ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފެށޭނީ އަންނަ މަހުގެ މެދެއްހާ ހިސާބްގައި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މީގެ ކުރިން އެޗްޑީސީ އިން ބުނީ ހިއްކުމަށް ގެންނަ ބޯޓް މި މަހުގެ މެދެއްހާ ހިސާބުގައި ރާއްޖެ އަންނާނެ ކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރުމަށް ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލްގެ ބޯޓް އަންނާނެ ކަމަށް މިހާރު ލަފާކުރެވެނީ މިފެށޭ ޖެނުއަރީ މަހުގެ ކުރީ ކޮޅުގައި ކަމަށެވެ.

"ބޯޓްވެސް މަސް ފެށޭ ހިސާބްގައި އަންނާނެ ކަމަށް ބެލެވެނީ. އަދި ގެންނަން ޖެހޭ ބައެއް ސާމާނު ވެސް އަންނަ މަހުގެ ތެރޭގައި ގެނެވޭނެ." ސުހެއިލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަށް ބޭންކް އޮފް ސިލޯނުން 30 މިލިއަން ޑޮލަރުގެ ލޯނެއް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހިކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެށި މަޝްރޫއު އެކެވެ.