29 Dec 2014, 16:32
އެންމެ ފަހުން ދަރިފުޅާ ބައްދަލުވީ އެހެން ދަރިއެއްގެ ޖަނާޒާއިންނެވެ. އެއީ މީގެ ހަފްތާ އެއް ކުރިންނެވެ. އެއް ދަރިފުޅު މަރުވުމުގެ ހިތާމާގައި ހުރި އެ ބައްޕަ މިއަދު ވަނީ އިތުރު ހިތްދަތިކަމެއްގަ އެވެ. ފުން އަސަރެއްގަ އެވެ. އަނެއް ދަރިފުޅު ވީނުވީއެއް ނޭނގި ގެއްލުމުންނެވެ.
މިއީ، އިންޑޮނޭޝިއާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަނިކޮށް ގެއްލިފައިވާ އެއާ އޭޝިއާގެ މަތިންދާބޯޓުގެ ކެޕްޓަން، އިރިޔަންޓޯގެ ބައްޕަ ސުވާޓޯގެ ވާހަކަ އެވެ.
"އަހަރެންގެ ހިތް ފަޅައިގެން ގޮސްފި. މިދިޔަ ހަފްތާގައި އަހަރެންގެ އެއް ފިރިހެން ދަރިފުޅެއް ވަނީ އަހަރެންނާ ވަކިވެފައި،" ގެއްލިފައިވާ އެއާ އޭޝިއާ ބޯޓުގެ ކެޕްޓަންގެ ބައްޕަ، ބީބީސީ އަށް ބުންޏެވެ.
ގެއްލިފައިވާ މަތިންދާބޯޓުގެ ކެޕްޓަންގެ ބައްޕަ ބުނާ ގޮތުން، ކޮންމެ ކަމެއް ވާނީ މާތް ﷲ އިރާދަކުރެއްވި ގޮތަށެވެ. އަދި އެ ކަލާނގެ އިރާދަ ކުރައްވާ ނަމަ އޭނާގެ ދަރިފުޅާ އޭނާ ބައްދަލުވާނެ އެވެ. ދަރިފުޅު އެނބުރި އަންނާނެ ކަމުގެ އުއްމީދުގައި ހުރި ބައްޕައަށް މިއަދު މާތް ﷲގެ ހަޒްރަތުން ދުއާދެންނެވުން ނޫން ގޮތެއް ނެތެވެ.
ދަރިއަކު ގެއްލިގެން ބައްޕަ ހިތާމަކުރަނީ އެވެ. އެ ހިތާމާގައި ބައިވެރިވާ އަނެކަކަކީ ބޯޓް ކެޕްޓަންގެ އަންހެން ދަރިފުޅު އެންޖެލާ ރަނަސްތިއާނިސް އެވެ. ގެއްލިފައިވާ އޭނާގެ ބައްޕަގެ ފޮޓޯއާ އެކު ސޯޝަލް މީޑިއާގައި ލިޔެފައިވާ ބަސްކޮޅުން އެ ދަރިފުޅުގެ ހިތުގައި ބައްޕައަށް އޮތް ލޯބި ހާމަވެ އެވެ.
"ބައްޕާ! ގެއަށް އާދޭ. އަހަރެން އަދިވެސް ބައްޕަ ބޭނުންވޭ. އަހަރެންގެ ބައްޕަ އަނބުރާ ގެނެސްދީ،" ގެއްލިފައިވާ ބޯޓުގެ ކެޕްޓަންގެ އަންހެން ދަރިފުޅު ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

ޖުމްލަ 162 ފަސިންޖަރުންނާ އެކު ދަތުރުކުރަނިކޮށް ގެއްލުނު އެ ބޯޓާ ގުޅުން ކެނޑުނީ ސިންގަޕޫރާ ސުރަބަޔާ ޖަޒީރާއާ ދެމެދު އޮންނަ ޖާވާ ކަނޑުގެ މަތިން އުދުހެނިކޮށްނެވެ. އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ހާދީ މުސްތަފާ ވިދާޅުވެފައި ވަނީ ގުޅުން ކެނޑުމުގެ ކުރިން މަތިންދާބޯޓުން އެދިފައި ވަނީ އާއްމުކޮށް ދަތުރު ނުކުރާ މަގަކުން ދަތުރުކުރުމަށް ކަމަށެވެ.
ފްލައިޓް ގެއްލުނުތާ މިއަދަށް ދެ ދުވަސްވެފައިވާ އިރު، އިންޑޮނޭޝިއާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ އިން ބުނީ ވެއްޓިފައި އެ ބޯޓްގެ ބައެއް ކަމަށް ބެލެވިގެން ބަލަމުން އަންނަ ކަނޑުގެ ސަރަހައްދުން އެއްޗެހިތަކަކަށާއި ކަނޑަށް އެޅިފައިވާ ތެޔޮތަކެއް ވެސް ވަނީ ފެނިފައިވާ ކަމަށެވެ.