އާދަމް ނަޒީރު އަދި ފާތިމަތު ސައީދު

ދެހާސް ސާދަ ވަނަ އަހަރުގެ ފަހު ދައުރާ ހިސާބަށް މަޖިލީހުން ފާސް ކުރީ 32 ބިލެވެ. މިއީ 2013 ވަނަ އަހަރާ އަޅައިބަލާއިރު 54 އިންސައްތައިގެ ކުރި އެރުމެކެވެ. އެ އަހަރު މަޖިލީހުން ފާސް ކުރީ 19 ބިލެކެވެ. އޭގެ ކުރީ އަހަރު 2012 ވަނަ އަހަރު މަޖިލީހުން ފާސްކޮށްފައި ވަނީ 17 ބިލެވެ. އަދި 2011 ވަނަ އަހަރު 20 ބިލެވެ. މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ހުރިހާ ބިލެއް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު ވަނީ ތަސްދީގު ކުރައްވާފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު މަޖިލީހުގެ އެންމެ އުފެއްދުންތެރި ދައުރަކީ ތިން ވަނަ ދައުރެވެ. ކޮމެޓީން ދިރާސާކޮށް ފޮނުވި 20 ބިލެއް ތިން ވަނަ ދައުރުގައި މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މީގެ އިތުރުން ފުރަތަމަ ދައުރުގައި 19 ބިލެއް އަދި ދެ ވަނަ ދައުރުގައި 6 ބިލެއް ވަނީ ފާސްކޮށްފަ އެވެ.

ފިކުރު ބަދަލުވި 11 މެމްބަރުން:

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމުންނެވެ. ޖުމްލަ 85 ގޮނޑީގެ މައްޗަށް އެކުލެވޭ މަޖިލީހުގެ 38.8 ޕަސެންޓާއެކު 33 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެ ޕާޓީއާ އެންމެ ގާތުން ވާދަކުރީ އިދިކޮޅު އެމްޑީޕީ އެވެ. އެ ޕާޓީން ވަނީ 30.6 ޕަސެންޓާ އެކު 26 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ސަރުކާރުގެ ކޯލިޝަންގައި އޭރު އޮތް، ޖުމްހޫރީ ޕާޓީން ވަނީ 15 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއީ އިންތިހާބުގެ 17.6 ޕަސެންޓެވެ. އިންތިހާބުގައި ޖޭޕީން ވާދަ ކުރި 28 ގޮނޑިއަކަށް ސަރުކާރު ހިންގާ ޕީޕީއެމުން ވާދައެއް ނުކުރެ އެވެ. އަދި ޖޭޕީ އިން ވެސް ޕީޕީއެމުން ވާދަ ކުރި ގޮނޑިތަކަށް ކެނޑިޑޭޓުންނެއް ނުނެރެ އެވެ. ކޯލިޝަންގައި އޮތް އެމްޑީއޭ އިން ވެސް ވަނީ އެ ގޮތަށް އެއްބަސްވެފަ އެވެ.

ސަރުކާރު ކޯލިޝަންގައި މިހާރު ވެސް ދެމިއޮތް އެމްޑީއޭއިން ވަނީ މަޖިލީހުގެ އިންތިހާބުގައި ފަސް ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއީ 5.9 ޕަސެންޓެވެ. އެ އަދަދަށް އަމިއްލަ މެމްބަރުން ވެސް މަޖިލީހަށް ހޮވުނެވެ. މަޖިލީހުގައި އަދާލަތު ޕާޓީ އަށް ލިބިުނީ އެންމެ ގޮނޑިއެކެވެ.

