ބޮލީވުޑްގެ މައްޝޫރު ތަރި ސަލްމާން ހާން އާއި ޖެކުއަލިން ފެނާޑިސް ސްރީލަންކާގެ ރައީސް މަހިންދަ ރާޖާ ޕަކްސާގެ ރިޔާސީ ކެމްޕެއިންގައި ބައިވެރިވެއްޖެ އެވެ.

ރާޖަޕަކްސާގެ ކެމްޕެއިން ހަރަކާތެއްގައި ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ޖެކުއަލިން ފެނާންޑިސް އާއި ސަލްމާން ހާން ބައިވެރިވަނީ -- ފޮޓޯ

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މި ދެ ތަރިންނަށް ރާޖަޕަކްސާގެ ކެމްޕެއިންގައި ބައިވެރިވުމަށް ދައުވަތުދީފައި ވަނީ ރާޖަޕަކްސާގެ ފިރިހެން ދަރިފުޅު ނަމަލް އެވެ. އެ ދެ ތަރިން ސްރީލަންކާ އަށް ގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މިއީ ސްރީލަންކާގެ ތާރީހުގައި ވެސް އިންޑިއާގެ ފިލްމީ ތަރިއަކު ރިޔާސީ ކެމްޕެއިން ކުރާ ފުރަތަމަ ފަހަރެވެ.
ރާޖަޕަކްސާގެ ކެމްޕެއިން ހަރަކާތެއްގައި ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ޖެކުއަލިން ފެނާންޑިސް އާއި ސަލްމާން ހާން ބައިވެރިވަނީ -- ފޮޓޯ

ސަލްމާން ހާން އާއި ޖެކުއަލިން ރާޖަޕަކްސާގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ޝޯއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޝޯގައި އެ ދެ ތަރިންގެ އިތުރުން ބޮލީވުޑްގެ ބައެއް އެހެން ތަރިން ބައިވެރިވާނެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ. އަދި ރާޖަޕަކްސާގެ ކެމްޕެއިން ޓީމުން ބޭއްވި މެޑިކަލް ކޭޕެއްގައި ވެސް ސަލްމާންހާން އާއި ޖުކެއަލިން ވަނީ ބައިވެރިވެފަ އެވެ.
ރާޖަޕަކްސާގެ ކެމްޕެއިން ހަރަކާތެއްގައި ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ޖެކުއަލިން ފެނާންޑިސް އާއި ސަލްމާން ހާން ބައިވެރިވަނީ -- ފޮޓޯ

ބޮލީވުޑްގެ މި ދެ ތަރިން ރާޖަޕަކްސާގެ ރިޔާސީ ކެމްޕެއިންގައި ބައިވެރިވެފައިވާއިރު އިންޑިއާގައި އެންމެ ފަހުން ބޭއްވި އާންމު އިންތިހާބުގައި ބޮޑުވަޒީރު ނެރަންދުރަ މޯދީގެ ސޯޝަލް މީޑިއާ ކެމްޕޭން ހިންގެވި އާރުކާޓީ އަރުވިންދު ގުޕްތާގެ ވެސް ރާޖަޕަކްސާގެ ކެމްޕެއިނަށް އެހީތެރިވަމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
ރާޖަޕަކްސާގެ ކެމްޕެއިން ހަރަކާތެއްގައި ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ޖެކުއަލިން ފެނާންޑިސް އާއި ސަލްމާން ހާން ބައިވެރިވަނީ -- ފޮޓޯ

ސްރީލަންކާއަށް ނިސްބަތްވާ ޖެކުއަލިން އާއި ސަލްމާން ހާން އެކުގައި ކުޅުނު ހިންދީ ފިލްމް "ކިކް" އަށް ފަހު އެ ދަތަރިން ވަނީ އިންޑިއާގެ އިތުރުން ސްރީލަންކާއާ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވަރަށް ގިނަ ބައެއްގެ މަގުބޫލްކަން ހޯދައިފަ އެވެ.

ޖެނުއަރީ އަށެއްގައި ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިހާބްގައި ރާޖަޕަކްސާގެ އިތުރުން ވާދަކުރަނީ އެގައުމުގެ ކުރީގެ ޕާލިމަންޓް މެންބަރެއް ކަމުގައިވާ މައިތްރީޕަލާ ސިރިސެނާ އެވެ