ހުޅުމާލެ އިން ގިނަ އަދަދެއްގެ ބަނގުރާތަކެއް އަތުލައިގެންފި އެވެ.

ފުލުހުން މިއަދު ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރޭ ފުލުހުން ހުޅުމާލޭގެ ސިނާއީ ސަރައްހަދު ބަލަމުން ދަނިކޮށް، އެ ސަރަހައްދުގައި ހުރި އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގެ ދެކުނުން އޮންނަ ގަސްގަނޑު ތެރޭގައި ބާއްވާފައި އޮތް ދަބަހެއްގެ ތެރެއިން ކަމަށެވެ.

މީގެ އިތުރުން އިއްޔެ ރޭ ހުޅުމާލެ ސިނާއީ ސަރަހައްދުގައި ޕެޓްރޯލް ކުރަމުންދަނިކޮށް ހުޅުމާލެ ސުނާމީ ޖެޓީ ކައިރީގައި ކަރުދާސް ފޮށިގަނޑެއް ބަހައްޓާފައި ހުރިތަން ފެނިގެން އެ ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރި އިރު އެ ފޮށިގަނޑުގެ ތެރެއިން 48 ދަޅު (ދެ ކޭސް) ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ހުޅުމާލެ ސިނާއީ ސަރަޙައްދު ޕެޓްރޯލްކުރަމުން ދަނިކޮށް ރޭ ސުނާމީޖެޓީގެ އިރުމަތީފަރާތު ގަސްތަކުގެ ތެރޭގައި ދަބަހެއް އަޅުވާއިގެން ހުރި ބިދޭސީއެއްގެ އަމަލުތައް ހުރި ގޮތުން އޭނާ ވަނީ ހައްޔަރުކޮށްފި އެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑާއި ދަބަސް ބަލައި ފާސްކުރި އިރު ދެ ފުޅި ބަނގުރާ ފެނިފައިވެ އެވެ.

މި ޑިސެމްބަރު މަހު މާލޭގައި ބަނގުރާ ގެންގުޅޭ މިންވަރު އިތުރުވެފައިވާ ކަމަށާއި އެތަކެތީގެ މުއާމަލާތްތައް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ބިދޭސީން ކަމަށް ފުލުހުން ދާދިފަހުން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ވަނީ ބުނެފަ އެވެ. އަދި މިމަހު އެކަނި ވެސް ގާތްގަނޑަކަށް 400 އެއްހާ ފުޅި ބަނގުރާ ފުލުހުން ހިންގި ތާފާތު އޮޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.