29 Dec 2014, 21:55
ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް 2014 ވަނަ އަހަރު ކުރި އެވެ. ބިޔަ މަޝްރޫއުތަކެއް އިއުލާންކޮށް، ގިނަ ހަރަކާތްތަކެއް ވެސް ބޭއްވި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކުޅިވަރު އެރީނާތައް ގާއިމް ކުރަން ފެށި އެވެ. ޔޫތު ސިޓީތައް ބިނާ ކުރާނޭ ކަމުގެ އުފާވެރި ހަބަރުތައް ދިނެވެ. ދެހާސް ސާދަ ވަނަ އަހަރު ރާއްޖޭގައި ބައިނަލް އަގުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވި އެވެ. އޭއެފްސީ ޗެލެންޖް ކަޕާއި، ކެރަމް ވޯލްޑް ކަޕް ވެސް ބޭއްވި 2014 ގަ އެވެ.
އަހަރު ތެރޭ ކުޅިވަރުގައި އެންމެ "ސިހުން" ގެނުވީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިމަތިވި ގޮންޖެހުމެވެ. ނަތީޖާއަކަށްވީ ބައިނަލް އަގުވާމީ ޖަމާއަތްތަކުން އެ އެސޯސިއޭޝަންތަކާ ވަގުތީ ގޮތުން ހިންގުން ހަވާލުވުމެވެ. ކުޅިވަރުގެ އެންމެ ބޮޑު ހަބަރެއްގެ ގޮތުގައި ވެގެން ދިޔައީ އެފްއޭއެމްގެ ރައީސް ކަމުން އިލްހާމް އަހްމަދު ދުރުކޮށް، އެ އިދާރާގެ ހިންގާ ކޮމިޓީ އުވާލައި އިންތިގާލީ ކޮމެޓީއެއް އުފެއްދުމެވެ. ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ، ފީފާ އިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ހިންގާ ކޮމިޓީ އުވާލައި، އެ ކޮމިޓީގެ ބަދަލުގައި ފީފާއިން އެކުލަވައިލި ނޯމަލައިޒޭޝަން ކޮމިޓީއާ އެ އެސޯސިއޭޝަންގެ ހިންގުން ހަވާލު ކުރި އެވެ. އެއާ އެކު އެފްއޭއެމަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ އިދާރާގެ ހިންގުން އެތައް ގުނައަކުން ހަރުދަނާކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ހިންގާނެ މުބާރާތްތަކާއި މުބާރާތްތައް ކުރިއަށް ގެންދާނޭ ފޯމެޓަށް ވެސް ބަދަލުތަކެއް ގެނަ އެވެ. އަދި ދިވެހި ލީގުގެ ގޮތުގައި އެތަކެއް އަހަރެއް ވަންދެން ކުރިއަށް ގެންދިޔަ ލީގުގެ ނަން "ދިވެހި ޕްރިމިއާ ލީގު"ގެ ނަމަށް ބަދަލުކުރަން ނިންމި އެވެ.
ރާއްޖޭގައި 2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ މުބާރާތްތަކުގެ އުސްއަލިތަކަށް ބަލައިކުމަކީ އަހަރު ނިމި އާ އަހަރަކަށް ކުރިމަތިލާއިރު ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް މުހިއްމު މައުލޫމާތުތަކަކަށް ވެގެންދާނެކަން ކަށަވަރެވެ.
* ފުޓްބޯޅަ
ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށް ފަހު ފުރަތަމަ ފަހަރަށް ޒޯން މުބާރާތްތައް 2014 ވަނަ އަހަރު ފެށި އެވެ. މިދިޔަ އަހަރު ވެސް ވަނީ ގައުމީ މުބާރާތާއި ދިވެހި ލީގުގެ އިތުރުން އެފްއޭ ކަޕްވެސް ބާއްވާފަ އެވެ.
މިދޔަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކުރީ މާޒިޔާ ސްޕޯޓްސް ކްލަބެވެ. އަދި 2013 ވަނަ އަހަރު 100 ޕަސެންޓު ރިކޯޑަކާ އެކު ލީގު ނިންމާލި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ވަނީ މިދިޔަ އަހަރު ގައުމީ މުބާރާތުގެ ތައްޓާއި ދިވެހި ލީގު ވެސް މިލްކުކޮށްފަ އެވެ. ވޭތުވެދިޔަ އަހަރު ބައިނަލް އަގްވާމީ ގޮތުން ރާއްޖެއަށް ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީއެއް ލިބިފައި ނުވެ އެވެ.
އަންހެން ފުޓްބޯޅައަށް ބަލާއިރު، ވޭތުވެދިޔަ އަހަރުގެ އަންހެން ސާފް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ އަންހެން ޓީމް ވަނީ ފުރަތަމަ ފަހަރަށް ބައިނަލް އަގްވާމީ މެޗަކުން މޮޅުވެފަ އެވެ. އެ މުބާރާތުގައި ރާއްޖެ ކުރި ހޯދާފައި ވަނީ މުބާރާތުގައި ކުޅުނު އެންމެ ފަހު މެޗުން އަފްގާނިސްތާނުގެ މައްޗަށް 1-0 ގެ ނަތީޖާއަކުންނެވެ. އަދި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް އިރުޝާދު ދޭން ބޭރުގެ ތަޖުރިބާކާރު ކޯޗެއް ވެސް ގެނަ އެވެ.
* ބާސްކެޓްބޯޅަ
ބާސްކެޓް ބޯޅައިގައި ވޭތުވެ ދިޔަ އަހަރު ފާހަގަ ކޮށްލެވުނު ހަބަރުތަކުގެ ތެރޭގައި ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އެމްބީއޭ ޗެންޕިއަންޝިޕް ރެޑްލައިން ސިޓީ (އާރްއެލްސީ) ކާމިޔާބު ކުރިކަން ފާހަގަ ކޮށްލެވެ އެވެ. އެ މުބާރާތް އާރްއެލްސީ ކާމިޔާބު ކުރީ ފައިނަލްގައި ޓީރެކްސް އާ ބައްދަލުކޮށް އެންމެ ހަތަރު ޕޮއިންޓުގެ ތަފާތަކުން އެ ޓީމްގެ މައްޗަށް ކުރި ހޯދައިގެނެވެ. އެމްބީބީއޭގެ ފާރާތުން ބޭއްވި އޮފީސްތަކާއި ކުންފުނިތަކުގެ ބާސްކެޓް މުބާރާތްވެސް މިއަހަރު ބާއްވާފައި ވާއިރު، އެ މުބާރާތުގެ ފިރެހެން ޑިވިޝަންގެ ޗެންޕިއަންކަން އެމްއެންޑީއެފް ހޯދިކަން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން އަހަރުގެ ކުރީކޮޅު ކޮލެޖް ތަކާއި އުނިވާސިޓީތަކުގެ މެދުގައި ބޭއްވި ދެވަނަ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ހޯދިކަންވެސް ފާހަގަ ކޮށްލެވެއެވެ. އެމްބީބީއޭގެ ފަރާތުން ވޭތުވެދިޔަ އަހަރުތެރޭ 16 ވަނަ އިންޓަ ސްކޫލް ބާސްކެޓް މުބާރާތްވެސް ބާއްވާފައި ވާއިރު، ސްކޫލްތަކުގެ މެދުގައި ދެވަނަ ފަހަރަށް ތްރީ އޮން ތްރީ ބާސްކެޓް މުބާރާތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބައިނަލްއަގްވަމީ ގޮތުން ބަލާލާއިރު، އޭޝިއާގައި ފުރަތަމަ ފަހަރަށް ބޭއްވި ތްރީ އޮން ތްރީ މުބާރާތުގައިވެސް ރާއްޖެ ބައިވެރިވިކަން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް ބޭއްވި ފީބާ އޭޝިއާ ތްރީ އޮން ތްރީ ޗެންޕިއަންޝިޕުން ރާއްޖެއިން ބައިވެރިވި 18 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމް މުބާރާތުން ޑިސްކޮލިފައި ކުރެވުނުކަންވެސް ފާހަގަ ކޮށްލެވެ އެވެ. އެ މުބާރާތުން ރާއްޖޭގެ ޓީމް ޑިސްކޮލިފައި ކުރެވުނީ ޓީމުގެ ދެ ކުޅުންތެރިން ބުރުގާ އަޅަލއިން ތިބުމުން، އެ ދެ ކުޅުންތެރިން ބުރުގާ ބާލައިގެން މުބާރާތުގައި ވާދަކުރަން ދެކޮޅު ހެދުމުންނެވެ. އަދި ތިންވަނަ ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެންޕިއަންޝިޕާއި އޭޝިއަން ގޭމްސް ގައިވެސް ރާއްޖޭގެ ބާސްކެޓް ޓީމްތައް ބައިވެރިވެފައި ވާއިރު، އެ މުބާރާތްތަކުން ރާއްޖެއަށް ވަނީ ފާހަގަ ކޮށްލެވޭ ފަދަ ކާމިޔާބީއެއް ހޯދޭގޮތް ނުވެފައެވެ.
މީގެ އިތުރުން ވޭތުވެ ދިޔަ އަހަރުތެރޭ ރާއްޖޭގެ ބާސްކެޓް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހާފިޒް ދެކުނު އޭޝިއާގެ ބާސްކެޓް އެސޯސިއޭޝަން (ސާބާ) ގެ ރައީސްކަމަށް ހަތަރު އަހަރުގެ މުއްދަތަކަށް އައްޔަނު ކުރެވިގެން ދިޔަކަންވެސް ފާހަގަ ކޮށްލެވެއެވެ.
* ވޮލީބޯޅަ
މިދިޔަ އަހަރުގެ ތެރޭ ރާއްޖޭގެ ވޮލީބޯޅައިގައި ފާހަގަ ކޮށްލެވޭ ހަބަރުތަކުގެ ތެރޭގައި އަހަރުގެ ކުރީކޮޅު ބޭއްވި ދެވަނަ ޑިވިޝަންގެ ގައުމީ ވޮލީބޯޅަ ލީގު، ކްލަބް މެކާނޯ ހޯދިކަން ފާހަގަ ކޮށްލެވެއެވެ. އެ މުބާރާތުގެ ޗެންޕިއަންކަން ހޯދުމުގެ އިތުރުން އެ މުބާރާތުގެ ފެއާ ޕްލޭ ޓީމަށްވެސް ހޮވުނީ އެ ޓީމެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް އެ ޓީމްގެ ކޯޗު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ސެންޓަރުގެ މަގާމްވެސް ހޯދާފައި ވަނީ އެ ޓީމްގެ ހުސެއިން ހަމީދު އާއި އަލީ ހުޒާމް އެވެ.
އަހަރުގެ ކުރީކޮޅު ވީއޭއެމްގެ ފަރާތުން ބޭއްވި ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެންޕިއަން ޓީމް ބަލިކޮށް، މިއަހަރު އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދީ އިމިގްރޭޝަންގެ ޓީމެވެ. އެ މުބާރާތުގެ ފިރެހެން ޑިވިޝަންގެ ޗެންޕިއަންކަން ވޭތުވެދިޔަ އަހަރު ހޯދީ އެމްއެންޑީއެފް ޓީމެވެ.