ސަތާރަ ވަނަ މަޖިލީހުގައި ހިނގައިދިޔަ ޕާޓީ ބަދަލު ކުރުމުގެ އުސޫލު ވެސް، އާ މަޖިލީހުގައި ވަނީ އަށަގެންފަ އެވެ. އަބަދުވެސް ބާރާއި ނުފޫޒުގައި އޮންނަ ޕާޓީއަކަށް މެމްބަރުން ފިކުރު "ވިއްކަ" އެވެ. މިފަހަރު މަޖިލީހަށް ވެސް ވީ އެގޮތެވެ. ސަރުކާރު ހިންގާ ޕީޕީއެމަށް މި އަހަރު 10 މެމްބަރުން ގުޅިވަޑައިގެންނެވި އެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ތިން މަޖިލިސް މެމްބަރަކު ވެސް ޕީޕީއެމާ ގުޅިވަޑައިގެންނެވީ މި އަހަރު އެވެ. އެންމެ ގިނައިން 2013 ވަނަ އަހަރު މެމްބަރުން ބަދަލުވި އެމްޑީޕީއަށް މި އަހަރު ތެރޭގައި މެމްބަރަކު ގުޅިވަޑައިގަންފައެއް ނުވެ އެވެ. ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންފައި ވަނީ އެންމެ މެމްބަރެކެވެ.

މި އަހަރު އެންމެ ފުރަތަމަ ފިކުރު ބަދަލުކުރައްވާފައި ވަނީ ނައިފަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު ތާރިގު (ޓޮމް) އެވެ. އެ ބޭފުޅުން ޕީޕިއެމަށް ސޮއިކުރެއްވީ މި އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. މާޗު މަހުގެ 31 ވަނަ ދުވަހު ޕީޕީއެމަށް ގުޅިވަޑައިގަތީ ދުވަހަކު ވެސް ޕީޕީއެމަށް ގުޅިވަޑައިނުގަންނަވާނެ ކަމަށް އެންމެން ވެސް ހީކޮށްގެން ތިބި ބޭފުޅެކެވެ. އެއީ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ. މުސްތަފާގެ އިތުރުން ހަމަ އެ ރަސްމިއްޔާތުގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި އިންތިހާބުވި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދު ވެސް ޕީޕީއެމަށް ސޮއިކުރެއްވި އެވެ.

އޭގެ ތިން މަސް ފަހުން ޕީޕީއެމަށް ގުޅިވަޑައިގަތީ މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލެވެ. ޖޭޕީގެ ޓިކެޓުގައި މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލް ގާދިރު ވެސް ވަނީ ޖޫން މަހުގެ 16 ވަނަ ދުވަހު ޕީޕީއެމަށް ސޮއި ކުރައްވާފަ އެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް މަޖިލީހަށް އިންތިހާބުވި ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު (އަލިބެ) ވެސް ޕީޕީއެމަށް ސޮއިކުރެއްވީ ވެސް ހަމަ އެ މަހުގެ ތެރޭގަ އެވެ. ދެން ޕީޕީއެމަށް ސޮއި ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދެވެ. އޭނާ ސޮއިކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެ ވަނަ ދުވަހު އެވެ. ހަމަ އެ މަހުގެ ނުވަ ވަނަ ދުވަހު ޖޭޕީ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވަނީ ޕީޕީއެމަށް ސޮއި ކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގައި އެންމެ ފަހުން ފިކުރު ބަދަލުކުރެއްވި މެމްބަރަކީ މަޖިލީހުގައި އިންނެވި ހަމަ އެކަނި މިނިވަން މެމްބަރު މުއާޒު މުހައްމަދު އެވެ. އޭނާ ވަނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައި އެވެ.

މިއަހަރަށް މަޖިލިސް ނިންމާލި އިރު، ޕީޕީއެމަށް ވަނީ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބިފަ އެވެ. އަލަށް ގުޅުނު 10 މެމްބަރުންނާ އެކު މަޖިލީހުގެ 50.5 ޕަސެންޓު ގޮނޑި ކޮންޓްރޯލް ކުރަނީ ޕީޕީއެމުންނެވެ. އެއީ 43 ގޮނޑި އެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މަޖިލީހުގެ ސާފު އަގުލަބިއްޔަތު ޕާޓީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ. އިދިކޮޅު އެމްޑީޕީގައި މިހާރު ތިބީ 22 މަޖިލިސް މެމްބަރުންނެވެ. އެއީ އެ ޕާޓީގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އެހާ ދައްވި ފުރަތަމަ ފަހަރެވެ. އަހަރު ނިންމާލިއިރު ޖޭޕީގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 13 އެވެ. އެ ޕާޓީގެ ޓިކެޓުގައި އިންތިހާބުވި ތިން މެމްބަރަކު ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.

މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކެވެ. އެމްޑީޕީ އިން މޫސަ ވަކި ކުރިއަސް އޭނާ އެކަން ބަލައެއް ނުގަނެ އެވެ. އަދި އޭނާ އެމްޑީޕީން ވަކިކުރުމުން، މަޖިލީހުގެ މިނިވަން މެމްބަރަކަށް ވިޔަސް، އަދި އެކަން މަޖިލީހުގެ ތަޅުމުގައި އިއުލާނެއް ނުކުރެ އެވެ.

މަޖިލީހުގެ މުހިންމު ނިންމުންތައް

އާ ގާނޫނުލް އުގޫބާތު ފާސްކުރުން:

ގާނޫނުލް އުގޫބާތު ދިރާސާ ކުރި ކޮމެޓީގެ މެމްބަރުން: މަޖިލީހުން އެ ބިލު ފާސް ކުރި ހަތް އަހަރު ދިރާސާ ކުރުމަށްފަހު-- ސަން ފައިލް ފޮޓޯ


ހަތް އަހަރު ދުވަހު މަޖިލީހުގައި ދިރާސާކުރި ގާނޫނުލް އުގޫބާތު ބިލު ފާސް ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު އެވެ. އެ ބިލް މަޖިލީހުން ފާސް ކުރީ 48 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލް ފާސްކުރުމަށް އެއް މެންބަރަކު ދެކޮޅު ހައްދަވާފައިވާ އިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރުން ތިއްބެވި އެވެ. ގާނޫނުލް އުގޫބާތުގެ ބިލުގައިވާ ގޮތުން އެ ބިލް ރައީސުލްޖުމްހޫރީއްޔާ ތަސްދީގުކޮށް ކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެ ގާނޫނަށް އަމަލުކުރަން ފަށަން ޖެހެ އެވެ. ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާނީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15ވަނަ ދުވަހު އެވެ.

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނުލް އުގޫބާތު ދިރާސާ ކުރީ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ. ކޮމެޓީގައި ތިއްބެވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ (މުގައްރިރު) އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހައްމަދު (ނައިބު މުގައްރިރު) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު އާއި މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ.

ގަވަރުނަރު އައްޔަންކުރުން:

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވާނަރު ކަމުގެ މަގާމަށް ޑރ. އަޒީމާ އާދަމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 14ވަނަ ދުވަހު އެވެ. އަޒީމާއަށް މަޖިލީހުގެ ރުހުން ލިބުނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި 52 މެމްބަރުންގެ އިއްތިފާގުންނެވެ. ގަވަރުނަރު ކަމަށް އަޒީމާ އައްޔަންކޮށްފައި ވަނީ ކުރިން އެމަގާމުގައި ހުންނެވި ފަޒީލް ނަޖީބު މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އިސްތިއުފާ ދެއްވުމުން ނެވެ.

އާ ޕީޖީއަކު އައްޔަންކުރުން:

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިން އައްޔަން ކުރަން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. މުހުތާޒު ޕީޖީގެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ފާސްވީ 62 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އޭނާ ޕީޖީގެ މަގާމަށް އައްޔަން ކުރުމާ ދެކޮޅަށް ހަތް މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވައި 12 މެމްބަރަކު މަޖިލީހުގެ ތަޅުމުގައި ތިއްބެވި އެވެ. ޕީޖީ ކަމަށް މުހުތާޒު އައްޔަން ކުރައްވާފައި ވަނީ ކުރިން ޕީޖީގެ ޕަގާމުގައި ހުންނެވި އަހުމަދު މުއިއްޒު 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުއިއްޒު އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

ޝަކީލާއަށް ރުހުން ނުދީ ވަޒީރުކަމުން ދުރުކުރުން:


ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއަށް ރުހުން ނުދީ އޭނާ މަގާމުން ވަކިކުރީ މި އަހަރުގެ އޯގަސްޓު މަހުގެ 11 ވަނަ ދުވަހު އެވެ. ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު މިނިސްޓަރު ކަމަށް ވަޑައިގެންނެވި ޝަކީލާއަށް އަލުން ރުހުން ހޯދަން އާ މަޖިލީހަށް ހުށަހެޅީ އެކަމަނާގެ މިނިސްޓްރީގެ ހިންގުމުގެ ދާއިރާ ރައީސް ބަދަލު ކުރެއްވުމުންނެވެ. މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑާގެ ނަމުގައި ކުރިން ހިންގަމުން އައި މިނިސްޓްރީގެ ނަން ހެލްތު މިނިސްޓްރީގެ ނަމަށް ބަދަލުކޮށް، ލޯ އެންޑް ޖެންޑާގެ ނަމުގައި ރައީސް އާ މިނިސްޓްރީއެއް އުފެއްދެވި އެވެ. އެ މިނިސްޓްރީ ހިންގެވުން ހަވާލު ކުރެއްވީ ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ އެވެ.

އެސްއީޒެޑު ބިލު ފާސްކުރުން

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު)ގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ އޯގަސްޓު މަހުގެ 28ވަނަ ދުވަހުގެ ރޭ އެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެސްއީޒެޑް ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 60 މެމްބަރަންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 15 މެމްބަރުންނެވެ. ސަރުކާރު ހިންގާ ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް ވަނީ އެ ބިލް ފާސްކުރުމަށް ވޯޓު ދެއްވައިފަ އެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ އެމްޑީޕީގެ މެމްބަރުންނެވެ. އެސްއީޒެޑްގެ ބިލުން ހާސިލު ކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތެރިކަން އިތުރު ކުރުމާއި ފުޅާ ކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ޒޯންތަކެއް ކަނޑައެޅުން ހިމެނެ އެވެ. އަދި ރާއްޖޭގައި ކުރާ އިންވެސްޓްމެންޓްތައް އިތުރުކުރުމާއި އެ އިންވެސްޓްމެންޓްތައް މެދުވެރިކޮށް ރާއްޖެ އަށް ލިބޭ ބޭރު ފައިސާ އިތުރުކުރުމަކީ ވެސް އެ ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދު ކަމަށް ބިލްގައި ބަޔާންކޮށްފައިވެ އެވެ.

އޮޑިޓާ ޖެނެރަލް އައްޔަންކުރުން:


އޮޑިޓް ގާނޫނަށް މަޖިލީހުން ގެނައި އިސްލާހަކާ ގުޅިގެން އޮޑިޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި ނިޔާޒު އިބްރާހިމް މަގާމުން ވަކިވީ ވެސް މި އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭނާ އަލުން އެ މަގާމަށް ކުރިމަތި ނުލެއްވުމުން، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި ހަސަން ޒިޔަތުގެ ނަންފުޅު ރައީސް ޔާމިން މަޖިލީހަށް ހުށަހެޅުއްވުމުން، އޭނާއަށް މަޖިލީހުގެ ރުހުން ދިނީ މިދިޔަ ނޮވެމްބަރު 24 ވަނަ ދުވަހު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.

ދެ ފަނޑިޔާރުން ވަކިކުރުން:

ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމަށް ނިންމެވީ ވެސް މި އަހަރުގެ އަހަރުގެ ތެރޭގައި އެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދުނާނު މަގާމުން ވަކިކުރެއްވީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ފަނޑިޔާރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި 53 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އެ ދެބޭފުޅުން ވަކިކުރަން ނުފެންނަ ކަމަށް 21 މެންބަރުން ވޯޓު ދެއްވާފައިވާ އިރު އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިއްނެވި އެވެ.

އުއްތަމަ ފަނޑިޔާރު އައްޔަންކުރުން:

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ފަނޑިޔާރު ކަމުން ވަކިކުރެއްވުމުން، އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ހުސްވުމުން، އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމިން ނިންމެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދެވެ. އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން އުއްތަމަ ފަނޑިޔާރުކަން ކުރިން ވެސް ކުރެއްވެވި އަބްދުﷲ ސައީދު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ ރުހުން ލިބުނީ 55 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ އޭނާގެ ނަމަށް މަޖިލީހުން ރުހުން ދިންތާ ދެ ގަޑިއިރު ވެސް ނުވަނީސް އެވެ. އެއީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.