29 Dec 2014, 21:00
ނިމިގެންމިދާ 2014 ވަނަ އަހަރު ވެފައި މިވަނީ އިގްތިސާދު އަރަނި ކުރުމަށް "ވާހަކަ" ގިނަ އަމަލުތައްވެސް ގިނަ އަހަރަކަށެވެ. އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލުމާއި ޑޮލަރު ރޭޓަށް އައި ހެޔޮ ބަދަލާއި އަލަށް ތައާރަފް ކުރެވިގެންދިޔަ އާމްދަނީ އިތުރުކުރެވޭ ގޮތްތަކާއި ކުންފުނިތަކުން ހޯދި ކާމިޔާބީތައް އެކަން ހެކިކޮށްދެއެވެ. މި ބަލައިލަނީ އިގްތިސާދު ހަމަޔަކަށް އެޅުމަށް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކުރެވުނު ބައެއް މުހިންމު ކަންކަމަށެވެ.
* ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)
އެސްއީޒެޑް ގެ ގާނޫނު މިއަހަރު ފާސްކޮށްފައިވާއިރު ހާސިލު ކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތެރިކަން އިތުރުކުރުމާއި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ޒޯންތަކެއް ކަނޑައެޅުން ހިމެނެ އެވެ. އަދި ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމާއި އެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ރާއްޖެއަށް ލިބޭ ބޭރު ފައިސާ އިތުރުކުރުމަކީ ވެސް އެ ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދު ކަމަށް ބިލްގައި ބަޔާންކޮށްފައިވެ އެވެ.
އެ ގާނޫ ތަންފީޒުކުރުމަށް ވަނީ ބޯޑެއްވެސް އެކުލަވާލާފައެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެސްއީޒެޑް ބޯޑު ނުވަތަ ބޯޑް އޮފް އިންވެސްޓްމަންޓްސްގެ ޗެއާމަންއަކީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އަދި ވައިސް ޗެއާމަނަކަށް ރައީސުލްހުމްހޫރިއްޔާ އައްޔަން ކުރައްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އެ ބޯޑުގައި ހިމެނޭ އަނެއް ތިން ބޭފުޅުންނަކީ ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ އާއި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމުގެ އިތުރުން ޔޫތު މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލެވެ.
ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ބޯޑަށް ގާނޫނީ ލަފާ ދެއްވުމަށާއި އެބޯޑުން ހަދަން ޖެހޭ ގަވައިދުތައް ހެދުމުގެ މަސައްކަތް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދާ ހަވާލުކޮށްފައިވެ އެވެ.
* ޑޮލަރު ދަތިކަމަށް އައި ހެޔޮ ބަދަލު
ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގު އިންތިހާއަށް ބޮޑުވެ އޭގެ ނޭދެވޭ އަސަރު ބާޒާރުގައި ވިއްކަން ހުންނަ ތަކެތިން ފެށިގެން ބޭސް ފަރުވާއަށް ދާ ދިވެހިންނަށް ވެސް އެކަމުގެ ނޭދެވޭ އަސަރު އިންތިހާ ކޮށްފައި ވަނިކޮށް، ޑޮލަރުގެ އަގުތައް ބޮޑުވެފައި އޮތުމަށް ފަހު، އަގުތައް ވަނީ ދަށަށް ގޮސްފައެވެ.
ރާއްޖޭގެ ސެންޓްރަލް ބޭންކުން އެމެރިކާ ޑޮލަރެއް ވިއްކާ އަގަކަށް، 15.42ރ. ހަމަ ޖައްސާފައިވީ ނަމަވެސް، މިއަހަރު ފެށިގެން އައިއިރުވެސް "ކަޅު ބާޒާރުން" ނުވަތަ، ބޭރުތެރެއިން އާންމު ގޮތެއްގައި ޑޮލަރު ގަންނަން ލިބެނީ، 17ރ. އާއި 18ރ. އާއި ދެމެދުގެ އަގުތަކެއްގަ އެވެ. ނަމަވެސް ފަހުން އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ވަނީ ދަށަށް ގޮސްފައެވެ. ހަމައެހެންމެ ބޭސް ފަރުވާއަށް ނުވަތަ އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޓިކެޓު ހިފައިގެން ދިއުމުން ޑޮލަރު ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިގެން ގޮސްފައެވެ.
