ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ހަނިމާދޫގައި ކުރިއަށް ގެންދާ އަންހެން ވޮލީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރު ވެއްޖެ އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު ހަތަރު މެޗު އިއްޔެ ކުޅުމުގެ ކުރިން ވެސް ހއ. އިހަވަންދޫ ޓީމު އިހަވަންދޫ ޕޯލްސްޓާ އޮތީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި އިހަވަންދޫ ސެމީއަށް ދިޔައީ ކުޅުން ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. ފަސް ޓީމު ހިމެނޭ ގްރޫޕް އޭގެ ސެމީއަށް ދިޔަ ދެވަނަ ޓީމަކީ ހޯރަފުށީ ބެލެނިވެރިންގެ ގުޅުމެވެ.

ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޅުން ހުރިހާ މެޗަކުން މޮޅުވެގެން ސެމީއަށް ދަތުރުކުރީ ހއ. މުރައިދޫ އަންހެނުންގެ ބަދަހި ގުޅުމެވެ. އަދި ދެވަނައިގައި ނުވަ ޕޮއިޓު ހޯދައިގެން އޮތީ ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކްލަބެވެ.

މުބާރާތު ސެމީގެ މެޗުތައް މާދަމާ ފަށާއިރު ފުރަތަމަ މެޗުގައި ބައްދަކު ކުރާނީ އިހަވަންދޫ ޓީމާއި ދިއްދޫ ޓީމެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލު ކުރާނީ މުރައިދޫ ޓީމާއި ހޯރަފުށީ ޓީމެވެ.

އުތުރުގެ ދެ އަތޮޅުކަމަށްވާ ހއ. އަދި ހދ. އަތޮޅުގެ 10 ޓީމެއް ބައިވެރިވެފައިވާ އެ މުބާރާތް ކުރިއަށްދާނީ ހދ. ހަނިމާދޫގަ އެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އެ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ނޮޅިވަރަމް ހުވާސް އާއި ހޯރަފުއްށި ބެލެނިވެރިންގެ ގުޅުމާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ނާވައިދޫ އަންހެނުންގެ ބަދަހި ގުޅުން އަދި އިހަވަންދޫ ކްލަބް ޕޯލްސްޓާއެވެ.

ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ނޮޅިވަރަމް އެސޯސިއޭޝަން އޮފް ނީޑްސް އެންޑް ޑީޑްސް (އޭއެންޑީ) އާއި ދިއްދޫ ޓީނޭޖް ސްޕޯޓްސް ކްލަބާއި ހަނިމާދޫ ސާއްބަ އެކުވެރިންގެ ކްލަބާއި ނޮޅިވަރަންފަރު ޔޫތު ޑީވެލޮޕްމެންޓް އަދި މުރައިދޫ އަންހެނުންގެ ގުޅުމެވެ.