29 Dec 2014, 21:42
ތަފާތު ގިނަ ސަބަބުތަކާ ހުރެ ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ދިމާވެފައިވާ ޒަމާނީ ގޮންޖެހުންތަކުގެ އަސަރު 2014 ވަނަ އަހަރު ވެސް ރާއްޖެ ވަނީކޮށްފަ އެވެ. އާ އަހަރަކާ ކުރިމަތިލިއިރު އިގްތިސާދީ ގޮތުން ގައުމަށް ހިތްހަމަ ޖެހުމެއް ނެތެވެ. ރިކަރަންޓު މާ ބޮޑީއެވެ. އޮނިގަނޑު ބޮޑީ އެވެ. ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުން 2014 ވަނަ އަހަރު ދައުލަތުގެ ދަރަނި 33 ބިލިޔަން ރުފިޔާއަށް އަރަ އެވެ. އަހަރަކަށް ފަހު އަހަރެއް ދަރަނި ދަނީ މަތިވަމުންނެވެ. ރާއްޖޭގެ އިގްތިސާދުގެ ހާލަތު ވަޒަންކުރާ މުހިންމު މިންގަނޑުތަކަށް އަލިއަޅުވާލާނަމެވެ.
އާމްދަނީ އިތުރުވި އަހަރެއް
ދެހާސް ތޭރަ ވަނަ އަހަރުގެ ޖުމްލަ އާމްދަނީއަށް ވުރެ 2014 ވަނަ އަހަރުގެ ދައުލަތުގެ އާމްދަނީ ވަނީ އިތުރުވެފަ އެވެ. ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 2013 ވަނަ އަހަރު ލިބުނީ 8.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 10.5 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ އާމްދަނީއާ އަޅާބަލާއިރު 14 ޕަސެންޓް ކުރި އެރުމެކެވެ. ނަމަވެސް އެ ޕަސެންޓޭޖަކީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އާމްދަނީއާ ނުލައި ނެރެފައިވާ ނަތީޖާ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އާމްދަނީގެ ތަފްސީލެއް މީރާއަކުން އަދި އާންމެއް ނުކުރެ އެވެ.
އާމްދަނީ އިތުރުވާން ދިމާވީ އެއް ސަބަބަކަށް ވެފައިވަނީ މުއާސަލާތީ ހިދުމަތުން ޓެކުސް ނަގަން ފެށުމެވެ. އެ ދާއިރާއިން މި އަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް 110 މިލިއަން ރުފިޔާ ލިބޭނެ ކަމަށް މީރާ އިން އަންދާޒާކޮށްފައިވެ އެވެ. ރިސޯޓްތަކުގެ މުއްދަތު އިތުރުކޮށްގެން 705 މިލިއަން ރުފިޔާ ނޮވެމްބަރު މަހުގެ ނިޔަލަށް ލިބިފައިވާއިރު ނުއުފުއްލޭ މުދަލުގެ ބައިން 65 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓީޖީއެސްޓީ ނަގާ މިންވަރު 12 ޕަސެންޓަށް ބޮޑުކޮށްފައިވާއިރު އެބައިން ވަނީ 2.5 މިލިއަން ރުފިޔާ ލިބިފަ އެވެ.
ގައުމުގެ އުފެއްދުންތެރިކަން
ދެހާސް ސާދަ ވަނަ އަހަރު ޖީޑީޕީ ކުރިއަރާފައިވާ ކަމަށް ލަފާކޮށްފައި ވަނީ 8.8 ޕަސެންޓަށެވެ. އާ އަހަރު ޖީޑީޕީ 10 ޕަސެންޓަށް ކުރިއަރާނެ ކަމަށް އަންޒާދާ ކުރެވެ އެވެ. އިގްތިސާދުގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަށް ބަލާއިރު ރާއްޖޭގައި ޖީޑީޕީގެ 80 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ ޓޫރިޒަމެވެ. އިގްތިސާދުގައި މަސްވެރިކަމުގެ ހިއްސާ އުޅެނީ 1.1 ޕަސެންޓްގަ އެވެ. ޖީޑީޕީގެ ނިސްބަތުން ދަނޑުވެރިކަމަކީ 1.8 ޕަސެންޓެވެ.