* އިގްތިސާދީ ގޮތުން ގައުމުތަކާއެކު އެޅުނު ފިޔަވަޅުތައް
އިގްތިސާދީ ދާއިރާ ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއް ކަމަކަށްވީ ދުނިޔޭގެ ގައުމުތަކާއެކު ބޭއްވުނު ގާތް ގުޅުންތަކެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ގައުމަކަށްވީ ދުނިޔޭގެ އިގްތިސާދީ އެއް ބާރު ކަމަށްވާ ޗައިނާ އެވެ. ޗައިނާއިން ރާއްޖޭގައި ތަފާތު ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް ދެގައުމުގެ ދެމެދުގައި ވަނީ އެއްބަސްވެފައެވެ. އެގޮތުން ފާހަގަ ކުރެވޭ ކަންކަމުގެ ތެރޭގައި ހުޅުލެ މާލެ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމާއި، ލ. އަތޮޅުގެ ލިންކް ރޯޑުގެ މަސައްކަތުގެ އިތުރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި އިތުރު ރަންވޭއެއް އެޅުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ ސިލްކް ރޫޓުގެ އެއްބަސްވުމުގައި ސޮއިކުރުމާއި 'ފްރީ ޓްރޭޑެއް' ގާއިމް ކުރުމަށް ވެވުނު އެއްބަސްވުންތަކާއި، އިންވެސްޓްމަންޓު ބޭންކެއް ރާއްޖެ ގެނައުމަށް އަމަލީ މަސައްކަތް ފެށުން ފާހަގަކޮށްލެވެއެވެ.
އޭގެ އިތުރުންވެސް ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ބޭއްވުނު އިންވެސްޓްމަންޓު ފޯރަމްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓު ފޯރަމްއާއި މެލޭޝިއާ އާއި، ލަންކާގެ އިތުރުން ސައުދީ އަރަބިއްޔާއިން ރާއްޖެ ވަޑައިގެން ވަފުދަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކާ ގުޅޭގޮތުން ދިން މައުލޫމާތުތައް ހިމެނެއެވެ.
* އާމްދަނީ އިތުރުކުރުމަށް އެޅުނު ފިޔަވަޅުތައް
އަންނަ އަހަރު ޓެކްސްގެ ގޮތުގައި 13 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށާއި ޓެކްސް ނޫން ގޮތުގައި 6.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ވަނީ މަޖިލީހަށް ފަސް ކަމެއް ހުށަހަޅާފަ އެވެ. އެއީ އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އިންޕޯޓް ޑިއުޓީގެ ބައެއް ރޭޓުތައް ރިވައިޒް ކުރުމާއި ގްރީން ޓެކްސްގެ ނަމުގައި އާ ޓެކުހެއް ނަގަން ފެށުމާއި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އަށް އަންނަ އިންވެސްޓްމަންޓުތަކުން ފީއެއް ނެގުމާއި ބިންވެރި ކުރުމުގެ ޕްރޮގްރާމް ހިންގައިގެން އާމްދަނީ ހޯދުމާއި ޓޫރިސްޓު ރިސޯޓުތައް ހިންގުމަށް 10 ރަށެއް ކުއްޔަށް ދިނުމުގެ އިތުރުން ޓޫރިޒަމް ދާއިރާއިން ގްރީން ޓެކްސް ފަދަ ޓެކްސްތައް ނެގުން ހިމެނެއެވެ.
* ސަރުކާރު ހިއްސާވާ ކުންފުނިތައް
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނިތައް މިއަހަރު ހިންގާފައިވާ ގޮތަށްބަލާއިރު މެޖޯރިޓީ ކުންފުނިތަކަށް ވަނީ ރަނގަޅު ފައިދާއެއް ވެފައެވެ. އަދި އެ ކުންފުނިތަކުން ވަނީ ގިނަގުނަ ހިދުމަތްތަކެއް އަލަށް ތައާރަފްކޮށް ހިދުމަތްތައް ފުޅާކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފާހަކަ ކޮށްލެވެނީ އެސްޓީއޯ އާއި ބޭންކް އޮފް މޯލްޑިވްސް އާއި ދިރާގެވެ.
