29 Dec 2014, 21:04
ރާއްޖޭގައި މީހުން މެރުމުގެ މައްސަލަތައް މަދުކަމުގައި ވިޔަސް މިއަހަރު ވެގެން ގޮސްފައި ވަނީ މަރުގެ އަހަރަކަށެވެ. ދެހާސްތޭރަ ވަނަ އަހަރު ތިން މީހަކު މަރާލާފައިވާ އިރު 2014 ވަނަ އަހަރު ވަނީ އެ އަދަދު އިތުރުވެފަ އެވެ. އެގޮތުން 2014 ވަނަ އަހަރު ރާއްޖޭގައި ވަނީ ފަސް މީހަކު މަރާލާފަ އެވެ. އެ ހާދިސާތައް ވެސް ހިނގާފައިވާ ގޮތަށް ބަލާއިރު މިކަން ކޮށްފައި ވަނީ ގްރޫޕުތަކުންނެވެ. ގޭންގުތަކުންނެވެ. ދެ ގޭންގެއްގެ ދެމެދުގައި ހިނގާފައިވާ ހަމަނުޖެހުމެއްގެ ބަދަލުހިފުމުގެ ގޮތުން މީހުން މަރާފައިވާކަން ފާހަގަކޮށްލެވެ އެވެ. ބަދަލުހިފުމުގެ ރޫހުގައި ހިންގާފައިވާ އެ ޖަރީމާތަކުގައި ގޭންގުތަކަށް ނިސްބަތްނުވާ އަދި އެއްވެސް ކުށެއް ނެތް މީހުން ވެސް މަރާލާފައިވެ އެވެ.
އަލީ ރަޝީދު މަރާލުން
މި އަހަރު އެންމެ ފުރަތަމަ މީހަކު މަރާލާފައި ވަނީ ގދ. ތިނަދޫގަ އެވެ. އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ ރަށު ޑައިމަންޑްވިލާގޭގެ ތެރެއަށް ގްރޫޕަކުން ވަދެ ވަޅިން ހަމަލާދީ، އެގޭ އަލީ ރަޝީދު ވަނީ މަރާލާފަ އެވެ.
ޝިހާމް މަރާލުން
އަލީ ރަޝީދު މަރާލި ޖަރީމާއަށް ފަހު ދެން ފެނިގެންދިޔައީ އެފަދަ ޖަރީމާތައް ތަކުރާރުވަމުން ދިޔަ މަންޒަރެވެ. އޭގެ ތިން މަސް ފަހުން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ކ. ތުލުސްދޫ ބިޖިލީއުފާ އަލީ ޝިހާމް އޭނާގެ ގެއާދިމާލު އަތިރިމަތީ ޖޯއްޔެއްގައި އޮއްވައި ވަޅިން ހަމަލާދީ ވަނީ މަރާލާފަ އެވެ.
މާޒިން މަރާލުން
ޝިހާމް މަރާލިތާ ދެ ވަނަ އަށްވީ ދުވަހު ހ. އަޑިޕާކް ސަރަހައްދުގައި ހުރި ޒުވާނަކަށް ގްރޫޕަކުން ގޮސް ވަނީ ހަމަލާދީފަ އެވެ. ނ. މިލަދޫ ދިއްގާމާގޭ އަހުމަދު މާޒިން، އިތުރު މީހަކާއެކު އަޑިޕާކު ސަރަހައްދުގައި ހުއްޓައި ސައިކަލެއްގައި ދިޔަ ބަޔަކު ވަނީ އެ ދެ މީހުންނަށް ތޫނު ހިތިޔާރުން ހަމަލާދީފަ އެވެ. އެ ހަމަލާގައި ސީރިއަސް އަނިޔާތަކެއް ލިބުނީ މާޒިން އަށެވެ. އޭނާގެ ހަށިގަނޑުގެ 11 ތަނަކަށް ތޫނު ހަތިޔާރުން ހަމަލާދީފައިވާ އިރު، އެ ދުވަހު އޭޑީކޭ ހޮސްޕިޓަލްގައި މާޒިންއަށް ފަރުވާދޭންފެށިތާ މާގިނައިރުތަކެއް ނުވަނީސް ޑޮކްޓަރު ވަނީ އޭނާ ދިރިހުންނާނެ ކަމާމެދު އުންމީދު ކަނޑާލާފަ އެވެ. އެ ވަގުތުން ފެށިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި އޭނާއަށް ފަރުވާދެމުން ދަނިކޮށް އެރޭގެ ވަގުތެއްގައި އޭނާ ވަނީ ދުނިޔެއާ އަލްވަދާއު ކިޔައިފަ އެވެ.
އަސީލު މަރާލުން
އެ ހާދިސާ ހިނގިތާ 21 ވަނައަށްވީ ދުވަހުގެ ރޭ މައްޗަންގޮޅި ދިދި ގޯޅިތެރޭގައި އަނެއްކާ ވެސް ގްރޫޕަކުން ވަނީ ޒުވާނަކަށް ތޫނު ހަތިޔާރުން ހަމަލާދީފަ އެވެ. އެ ހަމަލާގެ ސަބަބުން ތ. ތިމަރަފުށީ ބްލޫނިޔާގޭ އަހްމަދު އަސީލަށް ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާދެމުން ދިޔަތާ ހަ ވަނައަށް ވީ ދުވަހު އޭނާ ވަނީ މަރުވެފަ އެވެ.
މަފާޒު މަރާލުން
އޭގެ ތިން މަސް ފަހުން ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރީ ހުންނަ އަލޯރާ ފިހާރަ ސަރަހައްދުގައި ކަތިވަޅިއަކުން ހަމަލާދީ ވަނީ ޒުވާނަކު މަރާލާފަ އެވެ. ސ. މަރަދޫ ހުދުހިރު އަހުމަދު މަފާޒަށް ކަތިވަޅިން ދިން ހަމަލާއަށްފަހު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ. އެ ޖަރީމާ ވެސް ހިންގާފައި ވަނީ ސައިކަލެއްގައި ދިޔަ ގްރޫޕަކުންނެވެ.
ބިރުވެރި އެތަކެއް ޖަރީމާތަކެއް 2014 ވަނަ އަހަރު ހިނގާފައިވާއިރު އަހަރު ނިމިގެން ދަނީ މިފަދަ ޖަރީމާތަކުގެ ސަބަބުން އިންސާފު ބޭނުންވެފައި ތިބި ފަރާތްތަކަށް އަވަސްގޮތެއްގައި އިންސާފު ލިބިދޭނެ އުސޫލުތަކެއް ކަނޑައެޅިގެންނެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކުގެ ތެރޭގައި ތޫނު ހިތިޔާރުން މީހުންނަށް ހަމަލާދޭ މީހުންގެ އަދަބު ވަނީ ބޮޑުކޮށްފަ އެވެ. ހަމައެއާ އެކު މަރުގެ މައްސަލަތަކާއި ތޫނުހަތިޔާރުން ހަމަލާދޭ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާއަށް ހަނު ނުހުރެވޭގޮތަށް އެ ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ. އެފަދަ މައްސަލަތަކުގައި ދައުވާ އުފުލުމާއި ޝަރީއަތުން ހުކުމް އިއްވުމަށް ވަކި މުއްދަތެއް ވަނީ ކަނޑައަޅާފަ އެވެ.