ލ. ކުނަހަންދޫ ބަނދަރު ސަރަހައްދުގައި ކަރަންޓް ނެތުމުން "ކަނު އަނދިރި" ވެފައިވާތީ ތަފާތު ހިތާމަވެރި ހާދިސާތައް ހިނގަމުންދާ ކަމަށާއި އެގޮތުން މީގެ ދެ ދުވަސް ކުރިން މާބަނޑު އަންހެނަކު ވެސް މޫދަށް ވެއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

އަށް ސަތޭކަ އަށް ވުރެ މީހުންގެ އާބާދީއެއް އޮންނަ ކުނަހަންދޫ ކައުންސިލް ނައިބް ރައީސް ލިރުޤާމް ސައީދު މިއަދު ސަން އަށް ވިދާޅުވީ އެ ރަށު ބަނދަރު ސަރަހައްދުގައި ކަރަންޓް ނެތުމުގެ ސަބަބުން ހިތާމަވެރި ހާދިސާތަކެއް ހިނގަމުންދާ ކަމަށާއި އެގޮތުން އެ ރަށަށް ގޮސް ހުރި މާބަނޑު އަންހެނަކު އެ ރަށުން ފުރަ ދޯންޏަށް އަރަން އުޅުމުގެ ތެރެއިން މޫދަށް ވެއްޓި އަނިޔާތަކެއް ވެފައިވާ ކަމަށެވެ.

"އެއަންހެން މީހާ ފުރަން ދިޔައީ ގާތްގަނޑަކަށް 7:40 ކަންހާ އިރު، އަނދިރިކަމުން އޭނާ އަށް ފައި އެޅުނީ ތޮށިގަނޑު ބޭރަށް، އެހެންވެ މޫދަށް ވެއްޓުނީ. އޭނާ އަށް ވަނީ ނަފްސާނީ ގޮތުން ވެސް ގެއްލުންތަކެއްވެފައި. އަދި އޭނާއަށް އަނިޔާތަކެއް ވެފައިވޭ،" ލިރުޤާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށަށް މުދާ ހިފައިގެން ދިޔަ ބޯޓެއް އެ ރަށު ނެރުމައްޗަށް އެރުމުގެ ހާދިސާއަކާއި ފިހާރަތަކަށް ގެންނަ މުދާ މޫދަށް ވެއްޓުން ފަދަ ހާދިސާތައް އެސަރަހައްދު އަނދިރިކަމުން ހިނގާފައިވާ ކަމަށެވެ.

"ލޮލަށް އިނގި ކޮއްޕާލިޔަސް ނޭނގޭހާ އަނދިރި. އަޅުގަނޑުމެންނަކަށް ޔަގީންކަމެއް ނެތް ކުޑަކުއްޖެއް ވެސް މުސްކުޅިއެއް ވެސް ނުވެއްޓޭނެ ކަމެއް، މި ބިރު އެބައޮތް." ލިރުޤާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށު ބަނދަރުގެ މަސައްކަތް މީގެ އަހަރެއް ހާ ދުވަސް ކުރިން ނިމި އަދި ބަނދަރުގައި ބައްތި ޖެހިފައިވީ ނަމަވެސް ކޭބަލް ނެތުމުން ބަނދަރު ލައިޓުތަކަށް ކަރަންޓު ނުދެވިފައިވާ ކަމަށެވެ. އަދި ކޭބަލް ހޯދުމަށް ތަފާތު ގިނަ މަސައްކަތްކޮށް ވެސް އެކަން ކާމިޔާބް ވެފައިނުވާ ކަމަށް ވިދާޅުވި އެވެ.

އެރަށު ކައުންސިލުން މައުލޫމާތު ދިންގޮތުގައި އެސަރަހައްދު އަލި ކުރުމަށް ބޭނުން ވަނީ 1200 ފޫޓް ކޭބަލެވެ. އޭގެ އަގަކީ 270000 ރުފިޔާ އެވެ.