ފ. އަތޮޅު ސްކޫލުގައި އިނގިރޭސި ބަސް ކިޔަވައިދެމުން އައި އިންޑިއާގެ ޓީޗަރު، ޖަޔަޗަންދުރަން ދާއިމީކޮށް ދިވެހި ރާއްޖެ އިން ޑީޕޯޓްކޮށްފި އެވެ.

މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ ރާއްޖެ އިން ޑީޕޯޓް ކޮށްލެވުނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ކަމަށެވެ. އަދި އޭނާގެ މައްޗަށް އެ މައްސަލައިގައި ދައުވާ ކުރުމަށް ހެކި ލިބިފައި ހުރި ނަމަވެސް، ޕީޖީން އޭނާ ޑީޕޯޓް ކޮށްލަން ނިންމީ އެ މައްސަލަ ކުރިއަށް ގެންދިޔުމުގައި ނިޒާމީ ގޮތުން ލަސްތަކެއް ދިމާވަމުން ދާތީ ކަމަށް އެ ބަޔާނުގައި ވެއެވެ.

ޕީޖީ އޮފީހުން ބުނީ އޭނާ ޑީޕޯޓް ކޮށްލެވުނީ ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުން ޕީޖީ އަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށާއި އޭނާ ޑީޕޯޓް ކޮށްލެވުނީ އެއީ ދިވެހިދައުލަތަށާއި އޭނާ އަށް އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ޕީޖީ އަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ އޭނާ ޑީޕޯޓް ކޮށްލެވުނީ ޕީޖީ އޮފީހުން ނިންމި ނިންމުމެއްގެ ދަށުން ކަމަށާއި އެ ނިންމުން ނިންމުމުގައި ޕީޖީއަށް ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލާގައި ބޭރުގެ ނުފޫޒު ޕީޖީ އޮފީހަށް ފޯރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ޕީޖީން ބުނެފައިވެ އެވެ.

ފ. ފީއަލީގައި އިނގިރޭސި ބަސް ކިޔވައިދެމުން އައި އެ މީހާ މިއަހަަރުގެ އޭޕްރިލް މަހު ހައްޔަރުކުރީ އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ، ފ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.