29 Dec 2014, 12:26
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓަޑާއި ޓޮޓަންހެމް ބައްދަލުކުރި މެޗު އެއްވަރުވިއިރު، ވެސްޓް ހޭމްގެ މައްޗަށް ކުރި ހޯދާ އާސެނަލް އަނެއްކާ ވެސް ތާވަލްގައި ކުރިއަށް ޖެހިލައިފި އެވެ.
ރޭ ޔުނައިޓަޑާއި ޓޮޓަންހެމް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފް ކޮންޓްރޯލް ކޮށްފައި ވަނީ ޔުނައިޓަޑެވެ. އެ ހާފްގައި ޔުނައިޓަޑުން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފަ އެވެ. ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު ޔުނައިޓަޑް ވަނީ ޓޮޓަންހެމްގެ ޑިފެންސަށް ގިނަ ޕްރެޝަރުތަކެއް ކުރިމަތިކޮށްފަ އެވެ. ނަމަވެސް ޓޮޓަންހެމްގެ ޑިފެންސް ވަނީ އެ ޕްރެޝަރާ ރަނގަޅަށް ކުރިމަތިލާ، ޔުނައިޓަޑަށް މެޗުގެ ކުރި ހޯދިޔަ ނުދީ ހިފައްޓާލާފަ އެވެ.
މެޗުގެ ދެވަނަ ހާފްވެސް ޔުނައިޓަޑުން ފެށީ ވަރުގަދަކޮށެވެ. ނަމަވެސް ލަނޑެއް ކާމިޔާބު ނުކުރެވި ގިނަ ވަގުތުތަކެއް ވުމުން މެޗުގެ ސްޕީޑު ދަށްވެ، ދެ ޓީމްގެ ފަރާތުންވެސް ފަހު ވަގުތު ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެ ހާފްގެ ފަހު ވަގުތުކޮޅު ޓޮޓަންހެމްވެސް ޔުނައިޓަޑުގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައިވާ އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ ދެ ޓީމުންކުރެ އެއް ޓީމަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.
އެ މެޗުގެ ނަތީޖާއާއެކު މުޅިއަކު 36 ޕޮއިންޓު ހޯދައި ޔުނައިޓަޑް ތާވަލްގެ ތިންވަނަ މަގާމް އަދިވެސް ހިފައްޓަމުން ދާއިރު، ރޭ އެ ޓީމް ކުޅުނު މެޗު ކާމިޔާބު ކުރުމަށްފަހު ތާވަލްގެ ފަސްވަނައިގައި އޮތް އާސެނަލް ވަނީ އެ ޓީމާއި ޔުނައިޓަޑާ މެދު ޕޮއިންޓުގެ ގޮތުން އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަ ކޮށްލަފަ އެވެ. ތާވަލްގައި އާސެނަލް އާއި ސައުތޭމްޕްޓަން މިހާރު ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެފައިވާ އިރު، ސައުތޭމްޕްޓަން ތާވަލްގެ ހަތަރުވަނަ ހޯދާފައި ވަނީ ފައިދާ ލަނޑު އާސެނަލްއަށްވުރެ ގިނަވުމުންނެވެ.
ރޭ އާސެނަލް އާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގައި އާސެނަލްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ބަލިކަށި ކުޅުމެކެވެ. މިޑްފީލްޑުން އެ ޓީމްގެ ކުޅުންތެރިން ވެސްޓް ހޭމުން ރަނގަޅަށް ހިފައްޓާލާފައިވާ އިރު، އެ ހާފްގައި ވެސްޓް ހޭމްވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާ އާސެނަލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.
ފުރަތަމަ ހާފްގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް، މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ފުރަތަމަ ލީޑް ނެގީ އާސެނަލް އެވެ. ލިބުނު ޕެނަލްޓީއަކުން އާސެނަލްއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އެ ޓީމްގެ ސަންތީ ކަޒޯލާ އެވެ. އޭގެ ތިން މިނެޓު ފަހުން އާސެނަލް ވަނީ މެޗުގައި އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، އެ ޓީމްގެ ލީޑު ފުޅާކޮށްލާފަ އެވެ. ފުރަތަމަ ހާފްގެ 44 ވަނަ މިނެޓުގައި އާސެނަލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޑެނީ ވެލްބެކް އެވެ.
ދެ ލަނޑުގެ ލީޑަކާ އެކު އާސެނަލް ފުރަތަމަ ހާފް ނިންމާލި ނަމަވެސް ވެސްޓް ހޭމް ދެވަނަ ހާފް ފެށީ މެޗުގައި އެ ޓީމަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑާއެކީއެވެ. މެޗުގެ 54 ވަނަ މިނެޓުގައި ވެސްޓް ހޭމްއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ޝެކޫ ކޫޔާތު އެވެ. އެ ލަނޑާއެކު ވެސްޓް ހޭމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރި ނަމަވެސް، އެ މަސައްކަތުން އެ ޓީމަށް ވަނީ ނަތީޖާ ނެރެވޭގޮތް ނުވެފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 2-1 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެނެވެ.