އަހަރު ނިމުމުގެ ކުރިން މުޅިން އަލަށް 1000 ފޯމު އިލެކްޝަންސް ކޮމިޝަނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ހުށަހަޅައިފި އެވެ.

ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް މިއަދު 'ސަން' އަށް ވިދާޅުވީ އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް 1000 ފޯމް ހުށަހަޅާފައި ވާނީ ދެ ދުވަސް ތެރޭގައި ކަމަށެވެ. އަދި އިތުރު ފޯމްތައް ވެސް ވަރަށް އަވަސް މުސްތަގްބަލެއްގެ ތެރޭގައި އިލެކްޝަނަށް ހުށަހަޅާނެ ކަމަށެވެ. އަލީ ސޯލިހް ވިދާޅުވީ އެޕާޓީން އަބަދުވެސް ކުރަމުންދާ މަސައްކަތަކީ ޕާޓީގެ މެމްބަޝިޕް ހަރުދަނާ ކުރުން ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ޕާޓީގެ ފިކުރު ކުރިއަރުވާ ޕާޓީ ކުރިއެރުވުން. ދެން މިހާރު ޖޭޕީން އަމާޒު ހިފައިފާ މިހާރު މިވަނީ ބ. ދޮންފަނުގެ ބައި އިލެކްޝަން ކާމިޔާބު ކުރުން،"

އަލީ ސޯލިހް ވިދާޅުވީ ޖޭޕީގެ ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ ލީޑަރޝިޕުން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮންގްރެސް ބާއްވާނެ ތާރީހެއް އަދި ކަނޑައެޅިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.