29 Dec 2014, 15:21
ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުގެ މިޑްފީލްޑަރު އަލީ ފާސިރު (ސެންޓޭ) ކުރި އޮޕަރޭޝަނަށް ފަހު އަންނަ ފެބްރުއަރީ މަހު ފަހުކޮޅު ފަށަން ހަމަޖެހިފައިވާ އޭއެފްސީ ކަޕަށް ފިޓު ވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އެ ކްލަބްގެ ޖެނެރަލް ސެކްރެޓެރީ އިސްމާއިލް ވިޝާމް ވިދާޅުވެއްޖެއެވެ.
ވިޝާމް ވިދާޅުވީ ސެންޓޭ ކުރި އޮޕަރޭޝަނަކީ އޭނާގެ ފަޔަށް ކުރިން ލިބުނު ގެއްލުމެއްގެ ސަބަބުން ލައްވާފަ އިން ދަނގަނޑު ނަގަން ކުރި 'ކަރެކްޓިވް ސާޖަރީ' އެއް ކަމަށާއި، މިއަދު މެންދުރު އެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމާލާފައި ވާކަމަށެވެ. އަދި އަންނަ ބުދަ ދުވަހު ސެންޓޭ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށާއި، ނަމަވެސް އޭނާ ފިޓުވާން ދުވަސްކޮޅެއް ނަގާނެ ކަމަށްވެސް ވިޝާމް ވިދާޅުވިއެވެ.
"އަންނަ ބުދަ ދުވަހު ސެންޓޭ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ލަފާކުރެވޭ. ނަމަވެސް އޭނާ ފިޓުވާން އަދި ދުވަސްކޮޅެއް ނަގާނެ. ޖެނުއަރީ 10 ގައި ފަށަން ހަމަޖެހިފައިވާ ޓީމް ޕްރެކްޓިސްތަކަށް އަދި އޭނާއަށް ބައިވެރިއެއް ނުވެވޭނެ. ނަމަވެސް އަޅުގަނޑުމެން މި ބަލަނީ ޕްރެކްޓިސްގައި ބައިވެރި ވުމުގެ ކުރިން ޖެނުއަރީ ފަހުކޮޅު އޭނާގެ ފިޓްނެސް ރަނގަޅު ކުރުމަށް އޭނާއަށް ކަސްރަތުކުރަން ފެށޭނެ ކަމަށް،" ވިޝާމް ވިދާޅުވިއެވެ.
ވިޝާމް ވިދާޅުވީ ޓީމްގެ ޕްރެކްޓިސްތަކުގައި ބައިވެރިވުމުގެ ތިން ހަފްތާ ކުރިން ސެންޓޭ ދުވުމުގެ ކަސްރަތުތައް ފަށާނެ ކަމަށާއި، ނަމަވެސް އެކަން ފެށޭނީ ޖެނުއަރީ މަހުގެ ފަހުކޮޅު ޑޮކްޓަރަށް ދެއްކުމަށްފަހު ޑޮކްޓަރުގެ އިޒުނަޔާ އެކީކަމަށެވެ. އަދި ސެންޓޭ އަކީ ނިއުއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އޭއެފްސި ކަޕަށް ސެންޓޭ ފިޓުވުމަކީ ކްލަބުގެ ވަރަށް ބޮޑު އުންމީދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެންމެ ފުރަތަމަ 2011 ވަނަ އަހަރު ނިއުއަށް ކުޅެދިން ސެންޓޭ ވަނީ 2012 ވަނަ އަހަރު ވިކްޓްރީއަށް ބަދަލުވުމަށްފަހު އަނެއްކާވެސް 2013 ވަނަ އަހަރު ނިއުއަށް ބަދަލުވެފައެވެ. އަދި 2013 ވަނަ އަހަރު ދިވެހި ލީގު 100 ޕަސެންޓު ރިކޯޑަކާއި އެކު ނިންމާލުމުގެ އިތުރުން އެ އަހަރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރުމުގައިވެސް އޭނާ ވަނީ ނިއުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. އޭގެ އިތުރުން މިއަހަރު ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގައި ނިއުއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބުކޮށް، އެ މުބާރާތުގެ ތަށި މިލްކުކުރުމަށް ނިއުއަށް އެހީތެރިވެދިނީވެސް ސެންޓޭ އެވެ.
ސެންޓޭ އޭނާގެ ފުޓްބޯޅަ ކެރިއާ ފުރަތަމަ ފަށާފައި ވަނީ 2006 ވަނަ އަހަރު ކްލަބް އީގަލްސްގައި ދެވަނަ ޑިވިޝަނުންނެވެ. އެއަށްފަހު އޭނާ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ބަދަލުވެ، އެ ކްލަބް އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ވުމުގައި އޭނާ ވަނީ އިސް ރޯލެއް އަދާކޮށްފައެވެ. އޭވައިއެލްގެ އިތުރުން ކްލަބް ވެލެންސިޔާއަށްވެސް ކުޅެދީފައިވާ ސެންޓޭ 2011 ވަނަ އަހަރުން ފެށިގެން އަންނަނީ ރާއްޖެގެ ގައުމީ ޓީމަށްވެސް ކުޅެމުންނެވެ.