ދެހާސް ފަނަރަ ވަނަ އަހަރު އަންނައިރު ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ ހުންނާނީ 103،707 ރުފިޔާގައި ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.
ޑިޕާޓްމެންޓް އޮފް ސްޓެޓިކްސް އިން ބުނީ ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީއަކީ ރައްޔިތުންގެ މެދުގައި ގައުމުގެ އާމްދަނީ ބެހިގެންދާ ގޮތާއި އާމްދަނީގެ ގޮތުން ރައްޔިތުންގެ މެދުގައިވާ ފަރަގު ހާމަވެގެންދާނެ ހިސާބެއް ނޫން ކަމަށެވެ.
ނޮމިނަލް ޖީޑީޕީގެ މެދު ރާސްތާ އަންދާޒާތަކަށް ބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަން 2013 ވަނަ އަހަރު ނޮމިނަލް ޖީޑީޕީން 11.7 ޕަސެންޓުން 10.4 ޕަސެންޓަށް 2015 ވަނަ އަހަރު އަންނަން ވާއިރަށް ކުރި އަރާނެ އެވެ.
ޓޫރިޒަމް
ރާއްޖޭގެ ޖީޑީޕީގެ 80 ޕަސެންޓު ހިއްސާ ކުރާ ޓޫރިޒަމް ދާއިރާއަށް ބަލާއިރު 2012 ވަނަ އަހަރު ކުރިއަރާފައިވަނީ 0.7 ޕަސެންޓެ އެވެ. ދެހާސް ތޭރަ ވަނަ އަހަރު އެއް މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާއިރު 2014 ނޮވެމްބަރު މަހުގެ ނިޔަލަށް ޓޫރިސްޓުން އައި މިންވަރު ވެސް ވަނީ 7.9 ޕަސެންޓް ކުރިއަރައިފަ އެވެ. އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 1.1 މިލިއަން ޓޫރިސްޓުން ވަނީ 2014 އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެއީ 2013 ވަނަ އަހަރަށް ވުރެ 7.9 ޕަސެންޓު އިތުރު އަދަދެކެވެ.
ރާއްޖެ އެންމެ ގިނައިން 2015 ވަނަ އަހަރު އައިސްފައި ވަނީ ޗައިނާގެ ޓޫރިސްޓުންނެވެ. އެ ގައުމުން 345,395 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު އެއީ 2013 ވަނަ އަހަރާ އަޅާ ބަލާއިރު 11.1 ޕަސެންޓުގެ ކުރި އެރުމެކެވެ. މިދިޔަ އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އޭޝިއާ ސަރަހައްދުންނެވެ. އެއީ 546,278 އަށްވުރެ ގިނަ ޓޫރިސްޓުންނެވެ.
މަސްވެރިކަން
މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު އެމްއެމްއޭއިން މިހާތަނަށް އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގެތަކަށް ބަލާއިރު 2014 ވަނަ އަހަރު މަސް ކިރުވި އަދަދު ވަނީ 57 ޕަސެންޓު ދަށަށް ގޮސްފަ އެވެ. މަސް އެކުސްޕޯޓް ކުރި މިންވަރު ވެސް ވަނީ 77 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި މަސްވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ ވެސް ވަނީ 51 ޕަސެންޓު ދަށަށް ގޮސްފަ އެވެ.
އޭގެ ސަބަބެއް ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައި ވަނީ ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓްކުރެވުނު މިންވަރާއި އޭގެއިން ލިބުނު އާމްދަނީ ދަށަށް ދިއުމެވެ.
