޮޓުތަކަކީ ހަނދާން ވާން ފެށީއްސުރެ އެންމެނަށް ވެސް އެކި ގޮތްގޮތުން ފެނިފައިފާ އެއްޗެކެވެ. ނަމަވެސް ފިލްމުތަކުން ފެންނަ ރޮބޮޓުތަކާ ހަގީގަތުގައި ފެންނަން ރޮބޮޓުތަކާ އެތައް ގޮތަކުން ތަފާތެވެ. ނަމަވެސް އާޓިފިޝަލް އިންޓެލިޖެންސާއި އިންސާނުންގެ ސިކުނޑި މަސައްކަތް ކުރާގޮތާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށްޓަކައި "ނިއުރޯމޯފިކް ޗިޕް" ފުރަތަމަ ފަހަރަށް 2014 ވަނަ އަހަރު ތައްޔާރު ކުރިކަން ފާހަގަކޮށްލެވެ އެވެ. އައިބީއެމް އިން އުފެއްދި ޓްރޫ ނޯތު ނަމަކަށް ކިޔާ އެ ޗިޕް 4،096 ޕްރޮސެސާ ކޯ އިން އިރު އިންސާނާގެ ސިކުނޑި ފަދައިން އެއިން އެއް މިލިއަން ނިއުރޯން އާއި 256 މިލިއަން ސިނެޕްސެސް ނަކަލު ކުރެ އެވެ.
ހަކަތަ އުފެއްދުމަށް ފޮސިލް ބޭނުން ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ. އެހެން ކަމުން ހަކަތަ އުފެއްދުމަށް ހުސް ނުވާ ތަކެތި ބޭނުން ކުރަން ޖެހެ އެވެ. ވަޔާއި އަވި އަދި ފެން ފަދަ ތަކެތިން އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން މިހާރު އިތުރު ވެފައިވާއިރު އެތަކެތި އުފެއްދުމުގައި ލިބޭނެ ހަކަތައިގެ އަދަދު ފޯކާސްޓު ކުރުމަށް ސީދާ އަދަދެއް އެނގޭނެ ގޮތް މިހާރު ވަނީ ހޯދާފައެވެ. ބޮޑެތި ޑޭޓާ ތަކާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އިޔާދަ ކުރާ ހަކަތައިގެ އަދަދު އެގުމުން އެއިން ހަކަތަ އުފައްދާ އަދަދާމެދު އިތުބާރުކަން ބޮޑުވާނެ އެވެ.
އިށީނދެ އިން ތަނތަނުގައި އިނދެ އެހެން ދުނިޔެއަކަށް ދަތުރު ކުރެވޭނެ މަގު، މިއަދު ވަނީ ތަނަވަސް ވެފަ އެވެ. 2014 ވަނަ އަހަރު އަޑުއިވިގެން ދިޔަ، ލޯމަތީ އަޅާ މާސްކެއް ހެން ތައްޔާރު ކޮށްފައިވާ އޮކިއުލަސް ރިފްޓް އަކީ ކޮންމެ މީހަކަށްވެސް ބޭނުން ކުރެވޭނެ ވަރުގެ ވާޗުއަލް ރިއަލިޓީ ހާޑުވެއާއެކެވެ.
ނާސާގެ ކިއުރިއޯސިޓީ ރޯވާއަށް މާސްގައި ދިރުން ހުރި ކަމަށް ފުރަތަމަ ފަހަރަށް ނިޝާނެއް ލިބުނީ ވެސް 2014 ވަނަ އަހަރުއެވެ. މާސްއަށް އެސްޓްރޮއިޑެއް ވެއްޓި އަޑިވެފައިވާ ކްރޭޓަރަކަށް މީގެ ދެއަހަރު ކުރިން ފޮނުވާލި ރޯވާއަށް އެސަރަހައްދުގެ ވެލިން މީގެ ކުރިން ފެން ފެނިފައިވި ނަމަވެސް ދިރުން ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.ދިރުން ހުރި ކަމުގެ ނިޝާން ލިބުނީ ރޯވާއިން ކުރި ރެކޯޑިން އެއްގައި އިން އަޑަކުންނެވެ. ދުނިޔޭގައި ފުރާނަ ހުންނަ ހުރިހާ ތަކެއްޗެއް ދޫކުރާ ބޭކާރު ގޭސް، މީތޭން ދޫކުރުމުން އިވޭފަދަ އަޑެއް އެ ރެކޯޑިން އިން ފާހަގަކުރެވުނެވެ.