29 Dec 2014, 21:52
ކުޅިވަރުގެ ދުނިޔެއަށް ބަލާއިރު 2014 ވަނަ އަހަރު ވެގެން ދިޔައީ ބައިނަލްއަގްވާމީ ފެންވަރުގެ ބޮޑެތި މުބާރާތްތަކާއި އަދި ގައުމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ބޮޑެތި އަދި މަޝްހޫރު ކުޅިވަރުތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދެވުނު އަހަރެއްގެ ގޮތުގައެވެ.
* ފުޓްބޯޅަ
މުޅި ދުނިޔޭގައި ވެސް އެއް ކުޅިވަރަކަށް އެންމެ ގިނަބައެއްގެ ޝައުގުވެރިކަން ހުއްޓިފައިވާ ފުޓުބޯޅައަށް ބަލާއިރު ނިމިދިޔަ އަހަރަކީހައިރާން ކޮށްލާފަދަ ކަންތައްތަކެއް ފެނިގެން ގޮސްފައިވާ އަދި ކުޅުންތެރިންގެ ފަރާތުން ފުޓުބޯޅައިގެ ރެކޯޑުތަކެއް އައު ކުރެވިގެން ދިޔަ އަހަރެއްގެ ގޮތުގައެވެ.
ހަތަރު އަހަރަށް ފަހު ފީފާ ވޯލްޑް ކަޕް 2014 ވަނަ އަހަރުގެ ޖޫން 12 މަހުގައި ބޭއްވުނެވެ. ބްރެޒިލްގައި ކުރިއަށް ދިޔަ ވޯލްޑްކަޕުގެ ތަށި އެ ގައުމުން އުފުލައިލާނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިބިނަމަވެސް ޖަރުމަނުގެ ވަރުގަދަ ޓީމު ވަނީ ހައިރާން ކުރިވަނިވި 1-7 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މުބާރާތުގެ ކުއާޓާފައިނަލުން އެ ވަރުގަދަ ބްރެޒިލް ކަޓުވާލައިފަ އެވެ.
ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ކެޕްޓަން ކަމުގައި 1986 ގައި ވޯލްޑް ކަޕު ކާމިޔާބުކުރި އާޖެންޓީނާ ވަނީ، 24 އަހަރު ފަހުން ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ. އާޖެންޓީނާ ބަލިކޮށް ޖަރުމަނު ވޯލްޑް ކަޕް 2014 ގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމު ވެގެން ދިޔައީ ދެކުނު އެމެރިކާގެ ގައުމެއްގައި ވޯލްޑް ކަޕް ކާމިޔާބު ކުރި ފުރަތަމަ ޔޫރަޕު ގައުމަށެވެ.
ނިމިދިޔަ އަހަރު އިނގިރޭސި ފުޓްބޯޅައަށް ބަލާއިރު، ލީގު ކަޕުގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް މެންޗެސްޓާ ސިޓީ ހޯދި އެވެ. ސަންޑަލޭންޑާ ދެކޮޅަށް ބައްދަލުކުރި އެ މެޗު 1-3 ލަނޑުން މޮޅުވެފައިވާ އިރު އެ މުބާރާތް ސިޓީ އިން އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ 70 ގެ އަހަރު ތަކުގެތެރޭގަ އެވެ.
ސްޕެނިޝް ލީގަށް ބަލާ އިރު، ބާސެލޯނާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ލައިނަލް މެސީ މި އަހަރު މުގުރާލި އެވެ. މެސީ އެ ރެކޯޑު މުގުރާލާފައި ވަނީ ސްޕެނިޝް ލަލީގާގައި އޮސަސޫނާއާ މި އަހަރުގެ މާޗު މަހުގައި ބައްދަލުކޮށްގެނެވެ. ކުރީގެ ކުޅުންތެރިޔާ ޕޯލީނިއޯ އެލްކެންޓްރާ ޖަހާފައިވާ 369 ގޯލުގެ ރެކޯޑު އެ މެޗުގައި މުގުރާލާފައި ވަނީ އެ އަދަދަށްވުރެ ދެ ގޯލު އިތުރަށް ޖަހައިގެންނެވެ.
ކޮޕާ ޑެލްރޭގެ ޗެމްޕިއަންކަން މިއަހަރު ހޯދީ ރެއާލް މެޑްރިޑެވެ. ފައިނަލް މެޗުގައި ބާސެލޯނާއާ ބައްދަލުކޮށްގެން އެ މެޗުން ރެއާލް މޮޅުވީ 1-2 ލަނޑުންނެވެ. އެ މެޗަކީ ޓީމުގެ ތަރި ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލައި ރޭއާލް ކާމިޔާބު ކުރި މެޗެކެވެ. ކޮޕާ ޑެލްރޭ ތަށި ރެއާލް އިން އުފުއްލާލި މިއީ 19 ވަނަ ފަހަރެވެ.
ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން މިއަހަރު ހޯދާފައިވަނީ އެތުލެޓިކޯއިންނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އެތުލެޓިކޯއަށް ލިބުން މިއީ 18 ވަނަ ފަހަރަށް ވެފައިވާއިރު މިއަހަރު އެޓީމުން މުބާރާތް ކާމިޔާބުކުރީ ވަރުގަދަ ބާސެލޯނާއާ ބަލިކޮށްފަ އެވެ. ދެ ޓީމުންވެސް 1-1 އެއްވަރުވި ނަމަވެސް ޕޮއިންޓުގެ ތަފާތުން އެތުލެޓިކޯ މުބާރާތް ކާމިޔާބުކުރީ 90 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް ލިބުނީ 87 ޕޮއިންޓެވެ.
ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ތަށި 10 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން އުފުލައިލީ ވެސް 2014 ވަނަ އަހަރު އެވެ. ފައިނަލް މެޗުގައި އެތުލެޓިކޯ މެޑްރިޑާ ބައްދަލުކޮށް ފުރަތަމަ އެ ޓީމުން ލީޑު ނަގާފައިވަނިކޮށް 1-4 އިން އެ މެޗު ރެއާލް ކާމިޔާބުކުރި އެވެ.
ޔުއެފާއިން 2011 އިން ފެށިގެން ހޮވަމުން އަންނަ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މިއަހަރު ލިބުނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. ރެއާލް މެޑްރިޑްގެ ސްޓާ ޕްލޭޔަރ ވަނީ ޗެމްޕިއަންސް ލީގުގެ މިދިޔަ ސީޒަންގައި 17 ލަނޑުގެ ރެކޯޑެއް ހަދައިފައެވެ. މީގެ ކުރިން އެ އެވޯޑު ލިބިފައިވާ ތިން ފަރާތަކީ ލައިނަލް މެސީ އާއި އަންދްރޭ އިނިއެސްތާ އަދި ފްރޭންކް ރިބެރީ އެވެ. ރޮނާލްޑޯ ވަނީ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް 2014 ވަނަ އަހަރު މުގުރާލާފައެވެ. އީސީގައި ރޮނާލްޑޯ 37 މެޗު ކުޅެ އެންމެ ގިނަ ލަނޑުގެ ރެކޯޑު މުގުރާލާގައިވަނީ 24 ގޯލު ޖަހައިގެންނެވެ. އެ ރިކޯޑު ކުރިން ހިފަހައްޓާފައިވަނީ 31 މެޗު ކުޅެގެން 22 ލަނޑު ހަދާފައިވާ ޑެންމާކް ކުޅުންތެރިޔާ ޖޯން ޑަލް ޓޮމަސަން އެވެ.
*ޓެނިސް
ދުނިޔޭގެ އެއް ނަމްބަރު އަންހެން ޓެނިސްކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕްގެ ތަށި މިއަހަރު ކާމިޔާބުކުރިއެވެ. ފައިނަލް މެޗުގައި ޑެންމާކްގެ ކެރޮލައިން ވޮޒްނިއަކީ އާއި ބައްދަލުކުރި މެޗުން މޮޅުވިއިރު އެއީ ސެރީނާ ޔޫއެސް އޯޕަން މޮޅުވި ހަވަނަ ފަހަރެވެ.އެ މުބާރާތުގައި ސެރީނާ ކުޅުނު އެއްވެސް މެޗެއްގައި އެއްވެސް ސެޓަކުން މިއަހަރު ސެރީނާ ބަލިވެފައެއް ނުވެއެވެ.
ދުނިޔޭގެ 10 ވަނަ ރޭންކުގައިވާ ކުޅުންތެރިޔާ އެންޑީ މަރޭ، ޝެންޒެން އޯޕެން އާއި އޮސްޓްރިއާގައި ބާއްވާ އާސްޓޭ ކަޕް މިއަހަރު ކާމިޔާބުކޮށްފައިވެއެވެ. ހަމަ އެހެންމެ މަޝްހޫރު ޓެނިސްކުޅުންތެރިޔާ ރޮޖާ ފެޑެރާ ހަވަނަ ފަހަރަށް ބާސެލް އޯޕަން މިއަހަރު ކާމިޔާބު ކުރިއެވެ.
*ކްރިކެޓް
ވޯލްޑް ޓްވެންޓީ-20 ކްރިކެޓުގައި އިންޑިޔާގެ މައްޗަށް ކުރި ހޯދުމަށްފަހު މުބާރާތުގެ ތަށި މިއަހަރު އުފުލައިލީ ސްރީލަންކާ އެވެ. ޓްވެންޓީ-20 ގައި ސްރީލަންކާ މުބާރާތް ކާމިޔާބު ކުރި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން ދެ ފަހަރެއްގައި ސްރީ ލަންކާ ވަނީ އެ މުބާރާތުގެ ފައިނަލަށް ގޮސްފައެވެ.