އިންފުލޭޝަން
ޑިޕާޓްމަންޓް އޮފް ސްޓެޓިސްޓިކް އިން އެންމެ ފަހުން މިހާތަނަށް އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މާލޭގައި ތަކެތީގެ އަގުތައް ނޫނީ އިންފުލޭޝަން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަހަރެއް ތެރޭގައި 0.87 ޕަސެންޓް ވަނީ މައްޗަށް އުފުލިފަ އެވެ. އިގުތިސާދުގެ އެހެނިހެން މިންގަނޑުތައް ކަމަށްވާ އިންފްލޭޝަން މިންކުރާ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް މި އަހަރުގެ ތެރޭގައި ހުންނާނީ 4.6 ޕަސެންޓުގައި ކަމަށް ލަފާކުރެ އެވެ. އަދި 2015 ވަނަ އަހަރު އެ މިންވަރު ހުންނާނީ 4.5 ޕަސެންޓްގައި ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންފުލޭޝަން އެންމެ މަތިވެފައި ވަނީ ދުންފަތާއި ދުމުގެ ބައިންނެވެ. އެބައިން އިންފުލޭޝަން ވަނީ ހަތް ޕަސެންޓަށް މަތިވެފަ އެވެ. އަދި ތައުލީމީ ބައިންނާއި ހޮޓާކެފޭ ރެސްޓޯރެންޓުގެ ބައިން ވަނީ ފަސް ޕަސެންޓަށްވުރެ ބޮޑަށް އިތުރުވެފަ އެވެ.
ބަޖެޓްގެ ހާލަތު
ދެހާސްސާދަ ވަނަ އަހަރު ދައުލަތުގެ ބަޖެޓަކީ 16.4 ބިލިއަން ރުފިޔާ އެވެ. ދެހާސް ފަނަރަ ވަނަ އަހަރަށް 24.3 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފައިވެ އެވެ. އެއީ 2013 ވަނަ އަހަރުގެ ރިވައިސްޑް ބަޖެޓަށް ވުރެ 36 ޕަސެންޓް ބޮޑު ބަޖެޓެކެވެ. އަންނަ އަހަރުގެ ބަޖެޓުގެ ޑެފެސިޓަކީ 1.3 ބިލިއަން ރުފިޔާ ކަމަށްވާ އިރު އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 2.5 ޕަސެންޓް އެވެ. އާމުދަނީ އާއި އެހީގެ ގޮތުގައި 21.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަންނަ އަހަރު އުފެއްދުންތެރިކަން ކުރިއަރާނީ 10.5 ޕަސެންޓް ކަމަށް ލަފާ ކުރާއިރު އިންފުލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 3.7 ޕަސެންޓުގައެވެ.
އަންނަ އަހަރުގެ ދަރަނި 33 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ބެލެވޭ އިރު އެއީ ޖީޑީޕީގެ 63.2 ޕަސެންޓެވެ. އަންނަ އަހަރަށް ލަފާކޮށް، 24.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފައިވާ އިރު ބަޖެޓުގެ 65 ޕަސެންޓް ހަރަދު ވާނީ ރިކަރަންޓް ހަރަދެވެ.
ޖުމްލަކޮށް އިގުތިސާދު
ގިނަ ގުނަ ސަބަބުތަކާހުރެ މިއަހަރު ވެސް އިގްތިސާދަށް މާ އުޖާލާ އަހަރަކަށް ނުވި އެވެ. އެންމެ ބޮޑު މައްސަލައަކަށްވީ އިގްތިސާދު ދިމާވެފައިވާ ބޮޑު ހިޔަނި ކަމަށްވާ "ގައުމާއި ނުބައްދަލު އޮނިގަނޑަށް" ހަމަމަގެއް ނުގެނެވުމެވެ. މާ ހަރަދުތައް ބޮޑީ އެވެ. ޓޫރިޒަމް ކުރިއެރި ނަމަވެސް މަސްވެރިކަން ވީ ދަށަށް ގޮސްފަ އެވެ. އިގްތިސާދާއި ވިޔަފާރީގެ ދާއިރާއިން ރާއްޖެއަށް މިއަހަރު ވެސް ލުޔެއް ލިބޭނެ ކަމަކަށް ނުފެނެ އެވެ. އިގްތިސާދުގެ ކަންކަން ހަމަމަގަށް އަޅުވަން ބޭނުންވާނަމަ ރަނގަޅު ޕުލޭންތަކެއް އެޅިގެން ހަރަދުތައް ކުޑަކުރަންޖެހެ އެވެ.