އެއާ އޭޝިއާގެ ގެއްލިފައިވާ މަތިންދާ ބޯޓު ކިއުޒެޑް 8501 ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަނޑުގެ ސަރަހައްދުން ފެނުނު ތަކެއްޗަކީ ބޯޓުގެ ބައިތަކެއް ނޫން ކަމަށް އިންޑޮނޭޝިއާ އިން ބުނެފި އެވެ.

ބީބީސީ އިން ބުނީ އެތަކެއްޗަކީ މަތިންދާ ބޯޓުގެ ބައިތަކެއް ނޫން ކަމަށް އިންޑޮނޭޝިއާ އޮފިޝަލުން ވިދާޅުވި ކަމަށެވެ.

މަތިންދާ ބޯޓު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ މީހުން ކުރިން ބުނެފައި ވަނީ ބޯޓު ވެއްޓިފައި ވެދާނެ ކަމަށް ބެލެވޭ ސަރަހައްދުން ބައެއް ތަކެއްޗާއި ކަނޑަށް އެޅިފައިވާ ތެޔޮ ފެނިފައިވާ ކަމަށެވެ. ނަމަވެސް ކަނޑަށް އެޅިފައިވާ ތެލަކީ މަތިންދާ ބޯޓުގެ ތެޔޮކަން ކަށަވަރު ނުވާ ކަމަށެވެ. އިއްޔެ ރޭ ފަތިހު ގެއްލުނު ބޯޓުމަށް މިއަދު ވެސް މަސައްކަތް ކުރަމުން އަންނަ އިރު އެ ސަރަހައްދުގެ މޫސުން މިއަދު ރަނގަޅެވެ.

ބޯޓު ގެއްލުން ސަރަހައްދުން ވަރަށް ދަށްކޮށް މިއަދު ސިގުނަލް ލިބުނެވެ. ނަމަވެސް އެއީ ބޯޓުގެ ސިގްނަލެއް ނޫންކަން ފަހުން ވަނީ އެނގިފަ އެވެ.

އިންޑޮނޭޝިއާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި އެއާ އޭޝިއާގެ މަތިންދާޓް ވެއްޓުނީ 162 މީހުންނާއެކު އެވެ. އެ ބޯޓުން ދަތުރު ކުރީ ފަޅުވެރިންގެ އިތުރަށް، އިންޑޮނޭޝިޔާގެ 149 ފަސިންޖަރުންނާއި ކޮރެއާގެ ތިން މީހަކާއި އިންގިރޭސި ރައްޔިތަކާއި ސިންގަޕޫރު ރައްޔިތެއްގެ އިތުރަށް މެލޭޝިޔާ ރައްޔިތެކެވެ.

އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ހާދީ މުސްތަފާ ވިދާޅުވެފައި ވަނީ މަތިންދާ ބޯޓާ ގުޅުން ކެނޑުނީ ސިންގަޕޫރާ ސުރަބަޔާ ޖަޒީރާއާ ދެމެދު އޮންނަ ޖާވާ ކަނޑުގެ މަތިން އުދުހެނިކޮށް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ގުޅުން ކެނޑުމުގެ ކުރިން މަތިންދާ ބޯޓުން އެދިފައި ވަނީ އާއްމުކޮށް ދަތުރު ނުކުރާ މަގަކުން ދަތުރުކުރުމަށް ކަމަށެވެ. އެއީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ގެއްލިފައި ވަނީ އެއާ ބަސް އޭ 320-200 މަރުކާގެ ބޯޓެކެވެ.