29 Dec 2014, 21:40
ފާއިތުވެގެން ދިޔަ 2014 ވަނަ އަހަރު ފެށުނުއިރު ރާއްޖޭގެ ސިއްހީ ދާއިރާ އޮތީ އެނދުމަތިވެފައޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެކަށީގެންވާ ރަނގަޅު ސިއްހީ ހިދުމަތް ނުލިބުމުގެ އިތުރުން ރާއްޖޭގެ ގިނަ ހޮސްޕިޓަލްތައް ޑޮކްޓަރުންނަށް ޖެހިފައިވާއިރު ގިނަ ރަށްރަށުގައި ބޭހެއް ނުލިބެ އެވެ. "ބަލި ހާލު ބޮޑުވެފައިވާ ސިއްހީ ދާއިރާ"ގެ ހިދުމަތްތަކާއި ހިންގުމުގެ ދުވެއްޔާ މެދު ރައްޔިތުން ބަންޑުން ކުރަމުން ގެންދިޔަ ޝަކުވާތައް އެހާމެ ގިނަ އެވެ. ހަމަ އެއާއެކު އެދާއިރާގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން އެ ދާއިރާއަށް ހާއްސަ ފަރުވާދޭން ފެށި އެވެ.
ފާއިތުވި އަހަރު ސިއްހީ ދާއިރާއަށް ފެންމަތިވެގެން އައި މައްސަލަތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް މައްސަލައަކީ އައިޖީއެމްއެޗަށް ވިއްސަން ގެންދިޔަ މީހެއްގެ ގަޔަށް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޓެކްނީޝަނެއްގެ އިހްމާލުން އެޗްއައިވީ ޖެހިފައިވާ ލޭ އެޅި މައްސަލަ އެވެ. އެ މައްސަލައާ ގުޅިގެން އޭރު ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އިސްތިއުފާދިނުމަށް އިދިކޮޅު ފަރާތްތަކުން ގޮވި އެވެ.
އެ އަށް ފަހު ސަރުކާރުން ވަނީ މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑާގެ ގޮތުގައި ހިންގަމުން ގެންދިޔަ މިނިސްޓްރީގެ ނަން ހެލްތް މިނިސްޓްރީގެ ނަމަށް ބަދަލުކޮށް ޖެންޑާގެ ބައި ވަކިކޮށްފަ އެވެ. އަދި އޭގެ ފަހުން ހެލްތް މިނިސްޓަރު ކަމުގެ މަގާމުގައި ޝަކީލާ ހުންނަަވަން ނުފެންނަ ކަމަށް މަޖިލީހުގައި ނެގި ވޯޓުން މެމްބަރުން ނިންމެވި އެވެ. އެއަށް ފަހު އެ ދާއިރާ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާ އެވެ.
އައިޖީއެމްއެޗްގައި މާބަނޑު އަންހެން މީހެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުނު މައްސަލައަށް ފަހު ސިއްހީ ދާއިރާގެ ހިންގުމަށް ބޮޑު ބަދަލުތަކެއް ގެންނެވި އެވެ. އެގޮތުން އެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން އެ ދާއިރާ ހަމައަކަށް އެޅެންދެން އެ ދާއިރާ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ހިންގަމުން ގެންދާ ދާއިރާއެއްގެ ގޮތުގައި ހަމަޖެއްސެވި އެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗާއި ވިލިމާލެ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލު ހިންގުމަށް ގަވަނިންގް ބޯޑެއް އެކުލަވައިލައްވައި އެ ބޯޑާ އެ ހޮސްޕިޓަލްތައް ހަވާލުކުރެއްވި އެވެ.
ސިއްހީ ދާއިރާ އިން ފާއިތުވި އަހަރު ހޯދައިފައިވާ ކުރިއެރުންތަކަށް ބަލާއިރު އެއިޑްސް ބައްޔަށް ފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ބަލި ކަމަށްވާ އެބޯލާ އިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ރާއްޖޭގައި ވަނީ އަޅައިފަ އެވެ. އެގޮތުން އެ ބަލިޖެހިފައިވާ މީހަކު ރާއްޖެ އަށް އެތެރެވެފައިނުވުމަކީ ވެސް އެ ދާއިރާ އިން ހޯދައިފައިވާ ކުރިއެރުމަކަށް ވެގެންދާނެ އެވެ.
