29 Dec 2014, 20:02
ރާއްޖޭން ބޭރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމުގެ ދަށުން ލޯން ލިބި، އެ ފުރުސަތުގެ ބޭނުން ނުހިފައިތިބި ދަރިވަރުންނަށް އިތުރު ހަ މަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ)އިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ލޯނުގެ ބޭނުން ކުރަން ހަ މަސް ދުވަހުގެ ފުރުސަތެއް ދީފައި ވަނީ މިއަހަރުގެ މާޗު އަދި ސެޕްޓެމްބަރު މަހު ލޯން އެހީގެ ފުރުސަތު ލިބި، އެ ފުރުސަތުގެ ބޭނުން ހިފާފައިނުވާ ދަރިވަރުންނަށް ކަމަށެވެ.
"ލޯން ލިބުނުކަން އަންގާ ލިޔުމުގައި ބަޔާންކުރެވިފައިވާ ތާރީހުން ފެށިގެން ހަ މަސް ދުވަސް ހަމަވުމުގެ ކުރިން، އެ އެހީގެ ބޭނުން ކުރުމަށް ދެންނެވީމެވެ. އަދި އިތުރު ކުރެވުނު މުއްދަތުގެ ތެރޭގައި އެ އެހީ ބޭނުން ކުރައްވާދައިނުވާނަމަ ލޯނު އެހީގެ ފުރުސަތު ބާތިލު ވާނެއެވެ،" މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ޑީއެޗްއީ ބުނެފައިވެ އެވެ.
ލޯނު ބޭނުން ކުރަން ފުރުސަތު ދީފައި ވަނީ ލޯނަށް އެދި ހުށަހެޅިއިރު، ފޯމުގައި ބަޔާންކޮށްފައިވާ ކޯހަށެވެ. ނަމަވެސް އެ ކޯސް ފުރިހަމަކޮށް އެހެން ކޯހެއް ހަދަމުންދާނަމަ ލޯނު ނުލިބޭނެ ކަމަށް ޑީއެޗްއީ އިން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން މިއަދު އަހުމަދު ވިދާޅުވީ އެ ދަރިވަރުންނަކީ ރާއްޖޭން ބޭރުގައި މިހާރު ވެސް ކިޔަވަމުންދާ ދަރިވަރުންނަށްވުމުން، ލޯންގެ ކަންތައްތައް ހަމަޖެއްސުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. މުއްދަތު އިތުރުކޮށްފައި ވަނީ އެ ކުދިންނަށް ހަނދާންކޮށްދީ، އިތުރު ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.