އެއާ އޭޝިއާގެ ގެއްލިފައިވާ މަތިންދާބޯޓް ކިއުޒެޑް 8501 ވެއްޓިފައި ވެދާނެ ކަމަށް ބެލެވިގެން ބަލަމުން އަންނަ ކަނޑުގެ ސަރަހައްދުން އެއްޗެހިތަކެއް ފެނިފައިވާ ކަމަށް އިންޑޮނޭޝިއާ އިން ބުނެފި އެވެ.

އިންޑޮނޭޝިއާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ އިން ބުނީ އެއްޗެހިތަކެއް ފެނުނީ ބޯޓު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އޮސްޓްރޭލިއާގެ މަތިންދާބޯޓުތަކަށް ކަމަށެވެ. އަދި ބުނީ އެސަރަހައްދުން ކަނޑަށް އެޅިފައިވާ ތެޔޮތަކެއް ވެސް ފެނިފައިވާ ކަމަށާއި އެކަމަމު އެއީ ބޯޓުން އެޅިފައިވާ ތެޔޮކަން އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ.

ބޯޓު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ މީހުންނަށް އެސަރަހައްދުން ވަރަށް ދަށް ސިގްނަލްތަކެއް ވެސް މިއަދު ލިބުނެވެ. ނަމަވެސް އެއީ ބޯޓުގެ ސިގްނަލެއް ނޫންކަން މިއަދު ވަނީ އެނގިފަ އެވެ.

އިންޑޮނޭޝިއާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި އެއާ އޭޝިއާގެ މަތިންދާޓް ވެއްޓުނީ 162 މީހުންނާ އެކު އެވެ. އެ ބޯޓުން ދަތުރު ކުރީ ފަޅުވެރިންގެ އިތުރަށް، އިންޑޮނޭޝިޔާގެ 149 ފަސިންޖަރުންނާއި ކޮރެއާގެ ތިން މީހަކާއި އިންގިރޭސި ރައްޔިތަކާއި ސިންގަޕޫރު ރައްޔިތެއްގެ އިތުރަށް މެލޭޝިޔާ ރައްޔިތަކު ކަމަށެވެ.

އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ހާދީ މުސްތަފާ ވިދާޅުވެފައި ވަނީ މަތިންދާބޯޓާ ގުޅުން ކެނޑުނީ ސިންގަޕޫރާ ސުރަބަޔާ ޖަޒީރާއާ ދެމެދު އޮންނަ ޖާވާ ކަނޑުގެ މަތިން އުދުހެނިކޮށް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ގުޅުން ކެނޑުމުގެ ކުރިން މަތިންދާބޯޓުން އެދިފައި ވަނީ އާއްމުކޮށް ދަތުރު ނުކުރާ މަގަކުން ދަތުރުކުރުމަށް ކަމަށެވެ.

ގެއްލިފައި ވަނީ އެއާ ބަސް އޭ 320-200 މަރުކާގެ ބޯޓެކެވެ.

ސީއެންއެން އިން ބުނީ ބޯޓު ފުރި އިރު ވަރަށް ގަދައަށް ގުގުރައި ވިދި ކަމަށެވެ. ނަމަވެސް ގަދަވެ ތެޅުވުމަކީ ބޯޓު ވެއްޓެން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ސީއެންއެން އިން ބުންޏެވެ.