04 Feb 2011, 15:13
ވޮޝިންގޓަން : ރައްޔިތުންގެ ވަރުގަދަ އުތުރި އެރުމަކާ ކުރިމަތިލާންޖެހިފައިވާ މިސްރުގެ ރައީސް ޙުސްނީ މުބާރަކް ވެރިކަމުން އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން އެމެރިކާ އާއި މިސްރު ސަރުކާރާ ދެމެދު ސިއްރު ވާހަކަތަކެއް ދައްކަމުން ގެންދާ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ ނިއުޔޯކް ޓައިމްސް ބުނެފި އެވެ.
މި ނޫސް ބުނިގޮތުގައި މުބާރަކް، ވެރިކަމުގައި ހުންނެވުމުން މިސްރުގެ ޙާލަތު އިތުރަށް ގޯސްވެ އެންމެފަހުން މިސްރުގެ މުސްތަޤްބަލް ވަރަށް ނުބައި ގޮތަކަށް ހިނގައިދާނެ ކަމުގެ ބިރު އެމެރިކާ ވަނީ އިޙްސާސް ކުރަން ފަށާފަ އެވެ. މި އިޙްސާސްތަކާއެކު އެމެރިކާގެ މަސްއޫލުވެރިން މިހާރު ބޭނުންފުޅު ވަނީ އެމެރިކާއަށް އިތުބާރުކުރެވޭ އަދި މިސްރު ރައްޔިތުންގެ ވެސް ރުހުން ލިބިފައިވާ ފަރާތަކާ ވަގުތީ ގޮތުން ވެރިކަން ޙަވާލުކުރެވޭތޯ ބެލުމަށްފަހު މިސްރުގައި ދިމުޤްރާތީ މިނިވަން އިންތިޚާބެއް ބާއްވައިގެން އާ ސަރުކާރެއް އިންތިޚާބު ކުރުމަށް ކަމަށްވެސް މިނޫސް ބުނެއެވެ. މިޚަބަރު، މިސްރުން ވެސް އަދި އެމެރިކާއިން ވެސް ކަށަވަރުކޮށެއް ނުދެއެވެ.
މި ޚަބަރު ފެތުރިފައިވަނީ މުބާރަކްގެ ވެރިކަން ނިމުމަކަށް ގެނަސް އޭނާ ޤައުމުން ބޭރުކޮށްލުމުގެ ދުވަހެއްގެ ގޮތުގައި މިއަދު ހެދުމަށް މިސްރުގެ ރައްޔިތުން ޢަޒުމް ކަނޑައަޅައި މިކަމަށް މަސައްކަތް ކުރަމުންގެންދާ ކަމުގެ ޚަބަރު ފެތުރުނުތާ ކުޑައިރުކޮޅެއް ފަހުންނެވެ. އަލްޖަޒީރާ ބުނާގޮތުން މިއަދުގެ ހުކުރުނަމާދަށްފަހު ޤާހިރާގައާއި މިސްރުގެ އެކިރައްރަށުގެ މައިދާންތަކަށާއި މަގުތަކަށް އެތަށް މިލިޔަން ބައަކު މިހާރުދަނީ އެއްވަމުންނެވެ.
އަނެއްކޮޅުން ރައީސް މުބާރަކް މިއަދު ހެނދުނު ވަނީ އޭނާ ވެރިކަން ދޫކޮށްލައްވައިފިނަމަ މިސްރުގެ ވެރިކަން އިޚްވާން އަލްމުސްލިމީން ޖަމާއަތުގެ އަތްދަށަށް ހިނގައިދާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މިއީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނުކުންނަ ކޮންމެ ފަހަރަކު ވެރިކަން ދޫކޮށްނުލެއްވުމުގެ ބަހަނާއެއްގެ ގޮތުގައި އޭނާ ދައްކަވާ އަދި ތަކުރާރު ކުރައްވާ ބޯދާ ވާހަކަތަކެކެވެ. މިއީ ހުޅަނގުގެ ތާއީދު ހޯއްދެވުމަށް މުބާރަކް އަބަދު ވެސް ގެންގުޅުއްވާ އުކުޅު ކަމަށް މުޙައްލިލުން ސިފަކުރެެ އެވެ.
އިޚްވާނުލްމުސްލިމީން ޖަމާއަތަކީ އެމެރިކާ އާއި އިސްރާއީލު ވަރަށް ރުޅި އަންނަ ޖަމާއަތެކެވެ. ސަބަބަކީ މިއީ އިސްލާމީ ޚިޔާލުގެ ޖަމާޢަތަކަށްވެފައި މިއީ އިސްރާއީލާ އެކު މިސްރުން ސޮއި ކޮށްފައިވާ ސުލްހައިގެ މުޢާހަދާ އުވާލުމަށް ގޮވާލާ ޖަމާޢަތަކަށްވާތީ އެވެ. އިސްރާއީލާ އެކު މިސްރުން ސުލްޙަވެ ސުލްހައިގެ މުޢާހަދާއެއްގައި ސޮއި ކޮށްފައި ވަނީ މިސްރުގެ ރައްޔިތުންގެ ނުރުހުމުގަ އެވެ. އިސްރާއީލާ ގުޅުންތައް އުފެއްދުމަކީ މިސްރުގެ ޢާންމުންގެ ނަޒަރުގައި ވަރަށް ބޮޑު ޖަރީމާއެކެވެ.
މުބާރަކް މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް މިވާހަކަތައް އަޑުއަހާނެ ފަރާތެއް މިހާރު ނެތްކަމަށާއި ޚުދު އެމެރިކާ ވެސް މިހާރު މިވާހަކަ ޤަބޫލުނުކުރާނެ ކަމަށް މިކަމަށް ރައްދުދެއްވި މިސްރުގެ އިދިކޮޅު ލީޑަރުން ވިދާޅުވެ އެވެ. އިދިކޮޅު ލީޑަރެއް ކަމަށްވާ މުޙައްމަދުލްބަރާދްޢީ ވިދާޅުވީ މިސްރުގައި ހަމަނުޖެހުން އުފެދިފައި ވަނީ މުބާރަކް ވެރިކަމުގައި ހުންނެވުމުގެ ސަބަބުން ކަމަށާއި މުބާރަކް ވެރިކަމުން ފޭބުމުން ނޫނީ ރައްޔިތުން މައިތިރި ނުވާނެ ކަމުގައެވެ. އަދި މުބާރަކް ވެރިކަމުން ނުބާލައި ރައްޔިތުން ދެން ގެއަށްނުވަންނާނެ ކަމަށާއި މިސްރުގެ ވެރިކަމަށް އަންނާނެ ފަރާތެއް ނިންމަވާނީ މުބާރަކް ނޫން ކަމަށް ވެސް އަލްބަރާދްޢީ ވިދާޅުވި އެވެ. -- ރޮއިޓާސް، އަލްޖަޒީރާ