ސޮނީ އެންޓަޓެއިންމެންޓް ކުންފުންޏަށް ދިން ސައިބާ ހަމަލާތަކަށްފަހު އޮންލައިންކޮށް ރިލީޒްކުރި ފިލްމު "ދަ އިންޓަވިއު" އަށް ފަސް ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިއްޖެ އެވެ.

ސައިބާ ހަމަލާތަކާއި އިންޒާރުތަކަށް ފަހު ސިނަމާގައި އެޅުވުން ކެންސަލް ކޮށް މިދިޔަ ބުދަ ދުވަހު އެ ފިލްމު ރިލީޒްކުރީ ޔޫޓިއުބާއި ގޫގުލް ޕްލޭ އާއި އެކްސްބޮކްސް ވީޑިއޯ އަދި ސޮނީގެ ވެބްސައިޓްގަ އެވެ. ނަމަވެސް ފަހުން އެ ފިލްމު ވަނީ ބައެއް އެމެރިކާގެ ސިނަމާތަކުގައިވެސް ރިލީޒް ކޮށްފައެވެ.

ސޮނީ ކުންފުނިން އިއްޔެ ބުނީ، ވޭތެވެދިޔަ ފަސް ދުވަހުގެ ތެރޭގައި އެ ފިލްމަށް އޮންލައިންކޮށް 15 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދެ މިލިއަން މީހުން އެ ފިލްމް ޑައުންލޯޑް ކޮށް ނުވަތަ ކުއްޔަށް ނަގާފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ 300 އަށްވުރެ ގިނަ ތިއޭޓަރުގައި ރިލީޒް ކުރި އެ ފިލްމަށް ސިނަމާތަކުން 2.8 މިލިއަން ޑޮލަރުގެ ލިބިފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން އުން އަވަހާރަކޮށްލަން ރާވާ ރޭވުމެއް ދައްކުވައިދޭ އެފިލްމަކީ އެމެރިކާގެ ފިލްމެއް ސިނަމާގައި އެޅުވުމުގެ ކުރިން އޮންލައިންކޮށް ރިލީޒްކުރި ފުރަތަމަ ފިލްމެވެ. އަދި އެ ފިލްމް ވެފައިވަނީ ސޮނީ ކުންފުނިން މިހާތަނަށް އޮންލައިންކޮށް ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ރިކޯޑް ވެސް ހޯދާފައެވެ.

"ދަ އިންޓަވިއު" އެޅުވުމުގެ ކުރިން އެފިލްމާ ގުޅިގެން ބޮޑެތި ކަންތައްތަކެއް ހިނގާފައިވެ އެވެ. އެގޮތުން އެމެރިކާއާއި އުތުރު ކޮރެއާއާ ދެމެދު ފިލްމުގެ މައްސަލައިގައި ޒުވާބުތަކެއް ހިނގި އެވެ.
ސޮނީއަށް ދިން ސައިބާ ހަމަލާތަކަކީ އުތުރުކޮރެއާ ސަރުކާރުން ކުރި ކަމެއް ކަމަށް ވިދާޅުވެ، އޭގެ ބަދަލު ހިފާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވި އެވެ. އަދި އޭގެ ފަހުން މުޅި އުތުރުކޮރެއާއިން ނުވަ ގަޑިއިރަށް އިންޓަނެޓްގެ ހިދުމަތް ކެނޑުނެވެ.