29 Dec 2014, 18:51
ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފްލެޓެއް ބަލައިފާސްކޮށް މަސްތުވާ ތަކެއްޗާއި ބަނގުރަލާއެކު ތިން މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހީން ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓަލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހެނދުނު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވަނީ ހުޅުމާލެ ފްލެޓް 51-03-08 ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެ އެޕާޓްމަންޓަށް ފުލުހުން ވަދެ އެ ހަތަރު މީހުންތިބި ކޮޓަރި ބަލައިފާސްކުރިއިރު ފަސް ފުޅި ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 236 ސެލޯފިންކޮޅުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ޕްލާސްޓިކް ދަޅަކާއި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.