އއ. މާޅޮހުގައި ވެލާ ހިފައިގެން، އޭގެ މަސް އަދި ބިސް ފަދަ ތަކެތި ކެއުމަށް ބޭނުން ކުރުމަކީ އާންމު ކަމެއް ކަމަށް މާޅޮހު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާމިހު ވިދާޅުވެއްޖެ އެވެ.

މާޅޮހު ރައްޔިތުންތަކެއް ވެލައެއް ފަޅާއިގެން، އޭގެ ބިސް ނެގުމަށް ހަރަކާތްތެރިވާ ފޮޓޯތަކެއް ފޭސްބުކްގައި އާންމުވުމާ ގުޅިގެން "ސަން" އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސާމިހު ވިދާޅުވީ ވެލާ ނުހިފުމަށާއި ވެލާ ހިފައިފި ނަމަ ދޫކޮށްލުމަށް ވެސް ކައުންސިލުން ނަސޭހަތްތެރިވާ ކަމަށެވެ. އަދި އިއްޔެ ވެލާ ހިފައިގެން އުޅުނުކަމުގެ ހަބަރެއް ނުލިބޭ ކަމަށާއި އެހެންނަމަވެސް ފޭސްބުކުން ފޮޓޯތައް ފެނުނު ކަމަށް ސާމިހު ވިދާޅުވި އެވެ.

ވެލާގެ ތެރެއިން ބިސްތައް ނަގާ މަންޒަރު ފެންނަ ފޮޓޯއެއް -- ފޮޓޯ/އެފްބީ

ފޭސްބުކްގައި އިއްޔެ މީހަކު އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ބަޔަކު ވެލާގެ ފައިގާ ވާޖަހައިގެން ނެގުމަށް ފަހު، އޭތި ފަޅާލާ މަންޒަރެވެ. އަދި ގިނަ އަދަދެއްގެ ފިރިހެނުންތަކެއް ވެލާގެ ތެރެއިން ބިސް ނަގައި އޭގެ މަސް ކޮށާ މަންޒަރު ވެސް ފޮޓޯތަކުން ފެނެ އެވެ. ވެލާގައި ހިމެނޭ ސަރުބީގަނޑު ނެގުމަށް ފަހު ކައްކާ މަންޒަރާއި ވެލާ މަސް ކެއްކުމަށް ފަހު ހުންނަ ގޮތް ދައްކުވައިދޭ ފޮޓޯތަކެއް ވެސް އާންމުކޮށްފައިވެ އެވެ.
ވެލާ ބަނދެފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް --- ފޮޓޯ/އެފްބީ

އާބާދީގައި 700 ވަރަކަށް މީހުން ދިރިއުޅޭ މާޅޮހަށް މީގެ ކުރިން ވަރަށް ގިނައިން ވެލާ އަރާކަމަށާއި އެހެންނަމަވެސް މިހާރު ވެލާ އަރަނީ އަހަރަކު ދެފަހަރު ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ. ސާމިހު ވިދާޅުވީ ވެލާ އަރާ މިންވަރު މަދުވީ ރައްޔިތުން ވެލާ ނަގާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ވެލާ ފަޅާލުމަށްފަހު ބިސްތައް ނަގާ މަންޒަރު ފެންނަ ފޮޓޯއެއް -- ފޮޓޯ/އެފްބީ

ނަމަވެސް ވެލާ ނަގާ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވެލާ ހިމާޔަތް ކުރުމަށް ގަވާއިދެއް ހަދާފައި އޮތަސް ރައްޔިތުން އެ ގަވާއިދަށް އަމަލު ނުކުރާކަން ސާމިހު ވިދާޅުވި އެވެ.
ވެލާ ފަޅާލުމަށްފަހު އެއްބައި އެއްލާލައިފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް --- ފޮޓޯ/އެފްބީ

ވެލާގައި އަތްލުމާއި ވެލާ ފަޅައި ކައި ހެދުމަކީ މަނާކަމެއް ކަމަށް އެންވަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފަ އެވެ. އަދި ވެލާ ހިފާ މީހުންނާ މެދު ފިޔަވަޅު އަޅުމަށް މިހާރު ހަވާލުވެފައި ވަނީ ފިޝަރީ މިނިސްޓްރީއާ ކަމަށް އީޕީއޭ އިން ބުނެޏެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.