ހަތަރު ސަތޭކަ ހަތްދިހަ އަށް މީހުންނާ އެކު ގްރީސް އިން ފުރައިގެން އިޓަލީ އަށް ދަތުރުކުރަނިކޮށް އަލިފާން ރޯވި ކާރު ފެރީ އިން 414 މީހުން ސަލާމަތް ކުރި އިރު ހަތް މީހުން މަރުވެ އެތައްބަޔަކު ޒަހަމުވެއްޖެ އެވެ.

ރަޝިޔާ ޓްޑޭ އިން މިއަދު ބުނީ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން މިއަދު ނިންމާލި އިރު ފެރީ ތެރޭގައި ހަ މީހަކު މަރުވެފައިވާ ކަމަށެވެ. އަދި ގްރީކް ރައްޔިތަކު މަރުވީ އިއްޔެ ކަމަށެވެ.

އެ ފެރީގައި ތިބި 411 ޕަސިންޖަރުންނާއި 55 ފަޅުވެރިން ސަލާމަތް ކުރުމުގެ މަސައްކަތް ކުރީ އަލްބޭނިއާ އާއި އިޓަލީގެ ކަނޑުގެ ސިފައިންނެވެ. މިއަދު އެ އޮޕަރޭޝަން ނިންމާލި އިރު އިޓަލީ ވިލާތުގެ ބޮޑުވަޒީރު ވަނީ، މީހުން ސަލާމަތް ކުރަން މަސައްކަތް ކުރި މީހުންނާ ބައްދަލުކޮށްފަ އެވެ.

އެ ފެރީގައި އަލިފާނުގެ ހާދިސާ ހިނގުމުން ކައިރިން ދަތުރުކުރަމުން ދިޔަ ކޮންޓެއިނާ ބޯޓަކަށް 130 މީހުން ފުރަތަމަ ދުވަހު ނެގި އެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު ފެރީ ދަތުރުކުރަމުން ދިޔައީ ގްރީސްގެ ޕެޓްރާސް ނަމަކަށް ކިޔާ ރަށުން ފުރައިގެން އިޓަލީގެ އިރުމަތީގައިވާ އެންކޯނާ އަށް ދިއުމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެފެރީގައި އޮތް ކާރެއްގައި ހިނގި އަލިފާނުގެ ހާދިސާއަކުންނެވެ.