އެމްޑީޕީގެ ސަރުކާރަށް ދެ އަހަރު ވެގެންދިޔަ އިރުވެސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދިފައި ނުވުމުން ލޯކަލް ކައުންސިލް އިންތިހާބުގައި އަނެއްކާ ވެސް ސަރުކާރަށް ފުރުސަތު ދިނުމަކީ ކުރަން ހެޔޮވާވާރުގެ ކަމެއް ނޫން ކަމަށް ޑީއާރުޕީގެ ލީޑާ އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން ނިންމާލުމަށްޓަކައި މާލޭގައި ޑީއާރުޕީން ބޭއްވި ހިނގާލުން ނިންމާލުމަށްފަހު، ސުނާމީ ބިނާ ސަރަހައްދުގައި އެ ތަނަށް އެއްވެފައި ތިބި މީހުންނާ މުހާތަބު ކުރައްވާ ތަސްމީން ވިދާޅުވީ ސަރުކާރުން ގާނޫނީ އިމުން ބޭރުން ބޭނުން ކޮންމެ ކަމެއް ކުރަމުންދާ ކަމަށާއި މާދަމާގެ އިންތިހާބުގައި ސަރުކާރަށް ފުރުސަތުދީގެން ނުވާނެ ކަމަށެވެ.

"ކުރިމަތީގައި އިންތިހާބެއް އޮތީމައި އިތުރަށް ފުރުސަތު ދިނުމަށް ބުންޏަސް، އެއީ ކުރަންވާ ވަރުގެ ކަމެއް ނޫން. އެކަމެއް ދިވެހިރައްޔިތުން ނުކުރާނެ. މިއަދުގެ ސަރުކާރުގެ ހާލަތު ރައްޔިތުންނަށް މިވަނީ ވަރަށް ރަގަނޅަށް އެގިގެން ގޮސްފައި."

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައި ވައުދުތައް ފުއްދައިދީފައި ނުވާ ކަމަށާއި ރައްޔިތުންނަށް އޮޅުވާލައި ބާރާއި ނުފޫޒު ބޭނުން ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މާދަމާ ވޯޓުލާން ދާއިރު ރައްޔިތުން ވިސްނަންވީ ވޭތުވެދިޔަ ދެ އަހަރު ދުވަހު ސަރުކާރަށް ކުރެވުނު ކަންތައްތަކަށް ކަމަށާއި އިތުރަށް ގޯސްމަގަކުން ދިއުމަށް ނިންމުމެއް ނިންމާއިގެން ނުވާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހި ގައުމުގެ ސަލާމަތް ކުރުމަށްޓަކާ ޑިއާރުޕީއަށާއި ޑިއާރުޕީން ތާއިދު ކުރާ ފަރާތްތަކަށް ވޯޓް ދިނުމަކީ ލާޒިމް ކަމެއް ކަމަށެވެ.