29 Dec 2014, 15:24
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް ތިރިކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލު ޝާހީން ހަމީދު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ، އެއީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް އެ ކޯޓުން ނިންމާފައިވާތީ ކަމަށެވެ.
ހައިކޯޓުގެ ރަޖިސްޓްރާ ވެސް އަދި ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމާފައި ވަނީ އެ މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިގެންނުވާ ކަމަށެވެ.
ހައިކޯޓުން ނިންމި ނިންމުމުގައި ވަނީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުތަކާއި އެ ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި ނިންމާ ނިންމުންތަކަކީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ދުސްތޫރީ މައްސަލައެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާ އަށް ރިއާޔަތްކުރާ އިރު އެ މައްސަލަ ބެލުމުގެ އިހުތިސޯސް ހައިކޯޓަށް ލިބިގެންވާ ކަމަށް ނުފެންނާނާތީ ހައިކޯޓުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ރ)ގެ އެއްވަނަ ނަންބަރުގެ ދަށުން އެ މައްސަލަ ބަލައިގަނެވެން ނެތްކަން އަންގާ ކަމަށް އެ ނިންމުމުގައިވެ އެވެ.
ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ވަނީ ތިން ބާވަތެއްގެ ދުސްތޫރީ މައްސަލަތަކަކީ އެ މައްސަލަތައް ބެލުމުގެ އަސްލީ އިހްތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ މައްސަލަތަކެއް ކަމަށެވެ. އޭގެތެރޭގައި އެ މައްސަލައަކީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލަތައް ހިމެނެ އެވެ.
އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ގާނޫނު އަސާސީ މާނަކުރުމާ ގުޅޭ ގޮތުން އުފެދޭ މައްސަލައެއް ކަމުގައިވާ ނަމަ އެ މައްސަލައެއް ބެލެނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް އެ ގާނޫނުގައިވެ އެވެ. އަދި ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ކަމުގައިވާ ނަމަ އެ މައްސަލައެއް ބެލުމުގެ އިހުތިސޯސް ހަމައެކަނި ލިބިގެން ވަނީ ސުޕްރީމް ކޯޓަށް ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.
އެ މައްސަލައާ މެދު ހައިކޯޓުން ވަކިގޮތެއް ނުނިންމާ ވަނިކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ އަހްމަދު ފާއިޒު ހުސައިން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުންނާއި އަދި އަހްމަދު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކޮށްފަ އެވެ. އަދި އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު އައްޔަން ކުރަން މަޖިލީހުން ފާސްކުރުމާ އެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރައްވާފަ އެވެ.