ވޭތުވެދިޔަ އަހަރުގައި ބޭއްވި ގައުމީ ވޮލީބޯޅަ ލީގަށް ބަލާލާއިރު، ވޮލީ ލީގުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޕޮލިސް ކްލަބް ހޯދިކަން ފާހަގަ ކޮށްލެވެއެވެ. އަދި މިދިޔަ އަހަރު ޕޮލިސް ކްލަބްގެ އަންހެން ވޮލީ ޓީމް ވަނީ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެންޕިއަންކަން ވިދިވިދިގެން ހަތްވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރުގެ ވޮލީ ލީގުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދިއިރު، އެ ކްލަބުން ވޮލީ ލީގުގެ ތަށި އުފުލައިލީ ލީގުގައި އެޓީމު ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ މެޗެއް ފިޔަވައި ހުރިހާމެޗަކުން މޮޅުވެގެންނެވެ. އަދި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ދިވެހި ސިފައިންގެ ކްލަބް ވަނީ ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ޗެންޕިއަންކަން ހާސިލްކޮށްފައެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުގެ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރެހެން ޑިވިޝަންގައި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ވިދިވިދިގެން ދެވަނަފަހަރަށް ޕޮލިސް ކްލަބް ވަނީ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ.
ވޭތުވެދިޔަ އަހަރުތެރޭ ހަތަރު ޒޯނަކަށް ބަހާލައިން އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތްވެސް ބާއްވާފައި ވާއިރު، އެ މުބާރާތުގައި 20 ރިސޯޓަކުން ބައިވެރިވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ. އަދި ޒޯން މުބާރާތްތަކުގެ ޗެންޕިއަން ޓީމްތަކުގެ މެދުގައި އިންޓަ ރިސޯޓް ވޮލީބޯލް ޗެންޕިއަންސް ލީގެއް ބާއްވާފައިވާ އިރު، އެ މުބާރާތް ބަނޑޮސް އައިލެންޑް ރިސޯޓް ކާމިޔާބުކުރީ ފައިނަލްގައި ފިހާޅޮހި އައިލެންޑް ރިސޯޓާއި ބައްދަލުކޮށް، އެ މެޗު ސިދާ ތިން ސެޓުން ކާމިޔާބު ކޮށްގެނެވެ.
ބައިނަލްއަގްވާމީ ގޮތުން ބަލާއިރު، 2014 ވަނަ އަހަރުގެ ކުރީކޮޅު ތައިލޭންޑުގައި ކުރިއަށް ގެންދިޔަ ޔޫތު އޮލިމްޕިކްސް ބީޗް ވޮލީބޯލް ކޮލިފިކޭޝަންގައި ރާއްޖޭގެ ދެ ވޮލީ ކުޅުންތެރިއަކު ބައިވެރިވެފައި ވެއެވެ. އެހެން ނަމަވެސް އެ މުބާރާތަށް ރާއްޖޭގެ ބައިވެރިން ވަނީ ކޮލިފައި ވާގޮތް ނުވެފައެވެ. އަދި ވޭތުވެދިޔަ އަހަރު ބޭއްވި އޭޝިއަން ގޭމްސްގެ އަންހެން އަދި ފިރެހެން ވޮލީ އިވެންޓުތަކުގައިވެސް ރާއްޖޭގެ ގައުމީ ވޮލީ ޓީމްތައް ބައިވެރިވެފައި ވާއިރު، އެ މުބާރާތުންވެސް ރާއްޖެއަށް ވަނީ ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީއެއް ހޯދޭގޮތް ނުވެފައެވެ. އަދި ތައިލޭންޑުގައި ބޭއްވި އޭޝިއަން ބީޗް ގޭމްސްގެ ވޮލީ އިވެންޓުގައިވެސް ރާއްޖެއިން ބައިވެރިވެފައި ވާއިރު، އެ މުބާރާތުންވެސް ރާއްޖެ ވަނީ ކަޓާފައެވެ.
ވޭތުވެދިޔަ އަހަރުގެ މެދުތެރޭ، ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމް ވަނީ ނޭޕާލްގައި ބޭއްވި ޓްރެއިނިންގް ކޭމްޕެއްގައި ބައިވެރިވެފައެވެ. އަދި އަހަރުގެ ފަހުކޮޅު ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ފުރަތަމަ ފަހަރަށް އަންހެން ވޮލީބޯޅަ މުބާރާތެއް ބާއްވާފައި ވާއިރު، އެ މުބާރާތުގައި ރާއްޖޭގެ ޓީމް ވަނީ އެންމެ ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައެވެ.
* ނެޓްބޯޅަ
ވޭތުވެދިޔަ އަހަރުތެރޭ ނެޓްބޯޅަ އެސޯސިއޭޝަނުން 12 މުބާރާތެއް ކުރިއަށް ގެންދަން ރޭވި ނަމަވެސް އެ އެސޯސިއޭޝަނަށް ދިމާވި މައްސަލަތަކަކާ ގުޅިގެން އަހަރުތެރޭގައި ބޭއްވިފައި ވަނީ އެންމެ ތިން މުބާރާތެވެ. އަހަރުގެ ކުރީކޮޅު ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕް ބާއްވަފައި ވާއިރު، އެ މުބާރާތް ކާމިޔާބުކުރީ ކްލަބް ފިއޮންތީ އެވެ. އަދި ވޭތުވެދިޔަ އަހަރުތެރޭ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތްވެސް ބާއްވާފައި ވާއިރު، އެ މުބާރާތް އިންތިޒާމް ކުރުމުގައިވެސް ނެޓްބޯޅަ އެސޯސިއޭޝަނަށް ވަނީ ގިނަ މައްސަލަތަކަކާއި ކުރިމަތިލާން ޖެހިފައެވެ.
ނެޓްބޯލް އެސޯސިއޭޝަނުން ވޭތުވެދިޔަ އަހަރު ބޭއްވި އެންމެ ފަހު މުބާރާތަކީ އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބޭއްވި މުބާރާތެވެ. އެ މުބާރާތް ކާމިޔާބުކުރީ ކަސްޓަމްސްގެ ޓީމެވެ.
* ސްވިމިންގް
އެހެން އަހަރުތަކެކޭ އެއްފަދައިން ނިމިދިޔަ އަހަރުތެރޭވެސް އިންޓަ ސްކޫލް ފެތުމުގެ މުބާރާތް ވަނީ ބާއްވާފައެވެ. އަދި ސްވިމިންގް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން 100ޕްލަސް އެސްޑީޕީ ފެތުމުގެ މުބާރާތް ބާއްވާފައި ވައިރު، އެ މުބާރާތް ކާމިޔާބު ކޮށްފައި ވަނީ އިބްރާހިމް އަނާން އާއި އައިޝަތު ރަފްހާ އެވެ. މީގެ އިތުރުން ގައުމީ ފެތުމުގެ މުބާރާތުގައި ބޭއްވި 16 ޓީމް އިވެންޓުގެ ތެރެއިން 14 އިވެންޓު ކާމިޔާބުކޮށް، އެ މުބާރާތުގެ އެންމެ މޮޅު ޓީމެއްގެ ގޮތުގައި ކްލަބް އޯލްސްޓާ ވަނީ ހޮވިފައެވެ.
ބައިނަލްއަގްވާމީ ގޮތުން ބަލާލާއިރު ވޭތުވެ ދިޔަ އަހަރުތެރޭ ޗައިނާގައި ބޭއްވި ޔޫތު އޮލިމްޕިކްސްއަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ފެތުންތެރިޔަކު ކޮލިފައިވިކަން ފާހަގަ ކޮށްލެވެ އެވެ. އެ މުބާރާތަށް ރާއްޖޭގެ ފަރާތުން ކޮލިފައިވީ އުމުރުން 17 އަހަރުގެ ފެތުންތެރިއެއް ކަމަށްވާ މުހައްމަދު މުއުތަސިމް އެވެ. އަދި ވޭތުވެ ދިޔަ އަހަރު ރާއްޖެގެ ފެތުންތެރިން ސްކޮޓްލޭންޑުގައި ބޭއްވި ކޮމަންވެލްތް ގޭމްސްގައި ވެސް ބައިވެރިވެފައިވާ އިރު، އެ މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ފެތުންތެރިން ގައުމީ ގިނަ ރިކޯޑްތަކެއް މުގުރާލިކަން ފާހަގަ ކޮށްލެވެ އެވެ. މީގެ އިތުރުން ގަތަރުގެ ވެރިރަށް ދޯހާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ފެތުންތެރިންވެސް ވަނީ ގައުމީ އަށް ރިކޯޑެއް މުގުރާލާފަ އެވެ.
