29 Dec 2014, 12:50
އައްޑޫ ސިޓީއަކީ ކުށްމަދު އަމާން މުޖުތަމައަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހިންގި ހާއްސަ އޮޕްރޭޝަނެއްގައި ބަގުރާ ކައްކަމުން ދިޔަ ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބަގުރާ ކައްކަމުން ދަނިކޮށް ހައްޔަރުކޮށްފައި ވަނީ ހަތަރު ދިވެހިންނާ ދެ ބިދޭސީ މީހުން ކަމަށެވެ. އޭގެ ތެރެއިން ހަތަރު ދިވެހިން ހައްޔަރުކޮށްފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އަދި ބިދޭސީ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިހަމަހު 27 ހުގައެވެ.
އައްޑޫ ސިޓީގައި ހިންގި އޮޕްރޭޝަންގައި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަމަކާއި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަ ހަމާއި 500 އެމްއެލްގެ ހަ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިއްޔެ ހިތަދޫ ފަޅު ގެއެއްގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ލީޓަރު ހަމެއްވެސް ފެނިފައި ވާކަމަށާއި އަދި ބަލައިފާސްކުރެވެނު ތަންތަނުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައްވެސް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
އައްޑޫގައި ފުލުހުން ހިންގާ އެ އޮޕަރޭޝަން އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށް ފުލުހުން ބުންޏެވެ.