ހުސްވި އަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދަ ހިދުމަތް ލިބޭ ބޭސް ފިހާރައެއް ގާއިމުކުރުމަށް ސަރުކާރުން އަމާޒު ހިފި އެވެ. އެސްޓީއޯއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން މިދިޔަ އަހަރު ގިނަ ރަށްތަކެއްގައި ވަނީ ބޭސްފިހާރައެއް ހުޅުވައިފަ އެވެ. އަދި މި ފެށޭ އަހަރު އެ މަޝްރޫއުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
ސިއްހީ ހިދުމަތުގެ ގިނަ ކަންތަކެއް މަޑުޖެހިފައިވީ ނަމަވެސް ފާއިތުވި އަހަރު ފާހަގަވެގެން ދަނީ އެ ދާއިރާގެ ހިންގުން ހަލުވި ކުރުމަށް ގިނަ ކަންތައްތަކެއް ކުރި އަހަރެއްގެ ގޮތުގަ އެވެ. އެގޮތުން އަތޮޅު ހޮސްޕިޓާލްތަކާއި ރަށު ފެންވަރުގައި ގާއިމްކޮށްފައިވާ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް މިދިޔަ އަހަރު ކުރެވިގެންދިޔަ އެވެ. އަދި ކޮންމެ ރަށަކަށް ޑޮކްޓަރުން ހަމަޖެއްސުމާއި ރާއްޖޭގެ ކުދި ރަށްތަކަށް އެކި ބޭނުން ތަކަށް ބޭނުންވާ ސްޕެޝަލިޓީ ޑޮކްޓަރުން ހަމަޖެއްސުމުގެ މަސައްކަތްތަކެއް ވެސް ވަނީ ކޮށްފަ އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، ކުރިއަށް އޮތް 10 އަހަރު ދުވަހަށް ހިންގުމަށް ބޭނުންވާ މާސްޓާ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ވެސް ފެށިގެން ގޮސްފައި ވަނީ ހުސްވި އަހަރު އެވެ. އަދި މާސްޓަރ ޕްލޭނަކީ ކުރިއަށް އޮތް 10 އަހަރަށް އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނާ ހަމައަށް އެމީހުންގެ ސިއްހަތާއި އެމީހުންގެ ރައްކާތެރިކަމާއި ވަރަށް މުހިންމު ޕްލޭނެއް ކަމަށް ހެލްތް މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
އާސަންދައިގެ ސްކީމަށް ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެންސްޕާ އިން އަމިއްލަ އެކިއެކި ކުންފުނިތަކަށް ދައްކަންޖެހި ނުދެއްކި ހުރި އެއް ބިލިއަނަށް ވުރެ ގިނަ ފައިސާ 2012 ވަނަ އަހަރުގެ ނިޔަލަށް ހުއްޓެވެ. ނަމަވެސް އެ ފައިސާގެ ތެރެއިން މިދިޔަ ނޮވެމްބަރުގެ ނިޔަލަށް ނުދެއްވި ހުރީ 170 މިލިއަން ރުފިޔާ ކަމަށް ނާޒިމް ވަނީ ވިދަޅުވެފަ އެވެ.
ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މިދިޔަ އަހަރު ފެށުނު އިރު ހުސްނުވާ އާސަންދަ ތައާރަފްކޮށް އެ ސުކީމްގެ ދަށުން ރާއްޖޭންނާއި ރާއްޖޭން ބޭރުން ލިބޭނެ ސިއްހީ ހިދުމަތްތައް ފުޅާކުރި އެވެ. އެގޮތުން ސަރުކާރުގެ ހުރިހާ ސިއްހީ މަރުކަޒުތަކަކަށް އާސަންދަ ހިދުމަތް ދެމުން ގެންދާއިރު 122 ފާމަސީ އަކަށާއި 14 އޮޕްޓިކަލްސް އަކުން އާސަންދަ ހިދުމަތް ލިބެ އެވެ. އަދި ޕްރައިވެޓް ފަސް ހޮސްޕިޓަލަކާއި ޕްރައިވެޓް 20 ކްލިނިކެއް މެދުވެރިކޮށް އާސަންދައިގެ ހިދުމަތް ލިބޭ އިރު އިންޑިއާގެ 14 ހޮސްޕިޓަލަކާއި ލަންކާގެ ހަ ހޮސްޕިޓަލަކުން އާސަންދަ ލިބޭނެ ގޮތް ހުސްވި އަހަރު ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ހުސްނުވާ އާސަންދައިގެ ދަށުން މިދިޔަ އަހަރު 16 މީހެއްގެ ކިޑްނީ ބަދަލުކޮށްދީފައިވާ އިރު، ޑަޔަލިސިސްފަރުވާ ބޭނުންވާ 674 މީހަކަށް 296،285 ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.
ކޮންމެ އަކަސް 2014 ވަނަ އަހަރު ފާހަގަކޮށްލެވެނީ ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އަހަރެއްގެ ގޮތުގަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ބަޖެޓުން ވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާނީ ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. ގިނަ ކަންތައްތަކެއް ރަނގަޅު ކުރުމަށް މަސައްކަތް ކުރެވުނު އަހަރެއްގެ ގޮތުގައި 2014 ފާހަގަކުރެވުނަސް އަދި ވެސް ގިނަ ކަންތައްތަކެއް ސިއްހީ ދާއިރާގައި ރަނގަޅު ކުރަން އެބަހުއްޓެވެ. އެގޮތުން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުން މިހާރު ދެމުން ގެންދާ ހިދުމަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރަންޖެހެ އެވެ.