* ކެރަމް
ކެރަމްގައި ވޭތުވެދިޔަ އަހަރު އެންމެ ފާހަގަ ކޮށްލެވުނު ހަބަރަކީ ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި ބޭއްވިގެން ދިޔަ ކަމެވެ. ސަން އައިލެންޑް ރިސޯޓުގައި ބޭއްވިގެން ދިޔަ އެ ވޯލްޑް ކަޕްގައި ރާއްޖޭގެ އިތުރުން އިތުރު 14 ގައުމެއް ވާދަކޮށްފައިވާއިރު، އެ މުބާރާތުގެ އަންހެން ޓީމް އިވެންޓުން މުޅި ދުނިޔޭގެ ތިން ވަނަ ރާއްޖޭގެ އަންހެން ކެރަމް ޓީމް ހޯދިކަން ފާހަގަކޮށްލެވެ އެވެ. އަދި އެ މުބާރާތުގައި ރާއްޖޭގެ އަހުމަދު ހަމީދު ވަނީ އެއް ވައިޓް ސްލޭމް ހަދާފަ އެވެ.
ކެރަމް އެސޯސިއޭޝަނުން ވޭތުވެ ދިޔަ އަހަރު ރާއްޖޭގައި ހިންގި ބައެއް މުބާރާތްތަކަށް ބަލާލާއިރު، އިންޓަ އޮފީސް ކެރަމް މުބާރާތާއި އިންޓަ ސްކޫލް ކެރަމް މުބާރާތުގެ އިތުރުން ކެރަމް އެސޯސިއޭޝަންގެ ޗެންޕިއަންޝިޕް ބޭއްވިކަން ފާހަގަ ކޮށްލެވެ އެވެ. މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮލެޖް ތަކުގެ މެދުގައި ކެރަމް މުބާރާތެއްވެސް ބާއްވާފައި ވާކަން ފާހަގަ ކޮށްލެވެއެވެ.
މިފަހަރު ބޭއްވި ގައުމީ ކެރަމް މުބާރާތުގައި ޕްރިމިއާ ޑިވިޝަންގެ އަންހެން ސިންގަލްސް ޗެންޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އައިމިނަތު ނިފާޝާ ކާމިޔާބު ކުރިކަން ފާހަގަ ކޮށްލެވެ އެވެ. ކެރަން ވޯލްޑް ކަޕްގައި ވެސް އޭނާ ވަނީ ރާއްޖެ ތަމްސީލު ކޮށްފަ އެވެ. ވޭތުވެ ދިޔަ އަހަރުތެރޭ ބޭއްވި ގައުމީ ކެރަމް މުބާރާތް ކެރަމް ވޯލްޑް ކަޕްގައި ރާއްޖެ ތަމްސީލުކުރި ގިނަ ކުޅުންތެރިންތަކެއް ދިމާވި މައްސަލައަކާ ހުރެ ނުކުޅޭކަން ވެސް ފާހަގަ ކޮށްލެވެ އެވެ.
ވޭތުވެދިޔަ އަހަރުތެރޭގައި ފާހަގަކޮށްލެވޭ އިތުރު ކަންކަމުގެ ތެރޭގައި ބައިނަލްއަގްވާމީ ކެރަމް ފެޑަރޭޝަނުން ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އުވާލައި، ކެރަމް އެސޯސިއޭޝަންގެ ހިންގުން އިންތިގާލީ ކޮމިޓީއަކާ ހަވާލުކުރިކަންވެސް ފާހަގަ ކޮށްލެވެއެވެ.