29 Dec 2014, 17:21
ކޭބަލް އޮޕަރޭޓަރު، މީޑިއާ ނެޓުން ދައްކާ ސްޕޯޓްސް ބައެއްް ޗެނަލްތަކުގެ ޕެކޭޖު އަގުބޮޑުކޮށްފި އެވެ.
ސަން އަށް އެނގިފައިވާ މީޑިއާ ނެޓުން އަގު ބޮޑުކުރީ ޕްރިމިއާ ލީގްގެ މެޗުތައް ދައްކާ ބައެއް ޗެނަލްތައް ހިމެނޭ ޕެކޭޖުތަކުގެ އެެވެ. މީޑިއާ ނެޓުން ނުރަސްމީކޮށް ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ކުޅިވަރު ޗެނަލްތަކުގެ ޕްކޭޖު އަގުބޮޑުކޮށްފައި ވަނީ މި މަހުގެ ތެރޭގައި ކަމަށެވެ. އަދި ކުޅިވަރު ހުރިހާ ޗެނަލެއް ބަލަން ބޭނުން ނަމަ އިތުރަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިހާރު އަޅުގަނޑުމެންގެ ޕެކޭޖުގެ ތެރޭގައި އިންނާނެ ފެމެލީ ޕްލަސް ކިއާ ޕެކޭޖެއް. އެ ޕެކޭޖު ލިބޭނީ 530 ރުފިޔާ އަށް. ދެން އެ ޕެކޭޖުގައި އިންނާނީ ކުޅިވަރު ދެ ޗެނަލް. އިތުރަށް ކުޅިވަރު ޗެނަލް ބޭނުމިއްޔާ ޖެހޭނީ 159 ރުފިޔާ ދައްކަން." އެއީ ސްޓާ ސްޕޯޓްސް އާއި ޓެން ސްޕޯޓްސް ކަމަށް އޭނާ ބުންޏެވެ.
އެހެންނަމަވެސް ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ މީޑިއާނެޓުން ބުނީ އާއިލާތަކަށް އަމާޒުކޮށްގެން އާ ޕެކޭޖެއް އެކުންފުނިން ތައާރަފްކޮށްފައިވާނެ ކަމަށެވެ. މީޑިއާ ނެޓުން ބުނީ، "ފެމެލީޕްލަސް"ގެ ނަމުގައި އަލަށް ތައާރަފްކުރި އެ ޕެކޭޖުގައި 120 ޗެނަލާއި 20 އެޗްޑީ ޗެނަލް ހިމެނޭނެ ކަމަށެވެ.
މީޑިއާނެޓުން ބުނީ، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޗެނަލް ޕެކޭޖްތައް އަޕްގްރޭޑް ކުރުމަށް ސަބްސްކުރައިބް ކުރުމުގެ ފުރުސަތު ވެސް ލިބެމުންދާނެ ކަމަށެވެ. ނަމަވެސް މިހާރު ގެންގުޅޭ ޕެކޭޖްތައް ސަބްސްކުރައިބް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.
އިތުރަށް އެކުންފުނިން ބުނީ އަގުތަކަށް ބަދަލު ގެނައީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުއްދަވެސް ލިބިގެން ކަމަށެވެ. އަދި ކުރިއާލާ ކަސްޓަމަރުންނަށް ޕެކޭޖުތަކަށް ބަދަލުތަކެއް އައިސްފައިވާނެ އަންގާފައިވާނެ ކަމަށް އެކުންފުނިން ބުންޏެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މީޑިއާނެޓުން ދައްކާ ކުޅިވަރު ޗެނަލްތަކުން ބައެއް ކަހަލަ ލީގުތަކުގެ މެޗުތަކެއް ނުފެނެ އެވެ. އެ މެޗުތައް މީޑިއާނެޓުން ދައްކަމުން ދަނީ އެޗްޑީ ޗެނަލްތަކުން ނެވެ. ނަން ހާމަކުރަން ބޭނުންނުވާ މީހަކު މިއަދު "ސަން"އާ ވާހަކަދަކަމުން ބުނީ ބައެއް ކަހަލަ ލީގުގެ މެޗުތައް ބަލަން ބޭނުން ނަމަ އިތުރަށް ފައިސާ ދައްކަން ޖެހޭ ކަމަށެވެ.
"މިހާރު މިސާލަކަށް އަޅުގަނޑުމެން ގޭގައި އިންނަ ޕެކޭޖުގައި ސްޓާ ސްޕޯޓްސް ލިބޭ. އެކަމަކު އެޗެނަލުން ނާތުވެދާނެ އެރޭ އޮންނަ މެޗެއް. އެކަމަކު ހަމަ ސްޓާ ސްޕޯޓްސް އެޗްޑީ ޗެނަލުން ހަމަ އައިސްދާނެ އެރޭ ކުޅޭ މެޗު. ދެން އަޅުގަނޑުމެން މިޖެހެނީ އެ ލީގުގެ މެޗުތައް ބަލަން ބޭނުމިއްޔާ އިތުރަށް ފައިސާ ދައްކަން." އޭނާ ބުންޏެވެ.
މީޑިއާ ނެޓުން ފޯރުކޮށްދޭ ބައެއް ޕެކޭޖުތަކުގެ ތެރޭގައި ކުޅިވަރު ޗެނަލް އެއްގޮތަކަށް ވެސް ނެތް ޕެކޭޖުތައް ވެސް އެބަހުއްޓެވެ. އެގޮތުން ލޯކަލް ޕްލަސް ޕެކޭޖުގައި 28 ޗެނަލެއް އެކުންފުނިން އާންމުންނަށް ފޯރުކޮށްދެ އެވެ. އެހެންނަމަވެސް ކުޅިވަރު އެއްވެސް ޗެނަލެއް އެ ޕެކޭޖުގައި ނުހިމެނެ އެވެ. ހަމައެއާ އެކު އެކުންފުނިން ފޯރުކޮށްދޭ ބޭސިކް ޕްލަސް ޕެކޭޖުގައި 70 ޗެނަލް ހިމެނޭ އިރު ކުޅިވަރު ޗެނަލްތަކުގެ ގޮތުގައި ފެންނަނީ ފަސް ޗެނަލެކެވެ