29 Dec 2014, 12:27
ބ. އޭދަފުށީގައި އަލަށް ހިއްކާފައިވާ ސަރަހައްދު ގިރަމުންދާތީ އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އަލީ ވަހީދު މިއަދު ވިދާޅުވީ ސަރުކާރުން ހިއްކާފައި ވަނީ 25.9 ހެކްޓަރުގެ ސަަރަހައްދެއް ކަމަށެވެ. އެހެންނަމަވެސް މިހާރު އެސަރަހައްދުގެ ބޮޑު ބައެއް ގިރަމުންދާތީ ރަށުގެ ރައްޔިތުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"ރައްޔިތުން ވަރަށް ކަންބޮޑުވޭ އެބަ. ރައްޔިތުން ކަންބޮޑު ވަނީ ކޮންމެހެން އެ ސަަރަހައްދުގައި މަސައްކަތެއް ކުރަން ނުފަށައިގެނެއް ނޫން. ރައްޔިތުން ކަންބޮޑުވަނީ ސަރުކާރުން އެހާ ބޮޑު ހޭދައެއް ކުރި ސަރަހައްދަށް ގެއްލުންތަކެއް ލިބެމުންދާތީ. އެފައިސާ ވޭސްޓުވަމުން ދާތީ ރައްޔިތުން ކަންބޮޑުވަނީ." އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް 8600 ޓަނުގެ ހިލަ ގެނައި ކަމަށެވެ. އަދި ކުރިން އެ ހިލަތައް ބަހައްޓާފައި ހުރީ ގިރަމުންދާ ސަރަހައްދާ ދުރުގައި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެހެންނަމަވެސް އެ ސަރަހައްދު ގިރަމުން ގޮސް ހިލަ ފުނި މިހާރު ހުރީ މޫދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަށް އަލީ ވަހީދު ވިދާޅުވީ އަލަށް ހިއްކި ސަރަހައްދުން ގޯތި ދޭން ފަށައިފައި ނުވަނީ އެ ސަރަހައްދަކީ ސަރުކާރުން ހިއްކާފައިވާ ސަރަހައްދަކަށް ވާތީ ކަމަށެވެ. ހަމައެއާ އެކު ގިރަމުންދާ ސަަރަހައްދާއި ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އަލީ ވަހީދުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މިދަނީ ސަރުކާރާއި އެކު މިމައްސަލާގައި މަޝްވަރާ ކުރަމުން. ދެން ސަރުކާރުން ވެސް ވަރަށް ބޮޑަށް މަސައްްކަތް އެބަކުރައްވާ އެ މައްސަލަ ހައްލުކުރުމަށް." އަލީ ވަހީދު ވިދާޅުވި އެވެ.