މާލެ ސިޓީ ކައުންސިލްގެ ބައެއް މަސައްކަތްތައް ސަރުކާރުން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުން އެ މައްސަލާގައި ބޮޑެތި އޮޅުންތަކެއް ހުރި ކަމަށާއި އެހެންކަމުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލް ހޯލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޓީ ކައުންސިލްގެ މޭޔަރު ޝިހާބު ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ކޯޓުން ބަލައިގެންފައިވާކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފު ނުވާކަމަށް ޝިހާބު ވިދާޅުވި އެވެ.

"މިހާރު ކައުންސިލުން ނިންމާފައި މިވަނީ ގާނޫނީ ގޮތުން އަޅުގަނޑުމެންނަށް ލާޒިމް ކުރާ ކަންތައްތަކެއް ހުރުމާ އެކު އެކަންތައްތައް ކުރުމުގައި އަޅުގަނޑުމެންނަށް އޮޅުން އަރާފައިވާ ކަންތައްތައް ސާފުކުުރުމަށް ޓަކައި ޝަރީއަތް މެދުވެރިކޮށް މިކަމުގައި ކޮންމެވެސް ކަހަލަ ގޮތެއް ނިންމުމަށް. ދެން އަޅުގަނޑުމެން ވާނީ މި މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައި. އެހެންނަމަވެސް މި މައްސަލަ އަދި ބަލައިގެން ކަމެއް ނުވަތަ ބަލައިނުގަންނަ ކަމެއް އަދި އަޅުގަނޑުމެންނަކަށް ސާފެއްނުވޭ." ޝިހާބު ވިދާޅުވި އެވެ.

އެ މައްސަލަ ހުށަހެޅުއްވީ ކޮން ކޯޓަކަށްތޯ ދެންނެވުމުން ޝިހާބު ވިދާޅުވީ އެ މައްސަލަ ހުށަހެޅި ކޯޓު އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެކަން އެނގޭނީ ގާނޫނީ މީހުންނަށް ކަމަށެވެ.

ޝިހާބު ވިދާޅުވީ ސިޓީ ކައުންސިލަކަށް ވިއަސް އަދި ރަށު ކައުންސިލަކަށްވި ނަމަވެސް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ޝިހާބު ވިދާޅުވީ ލާމަރުކަޒީ ގާނޫނަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެެވެ. އެހެންކަމުން ސިޓީ ކައުންސިލްގެ މައްޗަށް ގާނޫނުން ލާޒިމްކޮށްފައިވާ ކަންތައްތައް ކުރުމަށް އެކައުންސިލުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޝިހާބު ވިދާޅުވި އެވެ.

"އެހެންނަމަވެސް ރައީސް އޮފީހުން ރައީސް އޮފީހުގެ ވަކި ވުޒާރާއަކާ ވަކި ކަމެއް ހަވާލުކުރެއްވީމާ އޭގެ މާނަ އެބަ ކުރަން ޖެހޭ ކޮންމެވެސް ފަރާތަކުން. އެ ވުޒާރާއަކުން އަޅުގަނޑުމެންނަކާއި މި މައްސަލާގައި އެއްވެސް ވަރަކަށް މަޝްވަރާ ކުރައްވާފައެއް ނެތް. އެއްވެސް ވަރަކަށް ބުނެފައެއް ނެތް މިހާރު މި މަސައްކަތްތައް ކުރަނީ ތިމަންނާމެންނެކޭ. ސިޓީ ކައުންސިލުން ތިޔަ މަސައްކަތް ކުރާނެ ކަމެއް ނެތޭ ބުނެފައެއް ނެތް. އެހެންވީމާ ގާނޫނީ ގޮތުން އަޅުގަނޑުމެން ކުރަން ލާޒިމްކޮށްފައި އޮތްކަމެއް އަޅުގަނޑުމެންނަށް ކުރެވޭތޯ ބަލަންޖެހޭނެ." ޝިހާބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނީ ގޮތުން ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންތައްތައް ކުރެވޭނީ އެކައުންސިލަށް ލިބެން ޖެހޭ ވަސީލަތްތައް ވެސް ލިބިގެން ކަމަށެވެ. އެގޮތުން މުވައްޒިފުންނާއި ފައިސާގެ އެހީތެރިކަމާއި އަދި ބޭނުންވާ ތަކެތި ވެސް ލިބިގެން ކަމަށް ޝިހާބު ވިދާޅުވި އެވެ. ޝިހާބު ވިދާޅުވީ ލާމަރުކަޒީ ގާނޫނު އޮންނަނީ "ނަމެއްގައި" ކަމަށެވެ. ގާނޫނު އަސާސީ އިން ބުނެފައިވާ ގޮތުގައި އޮންނަ ކަންތައްތައް ސިޓީ ކައުންސިލަށް ނުކުރެވޭ ކަމަށާއި އެކަންތައް ނުކުރެވެނީ ދިމާވާ ދަތިތަކާއި ހެދި ކަމަށް ޝިހާބު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޔުޓިލިޓީސް އެންޑް ޓްރާންސްޕޯޓާއި އެންވަޔަރަންމަންޓް ޑިޕާޓްމަންޓާއި ހާބާ މެނޭޖްމަންޓް ގުޅިގެން ހިންގަމުން ދިޔަ މަސައްކަތްތައް މިހާރު ވަނީ ހައުސިން މިނިސްޓްރީގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މިމަހުގެ ތެރޭގަ އެވެ. އޭގެ އިތުރުން ޕާކިންޒޯންތައް ފާހަގަކުރުމާއި ޓްރެފިކް ނިޝާންތައް ހަރުކުރުމާއި މަގުތަކުގެ ކާނުތައް ސާފުކޮށް ބެލެހެއްޓުމާއި ކާނު ސާފުކުރުމާއި މަގު ކޮނުމުގެ ހުއްދަ ދޫކުރުމާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި މާލޭ ފަޅުތެރެއިން ފައްތިޔާ ދޫކުރުމާއި ފީބަލައިގަތުން ފަދަ މަސައްކަތްތައް ވެސް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.