29 Dec 2014, 18:01
ރާއްޖޭގެ ހަމަޖެހުން ގާއިމް ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށާއި ރާއްޖޭގެ އަމާންކަން ނަގާލައި ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލޭ ކަންތައްތަކަށް ހުއްޓުވާނެ ކަމުގެ އިންޒާރު ސަލާމަތީ ބާރުތަކުން ދީފި އެވެ.
ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ހަވީރު އާންމު ކުރި ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ރާއްޖެއަށް އިންވެސްޓް ކުރުމަށް އަންނަ މީހުންނާއި ބޮޑެތި ބައްދަލުވުންތަކަށް އަންނަ މީހުންނާއި އެކިއެކި ހަރަކާތްތަކަށް ރާއްޖެ އަންނަ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަކީ ސަލާމަތީ ބާރުތަކުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
"ރާއްޖޭގައި ވިޔަފާރި ކުރުމަށާއި، އިންވެސްޓްކުރުމަށާއި، އެކި އެކި ހަރަކާތްތަށް ހިންގުމަށް އަންނަ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވެސް ސަލާމަތީ ބާރުތަކުން ކުރަން ޖެހޭ ކަމެއް، ރާއްޖެއައް ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަން ދެކިލުމަށާއި، ރާއްޖެއަކީ، އަމާންކަމާއި ދިވެހިންގެ ހާއްސަ މެހެމާން ދާރީ ދެކިލުމަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެއް އެހެންކަމުން އެ އިތުބާރާއި ޔަގީންކަން ފަތުރުވެރިންނަށް ހޯދައި ދިނުމަކީ ސަލާމަތީ ބާރުތަކުގެ ޒިންމާއެއް" ސަލާމަތީ ބާރުތަކުން އާންމު ކުރި ސްޓޭޓްމެންޓްގައި ބުނެފައި ވެއެވެ.
ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައި ވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށާއި އެހެންކަމުން ރާއްޖޭގެ އިގްތިސާދަށް ހުރަސް އެޅޭ ކަންތައްތައް ހުއްޓުވުމަށް ފަސް ނުޖެހޭނެ ކަމަށް ފުލުހުންނާއި ސިފައިން މިއަދު ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.
"އިގްތިސޯދީ ގޮތުން ރާއްޖޭގައި ކުރަމުންދާ ކަންކަމަށް ހުރަސް އެޅޭނެ ފަދަގޮތަކަށް ހިންގާ ކަންކަން ހުއްޓުވުމައްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަންވެސް ސަލާމަތީ ބާރުތަކުން ފަސްނުޖެހޭނެ ކަމުގައި އަޅުގަނޑުމެން ދަންނަވަން" ސްޓޭޓްމެންޓްގައި ބުނެފައި ވެއެވެ.
ސަލާމަތީ ބާރުތަކުން އެ ސްޓޭޓްމަންޓް ނެރުނުއިރު، އަންނަ ބުދަ ދުވަހުގެ ރޭ ބާއްވާ ޓޫރިސްޓް އެރަވައިލް ޝޯގައި ޕާފޯމް ކުރާ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލަށް ވަނީ މަރުގެ އިންޒާރު ދީފަ އެވެ. އަދި އެ ޝޯގެ ސަލާމަތީ ކަންތައްތައް ބެލެހުއްޓުމާ ފުލުހުންނާއި ސިފައިން ވަނީ ހަވާލުވެފަ އެވެ.