އެސްޓީއޯގެ ހިދުމަތަށް ބަލާއިރު ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވުމުގެ މަޝްރޫޢުގެ ދަށުން ގިނަ އަދަދެއްގެ ފާމަސީތަކެއް ހުޅުވުމާއި ނޫފަހި ނަމުގައި މުޅިން އާ 'ބްރޭންޑެއް' ތައާރަފްކޮށް އެ ބްރޭންޑުގެ އުފެއްދުންތައް ނެރުމުގެ އިތުރުން ކޮންމެ މަހަކު ހޯދާފައިވާ ފައިދާ ފާހަގަކޮށްލެވެއެވެ. ގައުމީ ބޭންކަށް ބަލާއިރު އެ ކުންފުނީގެ ހިދުމަތްތައް ޒަމާނީކޮށް ކިޔުގައި ނުޖެހި ފައިސާ ނަގައި ޖަމާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ޑޮލަރު ދޫކުރުމުގައި ގެންގުޅުނު ލުއި ފަސޭހަ ގޮތްތަކާއި ޑޮލަރު އޭޓީއެމް ފާހަގަކޮށްލެވެއެވެ. މުއާސަލާތީ ކުންފުނި ދިރާގުން ވަނީ މުއާސަލާތީ ހިދުމަތް ދިނުމަށް ތަފާތު ޕްރޮމޯޝަންތައް ތައާރަފްކޮށް ރަނގަޅު ފައިދާތަކެއް ހޯދާފައެވެ.
ތަފާސް ހިސާބްތަކަށް ބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް ޖުމުލަ ފައިދާގެ ގޮތުގައި 325.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ބީއެމްއެލްއަށް 205 މިލިއަން ރުފިޔާގެ ފައިދާއެއް އެ ކުއާޓާގައި ލިބިފައިވާއިރު ސާފު ފައިދާގެ ގޮތުގައި 174 މިލިއަން ރުފިޔާ ލިބިފައެވެ.
* މިއަހަރު ތެރޭ ހިންގުނު ޕްރޮޖެކްޓްތައް
މި އަހަރުގެ ތެރޭގައި އަލަށް ވިޔަފާރިއަށް ވަތް ފަރާތްތައް 20 ޕަސެންޓް އިތުރުވެފައިވާ އިރު ޓޫރިޒަމާ ގުޅުމެއް ނެތް 19 ފޮރިން އިންވެސްޓްމަންޓް، ރާއްޖެ އައިސްފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ފަސް އަހަރަށް 600 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށް ކޮމިޓްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަހަރު ތެރޭގައި ފެށި ޕްރޮޖެކްޓުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެކަމަކަށް އިންތިޒާރު ކުރަމުންދާ ޕްރޮޖެކްޓަކަށް ވެފައިވަނީ ހުޅުލެ މާލެ ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓު ފެށުމަށް ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހަދާ ފީސިބިލިޓީ ސްޓަޑީ ގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ހުޅުލެ އާއި މާލެއާ ދެދެމު އަޅާ ބްރިޖު މަސައްކަތަށް އެ ސާވޭ ފީސިބަލް ކަމަށް ފެނިއްޖެނަމަ އެ ޕްރޮޖެކްޓަށް ޗައިނާ ސަރުކާރުން ފައިނޭންޝަލީ އެހީވާނެ ކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ. ދިވެހި ސަރުކާރުން ބުނަނީ އެ ޕްރޮޖެކްޓަކީ ކުރިއަށް ގެންދެވޭނެ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުންހުރީ 2017 ވަނަ އަހަރު އެ ޕްރޮޖެކްޓު ނިންމުމަށެވެ.
ހުޅުމާލެ ހިއްކުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްތައް ފެށުމަށްވެސް މިއަހަރުގެ ތެރޭގައި ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ. ކައިރި މުސްތަގުބަލެއްގައި އެރަށް ހިއްކުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަށް ބޭންކް އޮފް ސިލޯނުން 30 މިލިއަން ޑޮލަރުގެ ލޯނެއް މިހާރު ވަނީ ހަމަޖެހިފައެވެ. ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނެ އެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހިކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެށި މަޝްރޫއު އެކެވެ.
