04 Feb 2011, 18:41
ފޮރިން މިނިސްޓްރީ ކުރިމަތިން ފަޅަށް ވަންނަން އައި ދެ ލޯންޗަކާއި އެ ދިމާއިން ނުކުންނަން އުޅުނު އިތުރު ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އޭގެތެރެއިން ދެ ލޯންޗަކަށް ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
މިއަދު އިރުއޮއްސި 6:30 އެހާކަންހާއިރު އެކްސިޑެންޓް ހިނގި އިރު އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެ އެކްސިޑެންޓް ހިނގީ މާލޭ ފަޅުން ނުކުންނަން ދިޔަ ލޯންޗަކާ ވިލިމާލެއާ ދިމާލުން ދަތުރުކޮށްފައި އައި ލޯންޗަކާ ބަނޑޮހުން އައި ލޯންޗެއް އެކުއެކީގައި ފަޅަށް ވަންނަން އުޅުނު ވަގުތު އޭގެ ތެރެއިން އެއް ލޯންޗް ބާރު ސްޕީޑްގައި ފަޅަށް ވަންނަން އުޅެނިކޮށް ފަޅުން ނުކުންނަން އުޅުނު ލޯންޗުގައި ޖެހިގެން ކަމަށެވެ.
އޭނާ އަދި ބުނީ އެކްސިޑެންޓްވީ ވަގުތު ފަޅުން ނުކުންނަށް އުޅުނު ލޯންޗުގައި ތިބި މީހުން ފަޅުގެ ބެރު ތޮށިގަނޑު މައްޗަށް ފުންމާލީ ކަމަށެވެ.
މަންޒަރު ދުއް އެހެން މީހަކު ބުނީ ވިލިމާލެއާ ދިމާލުން އައި ލޯންޗު ފަޅުން ނުކުންނަށްދިޔަ ލޯންޗުގެ މައްޗައި އަރައި އެ ލޯންޗަށް ވަރަށް ބޮޑަށް ގެއްލުންވި ކަމަށާއި އަނެއް ލޯންޗަށްވެސް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ފޮރިން މިނިސްޓްރީ ކުރިމަތީ ކަނޑިންމައިގައި ދެ ލޯންޗް ޖެހި ހިނގި އެކްސިޑެންޓް ގައި އެއް ލޯންޗްގެ ފަހަތްކޮޅުން 15 ފޫޓް ހާތަން ހަލާކު ވެފައިވާ ކަމަށެވެ. ބޮޑަށް ހަލާކުވެފައި ވަނީ ފަޅުން ނުކުންނަ ދިޔަ ލޯންޗު ކަމަށާއި އެ ލޯންޗްގެ ވާތް ފަރާތު އައުޓްބޯޑް އިންޖީނުގެ ކަވަރުފަޅި ހަލާކުވެ، އަދި އެ ލޯންޗްގެ ގެގަނޑަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.