29 Dec 2014, 15:17
ށ. ކޮމަންޑޫ ކައުންސިލްގެ އިސް ބޭފުޅަކު ސިވިލް ކޯޓަށް ހާޒިރުވުމަށް އިއުލާންކޮށްފި އެވެ.
ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް ސިވިލް ކޯޓުން ކުރި އިއުލާންގައި ކޮމަންޑޫ މަސްވެރިންގެ ގުޅުމުން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 10:30 އަށް އެ ކައުންސިލްގެ އިސް ބޭފުޅަކު ކޯޓަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. އަދި އެދުވަހު ކޯޓަށް ހާޒިރުނުވެއްޖެނަމަ ކައުންސިލްގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
މަސްވެރިންގެ ގުޅުމުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އެ ޖަމްއިއްޔާއިން ހިންގަމުންދިޔަ އެރަށު އިންޖީނުގެ އޭރުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވާ ފަދައިން އެ ޖަމްއިއްޔާއަށް ބަދަލުދީފައިނުވާތީ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހު ސިވިލް ކޯޓަށް ހާޒިރުވާން އެ ކައުންސިލަށް ޗިޓް ފޮނުވާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އެހެންނަމަވެސް އެދުވަހު ކޯޓަށް ހާޒިރުވެވެން ނެތް ކަމަށާއި އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ޗިޓު ފޮނުވައިފިނަމަ ހާޒިރުވާނެ ކަމަށް ކައުންސިލުން ސިވިލް ކޯޓަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އިންޖީނުގެ ޔުޓިލިޓީޒްއާ ހަވާލުކުރުމުން މަސްވެރިންގެ ގުޅުމަށް ބަދަލުދޭންޖެހޭނެ ކަމަށާއި އެކަން ކުރަންޖެހޭނީ ސަރުކާރުން ކަމަށެވެ.