04 Feb 2011, 17:29
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަކީ މީން ދުވަހަކު ވެސް ރާއްޖެގައި ނުބޭއްވޭ ވަރަށް ނުފޫޒު ފޯރުވައިގެން ބާއްވާ އިންތިޚާބެއް ކަމަށާއި އަދި އެ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑީއާރުޕީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު މިއަދު ވިދާޅުވީ މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ވޯޓު ކަރުދާހުގައި އޮންނަ ނަމެއް ނުވަތަ ޕާޓީގެ ލޯގޯ އޮޅޭ މިންވަރަށް މިއަދު މިވަނީ އިންތިޚާބުގެ ހަމަ ހަމަ ފުރުސަތު ނަގާލާފައި ކަމަށެވެ. އަދި މިއިންތިޚާބަކީ މީން ދުވަހަކު ވެސް ރާއްޖޭގެ ނުބޭއްވޭ ވަރަށް ނުފޫޒު ފޯރުވައިގެން އިންތިޚާބުގެ ހަގީގީ އަސްލާއި ޕާޓީ ތަކަށް ހަމަހަމަ ފުރުސަތު ނަގާލާފައިވާ އިންތިޚާބެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އަދި މިފަދަ އިންތިޚާބެއް ބާއްވާ އިރު ދައުލަތުގެ މީޑިއާ ބޭނުން ކޮށްގެން ސަރުކާރުން ރައްޔިތުންގެ ފައިސާގައި ސަރުކާރުގެ ކެމްޕެއިން ޕްރޮގްރާމްތައް ދެއްކުން ނޫން ކަމެއް ނުކުރާ ކަމަށާއި މިއިންތިޚާބާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވާފައި ނެތް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެކަމާ މެދު ވަރަށް ކަންބޮޑުވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އިންތިޚާބަށް ދެތިން ދުވަހަށް ވެފައިވަނިކޮށް މާލޭ މުނިސިޕްލްޓީގެ ރައީސް ކަމުގައި ހުންނެވުމަށް ފަހު އާދަމް މަނިކު އިސްތިއުފާ ދެއްވާފައި ވާއިރު އޭނާ އެ މަގާމުގައި ހުންނެވި އިރު ދަފްތަރު ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކެމްޕޭނުގައި ދަފްތަރު ބޭނުން ކުރަން ބޭނުންވި ކެންޑިޑޭޓުންނަށް ދަތިތަކާ ކުރިމަތިވި ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަ ދަފްތަރު ލިބުނީ އިންތިޚާބަށް ވަރަށް ކުޑަތަން ވެފައި ވަނިކޮށް. އަޅުގަނޑުމެން ރަސްމީ ކޮށް އެދުމުން އެ ލިސްޓު ލިބިފައިވަނީ ސަރަނަގު އާދަމް މަނިކު އިސްތިއުފާ ދެއްވި ފަހުން." އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު އަދި ވިދާޅުވީ މިސަރުކާރުން މީން ދުވަހަކު ވެސް ނުކުރާ ވަރަށް ދަތުރުގެ ފޯވައްސެއް ގެނެސް ކެމްޕެއިން ތަކަށް ސަރުކާރުގެ މުވައްޒަފުންނާއި ދައުލަތުގެ ކުންފުނިތައް ބޭނުން ކުރަމުންދިޔަ ކަމަށެވެ. އެގޮތުން އިންތިޚާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ދައުލަތުގެ ކުންފުނި މިފްކޯގެ ފަސްމީރު ޕްރޮޑަކްޓެއްގައި ރީނދޫ ކުލަ ޖައްސައިގެން ނެރެފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރު އެޕާޓީގެ އެކްޓިވްސްޓުން ވެސް ހައްޔަރު ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އެ ޕާޓީގެ މުނިފޫހި ފިލުވުމާ ކުޅިވަރު ގޮފީގެ ނައިބު ރައީސް އައްސަދު އަލީ މިއަދު ހެނދުނު ހައްޔަރު ކޮށްފައި ވަނީ ޑީއާރުޕީގެ ދިދަ ތައް ކަނޑާ ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެކަމާ ހައިރާން ވާ ކަމަށާއި އެކަމަކީ ވެސް މިއޮތް ވަގުތު ކޮޅުގައި އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރަމުން އަންނަ ކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައްސަދު ހައްޔަރު ކުރީ ކެމްޕެއިންގެ އެއްޗެހިތަކަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ސަރުކާރުން ކެމްޕެއިނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރަމުން އަންނަ އެފަދަ ކަންތައްތައް ބޭރުގެ ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށެވެ. އަދި ސަރުކާރުން މިނިވަން އިންސާފު ވެރި އިންތިޚާބަކަށް ނުފޫޒު ފޯރުވަން ކުރަމުން ގެންދާ އެފަދަ ކަންތަކުގެ ޒިންމާ ފުލުހުންނާ އިލެކްޝަނުން އުފުލާ މިނިވަން އިންސާފު ވެރި އިންތިޚާބެއް ބާއްވައިދިނުމަށް އެ ދެ މުއައްސަސާއިން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާދާމާ އޮންނަ ލޯކަލް ކައުންސިލް އިންތިޚާބު އެންމެ އިންސާފު ވެރިކަމާ އެކު ބޭއްވިދާނެ އިންތިޚާބެއް ކަމާމެދު ޝައްކު އުފެދުނު ނަމަވެސް މިފަހަރުގެ އިންތިޚާބު ޑީއާރުޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ. އަދި މިފަދަ އިންތިޚާބަކާ އެ ޕާޓީން ކުރިމަތިލަނީ ދިވެހި ރައްޔިތުންނަށް ޖެހިފައިވާ ނިކަމެތި ހާލުން ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.