ރާއްޖެއިން ތެޔޮ ހޯދުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވައުދަކަށް ވެފައިވާއިރު އެމަކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ވަނީ ތެޔޮ ހޯދުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޖަރުމަނުގެ ޔުނިވާސިޓީ އޮފް ހަމްބާގްގެ ސައިންސްވެރިން ރާއްޖޭގައިވަނީ ދިރާސާއެއްކޮށްފައެވެ. އެ ދިރާސާގެ ނަތީޖާ ލިބެނީ މިފެށޭ އަހަރެވެ. ރާއްޖެއިން ތެޔޮ ހޯދުމުގެ ދިރާސާކޮށްފައި ވަނީ ލ. އަތޮޅާއި ތ. އަތޮޅާ ދޭތެރޭ އިރުމަތީ ފަރާތުން ގާތްގަނޑަކަށް 100 މޭލެއްހާ ބޭރުންނެވެ.
އިހަވަންދިއްޕޮޅު އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް، "އައިހެވަން" ގެ މަޝްރޫތައް އިސްތިހާރުކުރުމަށްވެސް ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ މަޝްރޫއަކީ އެސަރަހައްދުގައި ބިޔަބޮޑު އެތައް މަޝްރޫއެއް ފަށާގޮތަށް އެކުލަވާލެވިފައިވާ މަޝްރޫއެކެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ ބަނދަރަކާއި އިންޓަނޭޝަނަލް އެއާޕޯޓާއި ވިޔަފާރި މަރުކަޒުތައް ގާއިމް ކުރުމާއި ޑޮކްޔާޑެއް ގާއިމް ކުރުމުގެ އިތުރުން ޔޮޓްމެރީނާއެއް ގާއިމް ކުރުން ހިމެނެއެވެ. "އައިހެވަން" ގެ ތަފްސީލުތައް ތައްޔާރު ކުރުމަށް އެމެރިކާގެ ކުންފުންޏަކާ ވަނީ މިއަހަރުގެ ތެރޭގައި ހަވާލުކޮށްފައެވެ.
ފަޅު ރަށްތަކުގައި ދިވެހި އިންވެސްޓަރުން ގެސްޓްހައުސް އަޅައިގެން، ޓޫރިސްޓް ވިޔަފާރި ކުރުމުގެ މަޝްރޫއު ކަމަށްވާ "ތުނބުރި" ޕްރޮޖެކްޓް އަމަލީ މަސައްކަތް ސަރުކާރުން ވަނީ މިއަހަރުގެ ތެރޭގައި ފަށާފައެވެ. ގެސްޓްހައުސް ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ތަރައްގީ ކުރާ ރަށަކީ ލ. ތުނބުރި އެވެ. އެ ރަށް ތަރައްގީ ކުރަނީ ދިވެހި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ދީގެންނެވެ. އެ ޕްރޮޖެކްޓްގެ ދަށުން އެ ރަށުގެ އެކިއެކި ސަރަހައްދުތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ދެނީ ތަފާތު އެކިއެކި ކުންފުނިތަކަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ޓޫރިޒަމް ދާއިރާގައި މިހާރު ބޮޑެތި އިންވެސްޓްތައް ނުކުރާ ކުންފުނިތަކަށް އިސްކަން ދޭނެއެވެ. އެ ޕްރޮޖެކްޓްގެ ދަށުން ތުނބުރީގައި 2100 އެނދު ތަރައްގީ ކުރެވޭއިރު އެ ރަށުން 4000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމަށް އިންވެސްޓްމަންޓުތައް ހޯދުމުގެ މަސައްކަތްތައް ވެސް ވަނީ މިއަހަރުގެ ތެރޭގައި ފަށާފައެވެ. އޭގެތެރެއިން އިތުރު ރަންވޭ އެޅުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ އައިއެންއައިއޭ ތަރައްގީ ކުރުމުގެ ކޮންސަލްޓެންސީ ސާވިސަސް ފޯރުކޮށްދިނުމަށް، ސިންގަޕޫރުގެ ޗަންގި އެއާޕޯޓާއި ވަނީ ހަވާލުކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތަގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އައިއެންއައިއޭއަކީ ތަރައްގީވެފައިވާ ރީތި އެއާޕޯޓަކަށް ހެދިގެންދާނެ އެވެ. އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދަނީ ފަސް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކަމަށާއި އޭގެ ތެރޭގައި ދެވަނަ ރަންވޭއާއި ތެޔޮ ފާމުގެ އިތުރުން ޓާމިނަލް އެތައް ގުނައަކަށް ބޮޑުކުރުން ހިމެނޭ ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ. އަދި އެ މަޝްރޫއަކީ 700 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ބުންޏެވެ.